އިރުއެރިއިރު އެއީ ހަމަ އާދައިގެ ދުވަހެކެވެ. ހުޅަނގު މޫސުމުގެ ނަލަ ރީތި ދުވަހެކެވެ. އުތުރުން ޖެހޭ މަޑު ވަޔާ އެކު ، މަސްވެރީން މަސްވެރިކަމުގައި އުޅެމުން ދިޔައެވެ. މެންދުރުން އިރު ތިރިވެ ، ހަވީރުވަމުން އައިއިރު ވައިމަޑުވަމުން އައިސް މަސްވެރީންނަށް އިރުއޮއްސުމުގެ ކުރީން ރަށަށް އާދެވުނީ ހިސާބަކަށް ފަލިވެސްޖަހަމުން ނެވެ.
އިރުއޮއްސެމުން ދިޔައިރު، އިރުމަތިފަރާތު އުދަރެހުގައި އާދަޔާޚިލާފު ރީނދޫ ކުލައެއް ޖެހިފައިވާކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެއީ ދެމޫސުން ބެދެން ގާތްވަމުން އަންނާތީ ދިމާވި މޫސުމީ ކަމެއްކަމުގައި ބަލާ އެއްވެސްމީހަކު އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
ދުވާލުގެ ބުރަ މަސައްކަތަށް ފަހު، އެންމެން އަރާމުގެ ނިދިން ނިދައި، މުޅި ރަށް ހަމަހިމޭން ވެއްޖެއެވެ. ސަމީމު އަށް ހޭލެވުނީ، ބަޔަކު ހަޅޭއްލަވާ އަޑުކަހަލަ އަޑެއް އިވިގެންނެވެ. އޭރު އެއީ އަދި ރޭގަނޑުގެ މެންދަމުގެ ވަގުތެވެ. މިވެގެން އުޅޭގޮތެއް ބަލާލަން ގެއިން ނިކުތުމަށް ދޮރު ކައިރިއަށް އަދި ނުދެވި އުޅެނިކޮށް މީހަކު އައިސް ދޮރުގައި ތަޅައިގެންފިއެވެ. އަދި "ސަމީމު، ސަމީމު، އަވަހަށް ނިކުމެ ބަލަ !" އެމީހަކު ގޮވަމުން ދެއެވެ.
ސަމީމު ނިކުމެ ބަލާލިއިރު ކުރިމަތީގައި ހުރީ ، އޭނާ މަހަށްދާ ދޯނީގެ އޮޑިވެރިޔާ، ކާސިންބެއެވެ. ހާސްވެ ކަންބޮޑުވެފައެވެ. މުޅިމީހާ ރޯމަހެއް ތެޅޭހެން ތެޅެނީއެވެ.
"ސަމީމު ދެލޯފުޅާ ! އަހަރެންގެ އޮޑި ސަލަމާތް ކޮށްދީ! ދޯނިތަށް ރަށްމަތިވެއްޖެ! ބޮޑެތި އުދަބާނި ތަކެއް އަރައި، މުޅި ރަށުގެ އިރުމަތިފަރާތް އެއްކޮށް ފެންބޮޑުވެއްޖެ! ބައެއް ދޯނިފަހަރުގެ ބޯސާތައް ކަނޑައިގެން ގޮސް ރަށަށް ލައްގައިފި! ވައިވެސް އެހާބާރު ، ރާޅު އެހާބޮޑު! ... އަވަސްކުރޭ! ކެޔޮޅު ދޮންފުތު ކައިރީވެސް ބުނެފިން! އޭނާވެސް އެބަ އަންނަމޯ ބުނީ!" ކާސިންބެ ކިޔޭ ނުކިޔޭއެއްވެސް ނޭނގޭކަހަލަ ގޮތަކަށް ހުރެ ވާހަކަ ދެއްކިއެވެ. އަދި ދެން، އަދިވެސް އިތުރުމީހަކު ވޭތޯ ބަލަން ދަނީއޭ ބުނެފާ ކާސިންބެ ދުވަމުން ހިނގައްޖެއެވެ.
ސަމީމު އަކީ އުމުރުން ތިރީހަކަށް އަހަރުގެ ޒުވާނެކެވެ. އެދޯނީގެ އެންކެޔޮޅުވެސް މެއެވެ. ސަމީމުގެ ރަނގަޅުކަމުން އޭނާ ބަހައްޓާފައި ހުންނަނީ ބައިފަޅިއެއްވެސް ދީފައެވެ. އެހެންކަމުން އޭނާގެ އޮޑި ސަލާމަތްކުރުމަކީ، ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި އޭނާ ދުށްޓެވެ.
