މާކަނޑުގެ ބިޔަ ރާޅުތައް، ޚާއްސަ ޚަބަރެއް ރައްކާކުރަމުން ދަނީއެވެ. އޭގެ ވެރިފަރާތުގެ ސީދާ އަރިއަހަށް ބީއްސާލުމަށްޓަކައެވެ. އެއީ ވަންހަނާވެފައިވާ، ސިއްރުތަކުން ފުރިގެންވީ ޚަބަރެއްކަން ކަށަވަރެވެ.
އެއް ރާޅުން އަނެއް ރާޅަށް އަމާނާތްތެރިކަމާ އެކުގައި ހަވާލުވަމުން ދިޔައީ، މަތިޖެހި ބިއްލޫރި ފުޅިއެއްގައި އޮތް ފަތްކޮޅެކެވެ. ދުވަސްވުމުގެ ސަބަބުން އޭގެ ކުލަ ބަދަލުވެ ވީރާނާވާން ފަށައިފައިވެއެވެ. ޔަގީނެވެ! މިފަހަރު އެ ފަތްކޮޅު އެދަނީ އޭގެ މަންޒިލަށެވެ.
އުމުރުން 16 އަހަރުގެ ރަވްލީން ހިނގަމުން ދިޔައީ، ވައި ސާފު އަމާން އަތިރިމަތީގައެވެ. އޭރު ލޮންސިޔަކަށް އިރު އަރައި، ރަންދޯދިތަކުން ކަޢުނު އަލިކުރަމުން ދަނީއެވެ. އުމުރުން ދުވަސްވީ ދެތިން މީހަކު ނޫނީ އެހިސާބުން އެވަގުތު ފެންނާކަށްނެތެވެ. ގުދުރަތުގެ ޗާލު ތަސްވީރެއްފަދަ މާކަނޑަށާއި، މެދުއުޑަށް ރަވްލީންގެ ތޫނު ނަޒަރު ހުއްޓާލެވިފައިވެއެވެ. އޭރު އެދޮން ފައިތިލައަށް ހިމޭން ރާޅުތަކުގެ ސަމާސާ ރައްދުވަމުން ދިޔައެވެ. ހަމަޖެހުމުގެ ނޭވާޔަކާއިއެކުގައި އެރީތި ދެލޯ މަރާލީ، ހިނދުކޮޅުގެ ހަމަހިމޭންކަން ލިބިގަތުމަށެވެ.
ނިތްމައްޗަށް ރޫއަރުވާލަމުން، ކުއްލި ސިހުމަކާއިއެކުގައި ރަވްލީން ލޯހުޅުވާލިއެވެ. ހަރު އެއްޗެއް އައިސް ފައިގައި ޖެހުމުންނެވެ. ހައިރާންކަމާއިއެކުގައި ގުދުވެލަމުން، ފައިދޮށުގައި އޮތް ބިއްލޫރިފުޅި އަތަށް ނެގިއެވެ. ދުވަސްވެ ހަލާކުވާން ގާތްވެފައިއޮތް ފަތްކޮޅު އޭގެ ތެރެއިން ނެގުމަށްޓަކައި ފުޅީގެ މަތީގައި ޖަހާފައިހުރި ލަކުޑި އުނގުރި ނައްޓުވާލެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ކާމިޔާބުވާގޮތް ނުވުމުން ރަވްލީން މިސްރާބުޖެހީ ގެޔާދިމާލަށެވެ.
އަތިރިޔާ ދާދި ގާތުގައި ހުރި އެކުޑަކުޑަ ގޭގައި ދިރިއުޅެނީ ރަވްލީންގެ އިތުރުން މާމަ ދޮންނިސާއެވެ.
"ކަނބުލޯ ތިޔައީ ކޯއްޗެއް؟ މޫދުން އޮތަ ތިޔައީ؟" ރާގުލާފައި ދޮންނިސާ ވާހަކަދެއްކީ ރޯމަހެއް ހިފައިގެން ހުރެއެވެ. އަތުކުރި އޮޅާލައި، ލިބާސް އަރުވާޖަހާލައިފައި ހުރިގޮތުން ހީވަނީ ދޮންނިސާ ވެސް ގެޔަށް އައިސް އެވަނީ ދާދިދެންމެއަކުހެންނެވެ.
"މޫދު ކައިރީގައިހުއްޓާ ލެއްގި ފުޅިއެއް. މިދަނީ މި ހުޅުވޭތޯ،" އަވަސް އަރުވާލައިފައި ރަވްލީން ދިޔައީ ވަލުފަރާތަށެވެ.
ގަހެއްގެ މޫމަތީގައި ފުޅި ބޭއްވުމަށްފަހު، ގަލަކުން ޖަހައި ފުޅި ތަޅާލިއެވެ. ބިއްލޫރިތަކުގެ ތެރެއިން މަޑުމަޑުން ރަވްލީން ފަތްކޮޅު ނެގިއެވެ. ދެން އަނެއްކާވެސް ގޯތިތެރެއަށް ވަދެ، ޖޯއްޔެއްގައި ހަމަޖެހިލިއެވެ. ވަރަށް ބަލައިގެން މަޑުމަޑުން ރަވްލީން އެ ފަތްކޮޅު ހުޅުވާލިއެވެ. ރަންކުލައިގެ ދެއްޔަކުން ލިޔެފައިވަނީ ދިވެހި އަކުރުން ނަމަވެސް ތަފާތު ފޮންޓަކުންނެވެ. ރަވްލީން ފަތްކޮޅު ކިޔަންފެށިއެވެ.
"އޭ ރާނީއެވެ. ވަންހަނާވެފައިވާ ވަޣްރިފުލް ޤަސްރަބާންގެ ފަތްކޮޅުގެ ވެރިޔާއެވެ! ގިނަ ސަލާމާއި ދުޢާހުއްޓެވެ... މިއަޅާގެ ވާޖިބު ފުރިހަމަކޮށްފީމުއެވެ... އެތަކެއް ޤަރުނަކަށްފަހު ކަމަނާގެ އަމާނާތް ރައްދުކޮށްފީމުއެވެ...ރީތި މަޙަލްދީބުގެ ރަށްތަކުގެ ތެރެއިން އެ ރަސްގެފާނު ހުންނަވަން ގަސްތުކުޅައީ ކަމަނާގެ އުފަން ރަށުގައެވެ. ޚުދު ކަމަނާގެ އިންތިޒާރުގައެވެ.
ޝާހީ ހާންދާނެއް ރަށުގައި ބިނާވެ ވަޣްރިފު ރަސްގެފާނުގެ ރަސްކަން ފެށިގެންދިޔައެވެ. ނިސްބަތުން މީހުންގެ އަދަދު މަދު ރަށުގައިވެސް ހަމަނުޖެހުމާއި، ސިއްރު މައްސަލަތައް ހުއްޓެވެ. ވަޣްރިފު ރަސްގެފާނަކީ އެމަނިކުފާނުގެ ފައިދަށުގައި ދުނިގެ ގެންގުޅުއްވާފަދައަކުން، މަރު ގަބޫލުނުކުރާ މުށްބާރު ހަރުކަށި ރަސްކަލެކެވެ. ރައްޔިތުންގެ ގިނަ ބަޔަކު ރަސްގެފާނަށް ބިރުން ކޮންމެ ޢަމުރަކަށް ތަބާވަމުން ދިޔައެވެ.
ވަޣްރިފު ރަސްގެފާނުގެ އަމުރުފުޅަށް ފަތްމިނި ކަނބަލުން ރަސްގެފާނަށް ވެދުމަށް އަރުވަންޖެހެއެވެ. އުމުރުން 16 ހަމަވެ ފުރިހަމަވާރޭގައި ކޮންމެ އަންހެން ކުއްޖަކުމެ ވަޣްރިފުގެ ޝިކާރަޔަކަށްވެގެންދެއެވެ. އެހެނަސް ހިތްވަރުގަދަ، ޖެހިލުންކުޑަ އަދި ރަސްގެފާނު އެންމެ ހިތްޕުޅާވި ކަމަނާގެ ވަސްވެސް ވަޣްރިފު ރަސްގެފާނަކަށް ނުލިބުނެވެ.