"ފާތުމާ! މަދަނީ އޭ!" ބުނަމުން ސަމީމު ގެއިން ނިކުތުމަށް ތައްޔާރުވިއެވެ. އެވަގުތު ސަމީމުގެ އަނބި ފާތުމަ އައިސް، ސަމީމުގެ އަތުގައި ހިފާލިއެވެ. ދެން، ބޭރުން ފެންނަ ބިރުވެރި، ތޫފާނީ މަންޒަރަށް ބަލާލުމަށްފަހު ބުންޏެވެ. " ސަމީމު ! ރައްކާތެރިވެގެން ، ވިސްނައިގެން އުޅޭތި ! ... ތިޔަ ދެވެނީ ވަރަށް ނުރައްކާތެރި ކަމެއްގެ ތެރެއަށްހެން މަށަށް ހީވަނީ! ތިޔަކަމަށް ސަމީމު އެކަނި ދާކަށް މަށަކަށް ނުވެސް ފެނޭ! ހަނދާންކުރާތި! ސަމީމުއަށް ކަމެއްވެއްޖެނަމަ މަށަށް ވާނެގޮތް! އަދި ދެތިންމަސް ފަހުން އަހަރެންނާއެކު ކުޑަ ދަރިފުޅަކުވެސް ވާނެކަން ހަނދާނުގައި ބަހައްޓާތި!" ފާތުމަ އޭނާގެ، ހަމަހަށް ދާން ކައިރިވެފައިވާ އޭނާގެ ބަނޑުގައި އަތްޖައްސާލަމުން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ މަށަކަށް ކަމެއް ނުވާނެ ! ... އަހަރެން ދޯނި ކައިރިއަށް ދާނީ އަހަރެން އެކަންޏަކުނޫން! ދޮންފުތުބެމެން ވެސް އައިމާ!" މިހެން ބުނަމުން ސަމީމު ބާރުބާރަށް ގެއިން ނިކުތެވެ.
ދެން ބޯވާރެ އާއި ގަދަ ވައިގެ ތެރޭގައި އޭނާ ދުވަމުން ދޯނި އޮތް ދިމާ އަތިރިމައްޗަށް ދިޔައެވެ. ދޯނި ހީވަނީ ހަމަ ދެންމެ ދެންމެ އޭގެ ބޯސާ ކަނޑާލާފައި ބެހިގެން ގޮސްފާނެހެންނެވެ. ވައި ހުރި މިސްރާބަށް ބަލާއިރު، ދޯނި މިރަށަށް ލައްގާނެ ކަމަކަށް ނުބެލެވެއެވެ.
ދޮންފުތުބެއެއް މީހަކު އާދޭތޯ ކުޑަކޮށް މަޑުކޮށްލުމަށްފަހު، އިތުރަށް ދެން މަޑުކޮށްފިނަމަ، ދޯނި ސަލާމަތް ނުކުރެވޭނޭކަމަށް ފެންނާތީ، ސަމީމު ލޯމަރާލާފައި ، ދޯންޏާ ދިމާއަށް ފަތައިގަތެވެ. އަދި ކުޑަ އިރުކޮޅަކުން އޭނާ ގޮސް އޮޑިއަށް އަރައިފިއެވެ. އަދިހަމަ ވަގުތުން އޭނާ ދޯނީގެ ބޯސާގެ ވާ، މޮހާލާފައި ދޫކޮށްލިއެވެ. ހަމަ ދޫކޮށްލުމާ އެކު ، ވައިސޫރިއެއްހެން، ވަޔާ، ރާޅާ ފައްސިޔަވާގޮތަށް ދޯނި ރަށާ ދުރަށް ދާން ފެށިއެވެ. ސަމީމުގެ ގަސްތަކީ ، ވައިމަޑުވެ، ކަނޑު ވެސް މަޑުވުމުން، އޭނާއަށް ވީ ގޮތަކުން ރިޔާ ހިއްލާލައިގެން ، ކޮންމެވެސް އަމާން ބަނދަރަކަށް ދިއުމެވެ. އޭނާ އެކަނިމާ އެކަނި، ކުނބުކުރިއަށް ރިޔާ ނެގުމަކީ ވާނޭކަމެއް ނޫންކަން އޭނާއަށްވެސް އެނެގެއެވެ.
ޖެހޭ ގަދަ ވަޔާ ، ބޯ ކެރީގެ ސަބަބުން ، އޭނާ ހީކަރުވައިގަނެގެން ތުރުތުރު ލާން ފެށިއެވެ. ދެން އިތުރަށް ކޮޅަށް ނުހުރެވޭނޭކަމަށް ފެނުމުން، މުޅިފަންގެ ދޮށުން އޭނާ ހިޔާވަހިކަން ހޯދިއެވެ. ސަމީމު އަށް އެތާއޮވެ ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އޭނާއަށް ހޭލެވުނީ ، މުޅިފަންގެއިން ބޭރުގައިވާ، އޭނާގެ ފަޔަށް އަވިއަރާ ހޫނު ވެގެންނެވެ. ހޭލެވުމާއި އެކު ، އޭނާ އަވަސް އަވަހަށް ތެދުވިއެވެ. ދެން ވަށައިގެން ހޯދާ ބަލާލިއެވެ. އޭނާ ހައިރާންވިއެވެ. ރޭގެ ތޫފާނުގެ އެއްވެސް އަސަރެއް މިހާރަކު ނެތެވެ. ވައި މުޅީންމަޑުވެ، ކަނޑުވެސް ވަނީ މިހާރު މުޅީން މަޑުވެފައެވެ. ދެން އޭނާ ވަށައި ހޯދާލިއެވެ.
ވަށައިގެން އެއްވެސް ރަށެއް އަދި އެއްވެސް ތަނެއް ފެންނާކަށް ނެތެވެ. ފުރާދުއްވާ އުޅަނދެއްގެ ރިޔާ ވަރުވެސް ފެންނާކަށް ނެތެވެ. ހަތަރު ފަރާތު އުދަރެސް ނޫން އެއްޗެއް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ މިހާރު މިވަނީ ، މާކަނޑަށް ގޮސް ، ބެހިފައި ކަން އޭނާއަށް އެނގުނެވެ. މިވީގޮތް ހިތަށް އެރުމުން، އޭނާގެ ލޮލުން ކަރުނަ އައެވެ. އަދި އޭނާގެ ލޯބިވާ އަނބިމީހާ ދެއްކި ވާހަކަތައް ވިސްނި، ގިސްލަގިސްލާފައި ރޯން ފެށުނެވެ. އަދި އެމީހުންގެ މަތީން ވަރަށްބޮޑަށް ހަނދާންވާން ފެށިއެވެ.
އަނެއްކޮޅުން އޭނާގެ ރަށުގައި ، އޭނާގެ އަނބިމީހާ، ފާތުމަވެސް ހަމަ އެ ހާލުގަ އެވެ. ފާތުމައަކަށް އެދުވަހުގެ އިރުއަރަންދެންވެސް ކެތެއް ނުކުރެވުނެވެ. ފަތިސް ވުމާ އެކު އޭނާ ، ގެއިން ނިކުމެގެން އަތިރިމައްޗަށް ދާން ދުއްވައިގަތެވެ.
މަގުމައްޗަށް ނިކުމެވުމާ އެކު އޭނާ އަންތަރީސް ވިއެވެ. މުޅި ރަށުގައި ކަހަލަ ގޮތަކަށް ވަނީ ފެން ބޮޑުވެފައެވެ. އަދި އަމުދުން ރަށުގެ އިރުމަތި ފަރާތް ވަނީ އެއްކޮށް ފެންބޮޑުވެ ، ގަސްތަކާއި ބައެއް ގެތައް ވެއްޓި ހަލާކުވެފައެވެ. އަތިރިމަތީގައި ހުރި ހުރިހާ އޮޑިހަރުގެއެއްވެސް ވަނީ މުޅީން ވީރާނާ ވެފައެވެ.
ބޭރުގައި އަޅާފައި ހުރި ގިނަ ދޯނިތައް ވަނީ ރަށަށް ލައްގާފައެވެ. އަދި އެހެލާފައި ހުރި ދޯނިތައް ވަނީ، މާބޮޑަށް އެއްގަމަށްއަރައި، އަދި ބައެއް ދޯނިފަހަރު ، އަތިރިމަތީ ގާތުގައި ހުރި ބައެއް ގޭގޭ ތެރެއަށް ވެސް ވަދެފައި ވެއެވެ. މުޅި ރަށުގައި ، ކުނިބުންޏެވެ. އޭގެ އިތުރުން މަރުވެފައިވާ މަސްތަކާއި، މަރުނުވެ ތިބި ކުދިމަސްތައް، ބޮޑުވެފައިވާ ފެންގަނޑުގައި ދުވެދުވެ ތިއްބެވެ. އޮޑިވެރީން އެމީހުންގެ އޮޑިދޯނިފަހަރު ސަލާމަތް ކުރުމަށް ހޭބޯނާރާ އުޅެއެވެ.