އެއީ ދޮންއީސަގެ ހަގު ކަމަނާއެވެ. އާދެ! ރަސްގެފާނުގެ ނުފޫޒުގެ ކުރިން ރަށުގެ ވެރިޔާއަކީ ދޮންއީސައެވެ. ބަސްވިކޭ އެންމެންގެ އިހުތިރާމު އޮތް ބޭކަލެކެވެ. ލޮންސި އުކުމަށާއި ހެވިކަމުގައި ވެސް އަރާހުންނެވި ފިސާރި ބޭކަލެކެވެ.
ދޮންއީސަގެ އަންހެން ދަރިފުޅަކީ ރީތިކަމުގެ ލާމަސީލެއްމެއެވެ. ޖެހިލުންކުޑަ، ހިތްވަރުގަދަ އަދި އެހާމެ ހިތްހެޔޮ ކަނބަލެކެވެ. ވެދުމަކަށް ނޭދި ރަސްގެފާނު ފުރަތަމަ ވެސް ދޮންއީސަގެ އަރިހަށް ދިޔައީ ކައިވެންޏަށް އެދިގެންނެވެ.
"ކަލޭގެ ބެލުމުގައިވާ ޖަވާހިރު އަހަރެންގެ މިލްކިއްޔާތަކަށް ދީފިނަމަ...ކަލޭ ބުނިވަރަކަށް ޚަޒާނާ ދޭނަން. އަގަކީ އޭނާގެ ބަރުދަނަށް ރަންކަމުގައި ވިޔަސް އޭގެ ދިހަ ގުނަ އަހަރެން ދޭނަން!" ވަޣްރިފުގެ ދަހިވެތި ހުށަހެޅުން ރައްޔިތުންގެ ކުރިމަތީގައި ހުށަހެޅިއެވެ.
"މާކަނޑުން ރާޅުނަގާ ނަމައީ އަދި މެދު އުޑުގައި އިރުއަރާނަމައީ އަހަރެންގެ ނަފްސު ދުވަހަކު ވެސް ތިޔަ އަނިޔާވެރި ރަސްގެފާނުގެ މިލްކެއްކަމު ނުވާނެ!" ދޮންއީސައަށް ބަހެއް ނުބުނެވިފައި ހުއްޓާ ރައްދު ދެއްވީ ދަރިކަނބަލުން ބަލްޤިޝް ނުހަނު ހަރުއަޑުންނެވެ."
އިނގިލިން ނަގަންފެށި ދިލަޔަކުން ރަވްލީން ފަތްކޮޅު ތިރިކޮށްލަމުން އިނގިޔަށް ބަލައިލިއެވެ. އޭރު ޝަހާދަތް އިނގިލިން ލޭ އަންނަނީއެވެ. އެކަމަކު ކުރިން އެއްވެސް ވަރަކަށް އެކަމެއް ނޭނގުނެވެ. ފަތްކޮޅު ކިޔައި ނިންމާލަން ޝައުޤު ހުރި ނަމަވެސް އިނގިލިން ލޭމަނާކުރުމަށްޓަކައި ރަވްލީން ތެދުވެ ކޮޓަރިއަށް ދިޔައެވެ. ލޭތައް ސާފުކޮށްލުމަށްފަހުގައި މަލަން އަޅާލިއެވެ.
"ރާނީ..." ކުއްލިއަކަށް ކަންފަތްދޮށުގައި މީހަކު ވައި އަޑުން އެހެން ބުނެލުމުން އަތުގައި އޮތް ފަތްކޮޅު ހޫރާލެވުނެވެ. މީހެއްގެ ނޭވާ ކަންފަތަށް އެޅުނުހެން ވެސް ހީވިއެވެ. އޭރު ރަވްލީންގެ މޭ ބާރަށް ތެޅެނީއެވެ. ބިރުންގޮސް މީހާ ރޫރޫއަޅަން ފަށައިފިއެވެ. ދިހަވަރަކަށް މިނެޓުފަހުން ހީވި ހީވުމެއްކަމުގައި ނިންމާފައި އަނެއްކާ ވެސް ފަތްކޮޅު ކިޔަން ފެށިއެވެ. މިފަހަރު އޮތީ ކޮޓަރީގައެވެ.
"ރައްޔިތުންގެ ލޯތަކުން ބިރުގެ އަސަރު ހާމަވާންފެށިއެވެ. ކަމަނާގެ ގަދަބަސްވީ ރަސްގެފާނުގެ ކޯފާ އިތުރުވި ކަމަކަށެވެ.
"ކަނޑަށް ގަދަބަސް ބުނީތަ؟! އެހެންވިއްޔާ އަޑުއަހާ...މުޅި މިރަށް އަހަރެން ޖަހަންނަމައެއް ފަދަ ކޮށްލާނަން... ކަނބުލޭގެ ރުހުމުގައި އަހަރެންގެ ފައިދޮށަށް އަންނާނެ!" ވަޣްރިފުގެ ހަޅޭކުގެ އަޑު ގުގުމާލިއެވެ.
"މޮޔަހީނުވޭ! ޖަހަންނަމަ ދެއްކުމުގެ ބާރު ރަސްކަލަކަށް ނުވޭ! އެތަނަށް ދިއުން ގާތީވެސް ކަލޭ!" ބަލްޤިޝް ކަމަނާގެ ރައްދުތައް ގަދަކުރިއެވެ. ރުޅިވެރިކަން ހާމަކުރީ ފާޅުގައެވެ.
ވަޣްރިފު ރަސްގެފާނުގެ އެންމެ އަރިސް ބާންދީ އެވަގުތު އެކަމަނާއަށް ލޯއަޅައިލިއެވެ. އެ ބާންދީ ހުންނަނީ ހުސް ކަޅު ކުލައިގެ ފޭރާމަކުން މުޅި ހަށިގަނޑާއި ބޮލުގެ ބޮޑުބައެއް ނިވާކޮށްފައެވެ. ފެންނަން ހުންނަނީ ރޫއަރާފައިވާ މޫނެވެ.
އެދުވަހަށްފަހުގައި ވަޣްރިފު ރަސްގެފާނު ކޮންމެ މަހެއްގެ 15އަށްވާ ރޭގަނޑުގެ ދަންވަރުގައި ރަށުގެ ކޮންމެވެސް އެއް ގެއެއްގައި ހުޅުޖަހައެވެ. ބައެއް މީހުން ސަލާމަތްވީއިރު ގިނަ ބައެއްގެ ފުރާނަ މިފަނާވަނިވި ދުނިޔެއާ ވަކިވިއެވެ. ދޮންއީސައާއި މުޅި އާއިލާ ގޮތްހުސްވަމުން ދިޔައެވެ.
ފަސްވަނައަށްވީ މަހުގައި ދޮންއީސަގެ ވިސްނުމަށް ރަނގަޅު ޚިޔާލެއް އައެވެ. އެއީ ދޮންއީސަގެ ދަރިފުޅު އެހެންމީހަކާ ކައިވެނި ކުރުވުމެވެ. އަދި ދޮންއީސަގެ މޮޅު ވިސްނުމާއި ހުޝިޔާރުކަން ބޭނުންކޮށްގެން ވަޣްރިފު ޤަތުލުކުރުމަށެވެ. ޖެހިގެން އައި ހުކުރުވިލޭރޭގައި އެކަމަނާގެ ކައިވެނިކޮށްދީފިއެވެ. އަދި އެރޭ ދޮންއީސައަށް ވަފާތެރި ދިހަ ފިރިހެނުންނާ އެކުގައި ގަނޑުވަރަށް ދިޔައެވެ. ހަތިޔާރުތައް ފޮރުވައިގެންތިބެ ރަސްގެފާނު އަވަހާރަލައްޕަވާފައިއޮތް ކޮޓަރިކޮޅަށް ވަދެވުނީ ރަސްގެފާނުގެ ހާދިމެއްގެ އެހީގައެވެ. އޭނާ ހުރީ ރަސްގެފާނުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެދިގެންނެވެ. އެހެންކަމުމް ދޮންއީސައަށް ފުރިހަމަ އެއްބާރުލުން ދިނެވެ.
ކާމިޔާބުކަމާ އެކުގައި ވަޣްރިފު ރަސްގެފާނު ގަތުލުކޮށް ރަނިކަމަށް ދޮންއީސަގެ ދެލޯފަދަ ލޯބިވާ އަންހެން ދަރިފުޅު، އާދެ "ބަލްޤިޝް" ކަމަނާ އިސްކުރެވުނެވެ.