މިއިން އެއްވެސް ކަމެއް ފާތުމަ އަކަށް ބޮޑެއް ނޫނެވެ. އޭނާ ، ރޮމުން ، ދުވަމުން ، ފެންނަހާ މީހަކު ކައިރީ އަހަމުންދަނީ ސަމީމު ދުށީމު ތޯއެވެ. ސަމީމު ދުށް އެއްވެސް މީހަކާ ދިމާވިކަމުގައެއް ނުވިއެވެ.
ދެން އޭނާ ދުއްވައިގަތީ ، ރަށުގެ ވެރީން ފެނޭތޯއެވެ. ވެރީންވެސް ވީ އަތިރިމަތީގައި ކަން އެނގުމުން ފާތުމަ އެތަނަށް ދިޔައެވެ. ދެން ރަށުގެ ވެރީންގެ ކިބައިން އޭނާ މައުލޫމާތު ސާފުކުރިއެވެ. ރަށުގެ ވެރީންގެ މައުލޫމާތުން އެނގޭ ގޮތުގައި ، ރަށުން ރޭގައި ތިންމީހަކު ގެއްލިފައި ވެއެވެ. އޭގެތެރެއިން އެކަކީ ސަމީމެވެ. މިޚަބަރު އެނގުމާއިއެކު ފާތުމަ ހޭނެތިގެން ވެއްޓުނެވެ. ދެން، މީހުންގެ އެހީގައި އޭނާ، އޭނާގެ މައިންބަފައިންގެ ގެއަށް ގެންދެވުނެވެ.
އަނެއްދުވަހަށް އިރުއެރީއެވެ. މިހާރު ސަމީމު ބެހިގެން އުޅޭތާ ސައުވީސް ގަޑިއިރު ވީއެވެ. އެހެން ކަމާއި އެކުވެސް، އޭނާއަކަށް ބަނޑުހައިވުމުގެ އެއްވެސް އިހުސާސެއް ނުކުރެވެއެވެ. އޭނާގެ ކަމަކީ ނަމާދު
ކުރުމާއި ދުޢާ ކުރުމެވެ. މިހާރު ވައި މުޅީން ހިނދި ، ކަނޑު ވަނީ އެއްކޮށް ތޭލާން ވެފައެވެ. އަންނަ ބޮޑެތި ބާނިތަކުން ފިޔަވާ ދޯނި ތަޅުވާ ވެސް ނުލައެވެ. ގަދަ ހޫނުން ސަލާމަތްވުމުގެ ގޮތުން، މުޅިފަންގެ އާއި ބައެއް ފަލި ބޭނުންކޮށްގެން ފިލާގަނޑުގެ މަތީގައި އޭނާ ކުޑަ ހިޔާކޮޅެއް ހެދިއެވެ. ދެން އެތާ އިނދެލާފައި ، ފިނިވުމުން އަނެއްކާ ތެދުވެ އެއްވެސް ތަނެއް ފެނޭތޯ ނުވަތަ ފުރާދުއްވާ އެއްޗެއް ފެނޭތޯ އޭނާ ބަލައެވެ. މުޅިދުވަސް ހޭދަވަނީ މިގޮތުގައެވެ.
މޫސުން ރަނގަޅުވެ، ކަންކަން ހަމަޔަކަށް އެޅުމާއިއެކު ، ސަމީމުގެ ރަށުގެމީހުން ، އެރަށުން ގެއްލިފައިވާ މީހުން ފެނޭތޯ ކަނޑުމައްޗާއި، ފަޅުރަށްތައް ބަލަމުން ދެއެވެ. އެ ހާދިސާ ގައި އެރަށުން ތިން މީހުން ގެއްލުނު ކަމުގައި ވެއެވެ. ތިން ދުވަސް ފަހުން، އެރަށުން ގެއްލުނު ދެމީހުން މަރުވެފައި ތިއްބާ ، އެ އަތޮޅުގެ ދެ ފަޅުރަށަކުން ފެނިފައި ވެއެވެ. އެމީހުންނަށް ނުފެންނަނީ ހަމައެކަނި ސަމީމެވެ.