މުޅި ރަށަށް އައި އުފާވެރިކަމުގެ ތެރެއިން އެކަކަށް ވެސް ފާހަގަނުވީ ވަޣްރިފު ރަސްގެފާނުގެ ހަށިކޮޅާއި، އަރިސް ބާންދީ އެރޭގެ ފަހުން ނުފެންނަކަމެވެ. އެހެނަސް ރަވްލީން...."
އެފަތުގައި ވަނީ އެހިސާބަށެވެ. ބިރުވެރިކަމާއި ނުތަނަވަސްކަން އިތުރުވީ އަމިއްލަ ނަން އެފަތުގައި އޮތުމުންނެވެ. މިވަނީ ކީއްބާއޭ ރަވްލީންގެ ހިތަށް އެރިއެވެ.
ހިތުގައި ބިރުވެރިކަން އިތުރުވާންފެށުމުން ރަވްލީން ފަތްކޮޅު ބާލީސް ދަށުގައި ބޭއްވުމަށްފަހު ނިކުތީ ބޭރަށެވެ. މާމަގެ ހިލަމެއް ވާކަށް ނެތެވެ. އޭރު މެންދުރު ނަމާދަށް ގޮވަނީއެވެ. ރަވްލީންގެ ހިތަށް އެރީ މާމަ ނަމާދަށް ދިޔައީ ކަމަށެވެ. އެހެންކަމުން މާމަގެ އިންތިޒާރުގައި މަޑުކޮށްލީ ބޭރު ގޯތިތެރޭގައިހުރި ޖޯލީގައެވެ.
"ކާންދަމާ ބަހީ. އޮންނާނެ ތާޒާ ގަރުދިޔަ ބޮލެއް ވެސް،" ދޮންނިސާ އައީ ވަލުދޮރާށިންނެވެ. ދެމައިން އެކުގައި ގޮސް މެންދުރުގެ ކެއުމަށް އިންސާފުކުރިއެވެ.
"މިދަނީ އުތުރު އަވަށުގައި އޮތް މަސައްކަތަކަށް...ހިއެއް ނުވޭ އަވަހަކަށް އާދެވޭނެހެންނެއް. ބޭރަށް ނުގޮސް ގޭގައި ހުންނާތި،" ކަތިވަޅިއެއް ހިފައިގެން ނިކުންނަމުން ދޮންނިސާ ބުނެލިއެވެ.
ރަވްލީން ކިޔަމަންތެރިކަމާއިއެކުގައި ބޯޖަހާލިއެވެ.
ރަވްލީން ހަނދާން ހުންނަންފެށީންސުރެ ވެސް ރަވްލީން ބަލަނީ ދޮންނިސާއެވެ. ކިޔަވައިދީ ނުހެދި ނަމަވެސް ދިވެހި ލިޔަންކިޔަން ދަސްކޮށްދިނެވެ. ނަމާދުކޮށް އަދި ގޭތެރޭގެ ކަމެއްވެސް ކުރާކަށް ދަހެއް ނުކޮށްދެއެވެ. އަބަދުވެސް ގޭގައި ހުރުމަށް ބުނެއެވެ. އެކަމުގެ ސަބަބުން ގާތް އެކުވެރިއެއްވެސް ރަވްލީންގެ ނެތެވެ. ހުރިހާވެސް މީހަކީ މާމައެވެ. ރަވްލީންގެ މައިންބަފައިންގެ ވާހަކައެއްވެސް ވީގޮތެއް ވެސް ދޮންނިސާ ދުވަހެއްގައި ވެސް ކިޔައެއް ނުދެ އެވެ.
ޖޯލީގައި އޮވެއޮވެ ފޫހިވާންފެށުމުން ރަވްލީން އަނެއްކާވެސް ދިޔައީ ކޮޓަރިއަށެވެ.
އެނދުގައި ފުރޮޅިފުރޮޅި އޮތް ރަވްލީންގެ ލޮލުގައި ނިދީގެ އަސަރު ހުއްޓެވެ.