ރަށަށް އެނބުރި ދެން ދެވިދާނެ ކަމުގެ އުންމީދު ކުޑަވެ މީހާ މާޔޫސް ވުމުން ، ސަމީމު އަށް މިހާރު ބަނޑުހައިވުން އިހުސާސްވާން ފެށިއެވެ. އޭނާއަށް މިތަނުން ލިބޭނެ ހަމައެކަނި އެއްޗަކީ ، އޭނާގެ ވަށައިގެން މިވާ ބޮޑު ކަނޑުން، މަހެކެވެ. މަސްބާނާނެ ހުރިހާއެއްޗެއް އޭނާގެ އޮޑީގައި ހުރުމުގެ ސަބަބުން، މަހެއް ހޯދާކަށް މާ އުނދަގުލެއް ނުވިއެވެ. ކުޑައިރުކޮޅެއްގެ މަސައްކަތުން އޭނާ ، މާނިޔާ މަހެއް ބެއެވެ. ދެން އޭތި ކަނޑާ ، ލޮނުން ދޮވެ ސާފުކުރުމަށް ފަހު، ހިއްކަން ބެހެއްޓިއެވެ. ހަވީރުވީއިރު މަސް ހުރީ ހިކިފައެވެ. ދެން އޭނާ ހިތްވަރުކޮށްފައި އެ ކެވޭތޯ ބެލިއެވެ. ކުޑައެތިކޮޅެއް ކެއުމަށްފަހު، ފެންރުނބައިން ފެންފޮދެއް ނަގާ ބޯލި އެވެ. އޭގެ ފަހުގައި އޭނާގެ ކާނާއަކީ މުޅީންވެސް އޭނާ ބާނާ މަހެވެ.
ސަމީމު މިހާރު އޭނާއަށް ފެނުނު ، ހަޔެއްކަ އުޅަނދަށް ހަންޖަހައިފިއެވެ. އޭނާ ހަންޖަހަން ބޭނުންކުރަނީ، ރިތެއްގެ ކުރީގައި ފޮތިކޮޅެއް އައްސާލައިގެން އެ ހޫރައިގެންނެވެ. ނަމަވެސް މިހާތަނަށް އޭނާއަށް އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. މިހެންވުމުން އޭނާގެ މާޔޫސްކަން ބޮޑުވެ ، ދެން ހިކިފަސްތާކަށް އޭނާއަށް ދެވިދާނެކަމުގެ އުންމީދު މުޅީންހެން ގެއްލިއްޖެއެވެ.
ކުރީގައިހެން މިހާރު ސަމީމު ، މާކުރިއަކުން ތެދުވެއެއް ވެސް ނޫޅެއެވެ. މާޔޫސްކަމާ އެކު ، ބަލިކަން ވެސް އޭނާ އަށް މިހާރު އިހުސާސް ކުރެވެއެވެ. އޮށްޓަރު ކުރެއްވި އެއްޗެއް ނުކައި އެހާ ގިނަދުވަސް ވުމުންނެވެ.
މިއަދު އޭނާ ، އޭނާގެ ހިޔަލުން ނިކުތީ ، މެންދުރުވާން ކައިރިވެފައި ވަނިކޮށެވެ. ބޭރަށް ނުކުތުމާ އެކު އޭނާއަށް ލިބުނީ، ކުއްލި ހައިރާން ކަމެކެވެ. އޭނާއަށް ފެނުނީ ، އޭނާގެ ދޯންޏާއި ދިމާއަށް އަންނަ އަދި ވަރަށް ކައިރިވެފައިވާ ނަވެއްކަހަލަ އުޅަނދެކެވެ. ސަމީމު އުފަލުންގޮސް ، އަވަސް އަވަހަށް އޭނާގެ ހަން ހޫރައިގަތެވެ.
އަދި ހަމަ ކުޑަ އިރުކޮޅަކުން އެ އުޅަނދު ، ސީދާ ސަމީމުގެ ދޯންޏާއި ދިމާއަށް އަންނަން ފެށިއެވެ. ސަމީމު ވީއުފަލުން ވަގުތުން ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. އަދި މާތްﷲ އޭނާގެ ދުއާތައް އިޖާބަކުރެއްވީކަމަށް އޭނާ ގަބޫލު ކުރިއެވެ.
އެ އުޅަނދު ގާތްކުރުމާ އެކު ، ވަގުތުން ސަމީމު އެ އުޅަނދަށް ނެގިއެވެ. އަދި އޭނާއަށް ވަރަށް ރަނގަޅަށް ކަމޭހިތުނެވެ. ސަމީމު އަކަށް އެމީހުން ކިޔާއެއްޗެއް އަދި އެމީހުންނަކަށް ސަމީމު ކިޔާ އެއްޗެއް ނޭނގެއެވެ. އެހެންކަމުން ވާހަކަދައްކަނީ އަތުގެ ހަރަކާތުންނެވެ. އެތައްވަރަކުން އުޅެގެން، އެމީހުން އެ އަހަނީ ސަމީމުގެ ނަމަކީ ކޮބައިހޭ ކަން އެނގިގެން، އަހަރެންގެ ނަމަކީ "ސަމީމު" މިހެން ބުނުމުން ، އެމީހުން ވަރަށް އުފަލުން ހޭންފެށިއެވެ. ދެން ސަމީމު އެކަމާ ހައިރާން ވުމުން، އެމީހުން، ނަމާދަށް ހަށަންބަންނަގޮތަށް ހަށަންބަނދެފައި، އަހަރެމެންނަކީ ވެސް މުސްލިމުންނޭ އެ މީހުންގެ އިސާރާތުން ބުންޏެވެ. ދެން އޮޑީ އެންމެން ވަރަށް އުފާވެއްޖެއެވެ. ހީވާގޮތުން އެއޮޑީގެ މީހުންނަކީ އިންޑޮނީޝިޔާގެ ރަށެއްގެ ބައެކެވެ.
ސަމީމު ނެގި އޮޑީގެ މީހުންނަކީ ވަރަށް ދިގުދަތުރުތަށް ކޮށް އުޅޭބައެކެވެ. އަދި ސަމީމަކީ ކަނޑުމައް-ޗަށް ވަރަށް ފަރިތަ މީހެއްކަން އެނގުމުން، ސަމީމު ، އެމީހުންނާ އެކު ގެންގުޅެން އެމީހުން ނިންމިއެވެ.
ސަމީމު އަކަށް އޭނާގެ ގައުމާ ރަށް ބުނެދޭކަށް ނޭނގެއެވެ. އެހެންކަމުން އެމީހުންނާއިއެކު އުޅުން ނޫން ގޮތެއް އޭނާ އަކަށްވެސް ނެތެވެ. ސަމީމު އަށް އޭނާގެ ގައުމާއި ރަށް ބުނެދޭން އެނގުނު ދުވަހަކުން، އޭނާ އެނބުރި އޭނާގެ ގައުމަށް ފޮނުވައިދޭނެ ކަމަށް އެމީހުން އިސާރާތުން ބުނެދިނެވެ.
އެތައް އަހަރު ތަކެއް، ސަމީމު އެމީހުންނާ އެކު ހޭދަކޮށްފިއެވެ. މިހާރު ސަމީމު އަށް އޭނާގެ ގައުމާއި ރަށް ބުނެދޭން އެނގިއްޖެއެވެ. އެހެންކަމުން ، ސަމީމުގެ އިންޑޮނީޝިޔާ އެކުވެރީންގެ ބުރަ މަސައްކަތުން އެންމެފަހުން އޭނާއަށް ، ބަންގާޅުއޮޑިއަކުން ، އޭނާގެ އަމިއްލަ ވަޒަނަށް ދެވޭނޭ ގޮތް ވެއްޖެއެވެ. ސަމީމުގެ ދިގު އިންތިޒާރަށް އެންމެފަހުން ނިމުން އަންނަނީއެވެ.
އޭނާގެ ލޯބިވާ ފާތުމަ އަށާއި އޭނާ އަދި ލޮލުން ނުދެކޭ އޭނާގެ ދަރިފުޅަށް ވަރަށްގިނަ ހަދިޔާ ތަކާއެކު ސަމީމު ދަތުރު ކުރަނީއެވެ. ސަމީމުއަށް، އޭނާ އެމީހުންނާއި ވަކިވިފަހުން ވީ، ކިތައް އަހަރު ކަން ނޭނގުނު ކަމުގައިވިއަސް ، އެމީހުންނަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ.
ސަމީމުގެ ދަރިފުޅަށް މިހާރު ހަތަރު އަހަރު ފުރިއްޖެއެވެ. އެއީ ލޯބިލޯބި އަންހެންކުއްޖެކެވެ. އެހެން ކަމުން ، ސަމީމު ރަށުން ގެއްލުނުތާ މިހާރު ފަސްއަހަރާއި ގާތްވަނީއެވެ. އަދިވެސް އޭނާއަށް ނޭނގޭ އެތައް ކަމެއް މިހާރު، ރަށުގައި ހިނގައިފިއެވެ.