"ރަވްލީން. ވަޣްރިފުގެ ފަތްކޮޅު ފުރިހަމަ ކުރޭ! ވަގުތެއް ނެތް" ނާމާން އަޑަކުން ރަވްލީންގެ ކަންފަތްދޮށުގައި ބުނެލިއެވެ. ސިހިފައި ރަވްލީންއަށް ތެދުވެވުނެވެ. ހިތުގައި ބިރުވެރިކަންވީ ނަމަވެސް، ބާލީސްދަށުގައި އޮތް ފަތްކޮޅުނަގައި ކިޔަން ފެށިއެވެ. ހައިރާންކަން އިތުރުވީދެނެވެ. އެންމެފަހުން ފަތްކޮޅު ނިންމާލިއިރު އޮތް ރަވްލީންގެ ނަމެއް މިހާރަކު ނެތެވެ.
"ބަލްޤިޝް ރަނިންގެ ރަނިކަމަކީ ރައްޔިތުންނަށް އުފާވެރި އަމާން ދުވަސްތަކެއްކަމުގައި ވެގެންދިޔައެވެ. ހުރިހާކަމެއް ބަދަލުވެގެން ދިޔައީ އެކަމަނާއަށް ރަން މުތެއްފަދަ އަންހެން ދަރިކަލަކު ލިބިވަޑައިގެންނެވި ހިސާބުންނެވެ. ސިއްރުން ފުރިގެންވީ ނާމާންކަމެއް ހާމަވެގެން ދިޔައެވެ. ވަޣްރިފު ރަސްގެފާނުގެ އަރިސް ބާންދީ ސިފަ އޮޅުވައިލައިގެން ބަލްޤިޝް ރަނިންގެ އަރިހުގައި ޚިދުމަތްކުރަންފެށިއެވެ. ނުބައި ރޭވުމަކާއި އެކުގައެވެ.
ބާންދީގެ ރޭވުމަކަށްވީ ބަލްޤިޝް ރަނިންގެ އަންހެން ދަރިކަލުން ގަތުލުކޮށް ބަދަލުހިފުމެވެ. އެހެނަސް ކާމިޔާބު ނުވަނީސް ދޮންއީސައަށް ހަގީގަތް ހާމަވީއެވެ. އޭރު ދޮންއީސަވަނީ އުމުރުންދުވަސްވެ ގައިބާރުދެރަވެފައެވެ. އެކަމަކު ފުރާނަޔާ ހަނގުރާމަކޮށް ދޮންއީސަގެ ފަންޑިތަވެރިކަމުގެ ބޭނުންކުރިއެވެ. އަންހެންދަރިފަސްކޮޅުގެ ސަލަމާތަށްޓަކައެވެ. ވަންހަނާވެފައިވާ ހަގީގަތް ދޮންއީސައަށް ހާމަވީއިރު މާލަސްވެއްޖެއެވެ. އެ ޚަބަރު ނުދެވި އުޅެނިކޮށް ދޮންއީސަގެ އަޖަލު ހަމަވީއެވެ.
ޤަރުނުތައް ފާއިތުވަމުން ދިޔައީ ސިއްރު ލޮލަކުން އެދަރިފަސްކޮޅަށް ފާރަވެރިވާ ހާލުގައެވެ. ކޮންމެ އަންހެން ކުއްޖެއްގެ ނިމުން އައީ ދާދި ހިތިކޮށެވެ. އެގޮތުން އެންމެ ފަހު އަންހެން ކަމަނާވީ ވަޣްރިފު ރަސްކަލުންގެ އެ ދިގު އިންތިޒާރުގެ ނިމުމަށެވެ. އެކަމަނާޔަށް 16 ފުރުމުން ފާއިތުވެދިޔަ 4 ގަރުނުގައި ނިންމުމަށް ހަމަޖެހިފައިވާ ނިޔާ ކަނޑައެޅޭނެކަން ކަށަވަރެވެ.
ވަރަށް ލަސްވެއްޖެއެވެ. ކަމަނާއެވެ...ވަގުތެއް ނެތެވެ. ސަލާމަތްވާށެވެ... ތިޔައީ ޚިޔާނާތްތެރި މަކަރުވެރި ރޭވުމެކެވެ... ދޮން.." ފަތުގައި ދެން ލިޔެފައިއޮތް އެއްވެސް އެއްޗެއް ސާފެއް ނުވިއެވެ. ހުރީ ލެއިން ފޯވެފައިވައި ގަނޑުތަކެކެވެ.