ސަމީމުގެ އެހީތެރިކަމާވެސް އެކު ، ސަމީމު ދަތުރުކުރާ ބަންގާޅުއޮޑި ، ދަތުރުކުރަނީ ސީދާ ސަމީމުގެ ރަށަށް ދިއުމަށެވެ. އެންމެފަހުން ، ދިގުއިންތިޒާރަށް ނިމުން އައީއެވެ. ސަމީމުމެންގެ އޮޑި އައިސް ، އޭނާގެ ރަށުގައި ބަނދަރުކުރީއެވެ.
ދެރައީ، ރޭގަނޑުގެ މިހާދަން ވަގުތަކާ ދިމާވުމާ އެކު ، ކަޅުފޮއި މޫސުމާ ދިމާވުމެވެ. އެހެންކަމުން ރަށުގެ މީހުންނަކަށް މިއޮޑީގެ ޚަބަރެއް އަދި ނުވެއެވެ. އޮޑި އެތާއޮތް ހުސް ބޯސަލެއްގައި ރަނގަޅަށް އެޅުމުން އެމީހުންގެ ޑިންގީގަނޑުގައި ، ސަމީމު ރަށަށް ބާލައިދިނެވެ. އަދި އެމީހުން ފުރާނީ، ފަތިހު އަލިވީމާ ކަމުގައި ސަމީމު ގާތު ބުންޏެވެ.
ހަތަރު އަހަރާ އެތައް މަހެއްގެ ފަހުން، ސަމީމު އައިސް އޭނާގެ އަމިއްލަ ރަށުގެ ފަސްގަނޑުގައި ފައި ބީއްސާލުމުން، އޭނާއަށް ކުރެވުނީ ބުނަންވެސް ނޭނގޭކަހަލަ އިހުސާސްތަކެކެވެ. އާދަޔާ ޚިލާފު އުފަލެކެވެ. އަދި ދެން ކުރިއަށް އޮތީ އޭނާ މިހުރިހާ ދުވަހު އިންތިޒާރު ކުރި އޭނާގެ އެންމެބޮޑު އުފަލެވެ. އޭނާގެ ލޯބިވާ އަނބިމީހާ އާއި ދަރިފުޅު ފެނުމުގެ އުފަލެވެ. އެމީހުންނާއި ބައްދަލުވުމުގެ އުފަލެވެ.
ހަދިޔާތަކާ އެކު އުފަލުންހުރެ، ސަމީމު އެއްގަމަށް އެރިއެވެ. ކޮންކަހަލަ ރަނގަޅު އިއްތިފާގެއް ހެއްޔެވެ؟ މިފަދަ ދަން ގަޑިއެއްގައި އޭނާއާ އެ ދިމާވީ އޭނާގެ އެންމެ އެކުވެރީންގެ ތެރޭގައި ހިމެނޭ ހާދީ އާއެވެ.
ހާދީ އަކަށް ފުރަތަމަ ސަމީމު ނުވެސް އެނގުނެވެ. އައިސްފައިވާ ބަދަލުތަކުންނެވެ. ފަހުން އެނގުމުން ދެމީހުން ބައްދައިގަތެވެ. ދެމީހުން ބައްދާލާފައި ވަކިވިއިރު ، ހާދީގެ ލޮލުން ކަރުނަ އައިތަން ފެނުނެވެ. ސަމީމު ހައިރާން ވެގެން ބުންޏެވެ.
"މީހުންނަށް އުފަލުންގޮސް ރޮވެޔޭ ބުނާ އަޑު އަހަމެވެ. އެކަމަކު އެކަންފެނުނު މީ ފުރަތަމަފަހަރެވެ."
"ސަމީމު! އަހަރެންނަށް ތިޔަ ދެގޮތްވެސް ވެއްޖެ!، އަހަރެން ފުރަތަމައަށް ވީ އިންތިހާއަށް އުފާ!
އޭގެ ފަހުގައި ، އިންތިހާއަށް ހިތާމަ!" ހާދީ އިސްދަށަށް ޖަހައިލައިގެން ހުރެ ބުންޏެވެ.
"އައި! އެއީ ކީއްވެ ؟ ... ކީއްވެ ތިޔަހެން ތިޔަބުނީ ؟" ސަމީމު ހައިރާންވެގެން ހުރެ ސުވާލުކުރިއެވެ.