ރަވްލީންގެ ސިކުނޑި ނޭނގޭ ހައިޖާނަކުން ހާސްކުރުވައިފިއެވެ. މުޅި މީހާ ދާހިއްލައި ފޯވެއްޖެއެވެ. މިއީ ސީދާ ރަވްލީންއަށް ކިޔައިދީފައިއޮތް ވާހަކައެކޭ ހިތް ބުނަނީއެވެ. އޭރު އިރުއޮއްސި ރަތްވިލާ ލައިފިއެވެ. މާމައެއް ވެސް ނެތެވެ. ގޭތެރެ އަނދިރިވެއްޖެއެވެ. ކޮޓަރީގައި ހުރި ފާނޫޒު ދިއްލައިގެން ރަވްލީން ހުރީ މާމަގެ އިންތިޒާރުގައެވެ. ހަދާނެގޮތް ހުސްވެފައެވެ.
"ރަވްލީން..." ކޮނޑުމަތީގައި ކުރަކި އަތެއް ބޭއްވި އިހުސާސް ކުރެވުނު ހިނދު އެ އިވުނީ އަދި އިންތިހާ ނާމާން ބަރު އަޑެކެވެ. ވަރަށް މަޑުމަޑުން ތުރުތުރު އަޅާ ހާލު ރަވްލީން ފަހަތަށް ބަލައިލިއެވެ. އެއީ ބިރުވެރި ސޫރައެކެވެ. މޫނުގެ އެއްފަރާތް އެއްކޮށް ވަނީ ޗިސްޗިސްވެފައެވެ. ލެއިން ކަޅިވެފައެވެ. ނުރަވެފައިވާ އިސްތަށިގަނޑުގައި ތާޖެއް ހުއްޓެވެ.
ރަވްލީންގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ނެތް ހިތްވަރުލުމަށްފަހުގައި ކޮޓަރިން ނިކުމެ ދުއްވައިގަތެވެ. ދެވޭ ދިމާލެއް، މިސްރާބެއް ރަވްލީންއަކަށް ނޭނގެއެވެ. ވަރުބަލިވެ މާނޭވާލެވެންފެށުމުން ރަވްލީން ދުވުން ހުއްޓާލިއެވެ. ވަށައިގެންވި މާޙައުލަށް ނަޒަރު ހިންގައިލި އިރު ރަވްލީންއަށް ހުރެވުނީ ފުއްޓަރުފަރާތުގެ ހޭޅިފަށުގައެވެ. ބިރާއި ވަހުމުގެ ތެރެއިން އެރީތި ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއްބާއޭ ހިތަށް އެރުމުން ހާސްވެ ގޮތްހުސްވީއެވެ.
އަނދިރީގެ ތެރެއިން ރަވްލީންގެ ހިތަށް ފިނިކަން ގެނެސްދިނީ ދުރުން ފެނުނު މާމަގެ ސޫރައެވެ. ކުރިޔަށްވުރެ ބޮޑަށް ރަވްލީންއަށް ރޮވިއްޖެއެވެ.
"މާމާ... މާމާ" ދޮންނިސާ އަރައި ހަމަވުމުން ރަވްލީން ރޮއެގަތެވެ. އެހެނަސް ދޮންނިސާގެ މޫނުމަތީގައި އެއްވެސް ކުލުނެއް ނެތެވެ.
"އަހަންނަކީ ކަލޭގެ މާމައެއް ނޫން. އަހަރެންނަކީ ވަޣްރިފު ރަސްގެފާނުގެ އަރިސް ބާންދީ. މިއަދާ ހަމަޔަށް ކަލޭގެ ހޫރު ކާފަގެ ފަންޑިތާގެ ސަބަބުން އަހަރެންގެ މަޤުޞަދު ހާސިލުނުވެ އޮތީ. އެއީ ވަޣްރިފު ރަސްގެފާނަށް ކަލޭމެންގެ އަންހެންދަރިފަސްކޮޅު ވެދުން ކުރުން.... ހައްހައްހާ ....
ކަލޭގެ ކާފަގެ އަރިސް މީހެއް ކަމަށްވާ ފުރުގާން ފަތްކޮޅެއް ލިޔުނު... އެފަތްކޮޅު ކަލެޔަށް ކުރިން ކިޔުނު ނަމަ އަހަރެންގެ ޙަޤީޤަތް އެނގި ސަލާމަތް ވެވުނީސް. އަހަރެން އެކަމަށް ހުރަސްއެޅީ...އެވަރުން ވެސް އެފަތް ކަލެޔަށް ލިބުނީ... ކަލޭގެ މައިންބަފައިންނާ މުޅި އާއިލާ އަހަރެން މަރާލިން. އަދި ކަލޭގެ މާމަޔަށް ވެގެން 16 އަހަރު ވަންދެން ކަލޭ ބެލީ މިދުވަހަށްޓަކާ...މިރޭ ކަލޭގެ ލޭ އަހަރެން ވަޣްރިފު ރަސްގެފާނަށްޓަކާ ޤުރުބާންކުރާނަން. ތި ދަރިފަސްކޮޅުގެ ނަންވެސް އޭރުން މުޅި ކާއިނާތުން ފުހެވުނީ... ވަޣްރުފު ރަސްގެފާނުގެ ޙައްޤަކަށް އެކަކަށްވެސް އަރައެއް ނުގަނެވޭނެ..." ނުލަފާ އަޑަކުން ވާހަކަ ދައްކަމުން ބާންދީ ރަވްލީންއާ ގާތަށް ޖެހިލިއެވެ. ޖެހި ބުދެއްހެން ރަވްލީންއަށް ހުރެވުނީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.
އަތުގައި އޮތް ކަތިވަޅިން ރަވްލީންގެ ގައިގައި ޖެހުމަށްޓަކައި އެނުލަފާ ބާންދީ ރަވްލީންއާދިމާލަށް ފުންމައިގެން އައެވެ. އެވަގުތު ރަވްލީންގެ ދެލޯ މެރިގެން ދިޔައެވެ.
އީސަބޭ ފެންކިޔަވާތާ ތިން ވަނައަށްވީ ދުވަހު ރަވްލީން ހޭއަރައިފިއެވެ. ބީރައްޓެހިކަމާ އެކުގައި ރަވްލީން ނަޒަރު ހިންގައިލިއެވެ.
"އެކޮއެ ކިހިނެއްތަ މިހާރު؟" އީސަބޭ ނުހަނު އޯގާތެރިކަމާއެކުގައި އަހާލިއެވެ.
"ކިހިނެއް...އަހަރެން...؟" ރަވްލީންގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
"ބޭބެ ދޮންވެލިކޮޅެއް ހޯދަން ގޮސް އުޅުނު ވަގުތު އާދަޔާ ޚިލާފުގޮތެއް ހީވެގެން ގޮސްބެލިއިރު، އެ އިފުރީތު ކޮއްކޮއަށް ހަމަލާދެނީ.. ހަމަކިރިޔާ ސަލާމަތްކުރެވުނީ. އެއީ އެތަށް ޒަމާނެއްގައި ދިރިއުޅެފައި ހުރި ނުލަފާ ޝައިޠާނެއް. ކޮއްކޮގެ ނަޞީބު ހަމަ ރަނގަޅީ..." އީސަބޭ ކިޔައިދިނެވެ.
ރަވްލީންއަށް ވިސްނުނީ ދެނެވެ. އިންސާނެއްނަމަ އެ ބާންދީއަށް އެތަކެއް ގަރުނު އެހެން ނޫޅެވުނީހެވެ.
އެހާދިސާގެ ފަހުން ރަވްލީންގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔައެވެ. ނާމާން އަދި އެހާމެ ހިތްދަތި ހަނދާންތަކުން އެންމެ ހިނދުކޮޅަކަށް ވެސް ހަމަޖެހުމެއް ނުލިބެއެވެ. ވަންހަނާވެފައިވާ ވަޣްރިފުގެ ފަތްކޮޅު އެ ނިމުނީބާއޭ އަބަދުވެސް ހިތަށް އަރައެވެ. ކަށަވަރެވެ. ފޮރުވިފައިވާ އެތައް ސިއްރެއް އަދިވެސް ވާނެއެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.