"ސަމީމު ! ކަލޭ މާ ލަސްވެއްޖެ! ފާތުމަ މިހާރު އެހެންމީހަކާ އިނދެފި! ފިރިމީހާ ގެއްލުމުން އަނބިމީހާ، ފިރިމީހާއަށް އިންތިޒާރުކުރަން ޖެހޭ ޝަރުއީ މުއްދަތު ހަމަވުމުން ، ފާތުމަގެ މައިންބަފައިން އޭނާ އެހެންމީހަކާ ދެވައިފި! އަދި ....
ހާދީގެ ވާހަކަ ނުނިމެނީސް ސަމީމު ، ހާދީގެ އަނގައިގާ އަތްއަޅައި ހާދީގެ ވާހަކަ ހުއްޓުވިއެވެ.
"ދެން ހެޔޮ ހާދީ ! ... މަށަކަށް ދެން އެންމެ ލަފުޒެއްވެސް އަޑުއަހާކަށް ކެތެއް ނުކުރެވޭނެ!"
ސަމީމުގެ ލޮލުން އެއްވެސް އިޚްތިޔާރަކާ ނުލައި ކަރުނަތަށް އޮހޮރިގަތެވެ. އަދި އޭނާއަށް ރޯން ފެށުނެވެ.
ސަމީމުއަށް ހީވަނީ އޭނާގެ ކަރުތެރެ ބެދިއްޖެހެންނެވެ. އޭނާގެ ކަރުތެރެއަކުން އެއްވެސް އަޑެއް ނުނިކުތެވެ. އަދި އޭނާއަށް އިހުސާސްކުރެވެނީ އޭނާގެ ދެފައި ބިމުގެތެރެއަށް ގަނބައިގެން ގޮސްފައިވާ ހެންނެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅުނެވެ. ދެން އިރުކޮޅަކަށްފަހު، ވަރަށްމަސައްކަތުން އޭނާ އެއްޗެއްބުނެވޭތޯ މަސައްކަތް ކުރިއެވެ.
"ހާދީ ! އަހަރެންގެ އަތުގައި މިވާ ތަކެއްޗަކީ ، އަހަރެން ވަރަށް ފޮނި އުންމީދާ އެކު ވަރަށް ބުރަ
މަސައްކަތުން އެމީހުންނަށްޓަކައި އަހަރެން ހޯދި އެއްޗެހި! ވީމާ މިތަކެތި އަމާނާތްތެރިކަމާއި އެކު އެމީހުންނާއި
ހަމައަށް ގެންގޮސްލައި ދީ! އިތުރު އެއްވެސްކަމެއް ދެން އަހަރެން ބޭނުމެއްނޫން! ދެން އެމީހުންނަށް އަހަރެންގެ ސަލާމް ބުނެލަދީ! " މިހެން ބުނުމަށްފަހު ، ސަމީމު އައި ދިމައަށް އެނބުރި ހިނގައިގަތެވެ. ދެން އޭނާ ފަހަތް ބަލައިވެސް ނުލާހުރެ ގޮސް، އޭނާ އައި އޮޑިއަށް އެނބުރި އެރިއެވެ.
ހާދީ އޭނާގެ އަމާނާތް އަދާކުރިއެވެ. ހެނދުނު ހަމަ އިރުއެރުމާއިއެކު ސަމީމުގެ ހަދިޔާ ، ފާތުމައާ ހަވާލުކުރިއެވެ. އަދި ސަމީމުގެ ވާހަކަތައް ކިޔައިދިނެވެ.
ސަމީމުގެ ވާހަކަ އަޑުއިވުމުން، ފާތުމައަށް ހީވީ އޭނާގެ ފައިދޮށުން ބިންގަނޑު ދެމިގެންހެންނެވެ. އޭނާއަށް ބުނާނޭ އެއްޗެއްވެސް ނޭނގިފައި އެތައްއިރަކު ގަނޑުވެފައި ހުރެވުނެވެ. ދެން އެހެންހުރެފައި، ކުއްލިއަކަށް ގޮސް އެނދުގައި ނިދާފައިއޮތް އޭނާގެ ދަރިފުޅު، ސަމީމާ ނަގާ ކޮނޑުމަތީ ބާއްވައިގެން ދުއްވައިގަތެވެ. ދުވެވޭހާ ބާރަކަށްގޮސް އޭނާ އަތިރިމައްޗަށް ދިޔައެވެ. އެކަމަކު އޭނާ މާ ލަސްވެއްޖެއެވެ. ފާތުމައަށް ފެނުނީ ، އުދަރެހުކޮޅަށް ގޮސް އޮބާލައި، ސަމީމު އެ އޮޑިއަކުން ދަތުރުކުރާ އޮޑީގެ ރިޔާތަކެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.