އުޑުމަތި ސާފު ރީތި ދުވަހެކެވެ. ލޯންޗުގެ މިސްރާބު ހުރީ މާލެއާ ދިމާއަށެވެ. އެންމެން ތިބީ މާސްކު އަޅައި އަނގަމަތި ނިވައިކޮށްފައެވެ. ގައިދުރުކަން އިސްކޮށްފައެވެ. ކޮވިޑް19ގެ އާލަމީ ވަބާގެ ނުރައްކާތެރިކަން ބޮޑުވެ، ޒަރޫރީ ބޭނުމަކަށް މެނުވީ، މާލެއަކަށް މީހަކު ނުދެއެވެ. ކިރާމް ވެސް ދަތުރުކުރަމުން އެ ދަނީ އޭނާގެ ކައިވެންޏަށް ބޭނުންވާ ސާމާނު ގަތުމަށެވެ.
މެންދުރެއްހައި އިރު ފާލަމާ ލޯންޗު ގާތްކުރުމުން ކިރާމް ލޯންޗުން ފޭބިއެވެ. ބާޒާރުމަތީގައި ހުރި ފަރުނީޗަރު ފިހާރައަކަށް ވަން އިރު އެ ފިހާރައިގައި ހުރި ޓީވީން ކޮވިޑް19އާ ގުޅޭ ކުއްލި ޚަބަރެއް ކިޔާ އަޑުއިވުނެވެ. މާލެއިން ފައްސިވާ މީހުންގެ އަދަދު ގިނަވެ، މިއަދު އިރުއޮއްސި ހައެއްޖެހުމާ އެކު މާލެ ފުރަބަންދުކުރަން ސަރުކާރުން ނިންމެވި ޚަބަރެވެ. މާލެއިން ބަޔަކު ފުރުމާއި މާލެއަށް ބަޔަކު އައުން މަނާވީއެވެ. އަދި އެ ބަޔަކު ދިރިއުޅޭ ގެއަކަށް އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ވަނުމަށް ވެސް އިލްތިމާސްކުރިއެވެ.
އެ އަޑާ އެކު، ކިރާމަށް ހީވީ ބޮލަށް ބަރެއް ވެއްޓުނުހެންނެވެ. ހަދާނެނުހަދާނެ ގޮތެއް ނޭނގި ބޯހާސްވިއެވެ. ކައްޕިއަށް ގުޅައިލުމުން ދެން ލިބުނު ޚަބަރު އަދި މާ ހިތްދައްޗެވެ. ލޯންޗުގެ އިންޖީނު ހަލާކުވެ މާލެއިން ފުރޭނެކަމުގެ އެއްވެސް އުންމީދެއް ނެތްކަމުގެ ޚަބަރު ލިބުނެވެ. ކިރާމް ދެން ބެލީ މާލޭގައި ހުންނާނެ ތަނެއް ހަމަޖެހޭތޯއެވެ. ކުރި މަސައްކަތުން އަވަށްޓެރި އަހަންމަދުބެ ކުއްޔަށް ހިފައިފައި ހުންނަ ގޭގައި ހުރެވޭ ގޮތަށް ހަމަޖެހުނެވެ. އަހަންމަދުބެއަކީ ކިރާމްގެ ބައްޕަ ރާޝިދުގެ ގާތް ރަޙުމަތްތެރިއެކެވެ. އެއްބަނޑުމީހެއް ހައި ހެޔޮ މީހެކެވެ.
ދެތިން ހަތަރު ހެދުމާއި ޒަރޫރީ ބައެއް ސާމާނު ގަނެގެން، އަހަންމަދުބެ ދިން އެޑްރެހަށް ކިރާމަށް ދެވުނު އިރު ފަސްގަޑި ބައިވަނީއެވެ. ކިރާމު ހުންނަން ލިބުނީ ކުޑަ ވަރެއްގެ ކޮޓަރިއެކެވެ. އެހެނަސް މި ދަނޑިވަޅުގައި ބޯހިޔާވަހިކަމެއް ލިބުނީތީ މާތްﷲއަށް ޙަމްދުކުރިއެވެ. އަހަންމަދުބޭގެ ކުދިން ރަށުގައި ނޫޅުމާ އެކު، އެ ގޭގައި އުޅެނީ ކިރާމާއި އަހަންމަދުބެޔާ އެކަންޏެވެ. ރަށްފުށުގެ ތަނަވަސް މާހައުލުގައި މިނިވަންކޮށް އުޅެމުން އައި ބަޔަކު ކޮށްޓަކަށް ލެވި ބަންދުވީއެވެ. ކުރެވެމުން ދިޔައީ ހިތްދަތި އިހުސާސެކެވެ. އާއިލާއާ ދުރުގައި ތިބެން ޖެހުމަކީ ވަކިން ޚާއްސަކޮށް ވޭނަކަށް ވާނެޔޭ ދެ މީހުން ވެސް ހިތަށްއެރިއެވެ.
އެއް ރެއެއްގެ ދަންވަރެވެ. އަހަންމަދުބެއަށް ހޭލެވުނީ ކަރުހިއްކައިގަނެގެނެވެ. ބަދިގެއަށް ދިއުމަށް ޓަކައި ކިރާމްގެ ކޮޓަރި ހުރަސްކޮށްލަން ހިނގައިގަތެވެ. އަހަންމަދުބޭގެ ފިޔަވަޅަށް ހުއްޓުމެއް އައެވެ. ކިރާމްގެ ކޮޓަރިން އަންނަ އަޑަކަށް ސަމާލުކަންދެވިއްޖެއެވެ. އެ އަޑެއް ވަރަށް ސާފުކޮށް އިވެއެވެ. ގާތްގަނޑަކަށް ދިހަ ބާރަ އަހަރުގެ ފިރިހެންކުއްޖެއްގެ އަޑެވެ. އެ ކުއްޖަކު ރޮނީއެވެ. ސަލާމަތަށް އެދި އާދޭސްކުރަނީއެވެ. ދޫކޮށްލުމަށް އެދި ހަޅޭއްލަވަނީއެވެ. އަހަންމަދުބެއަށް ލިބުނީ ހައިރާންކަމެކެވެ. ޒާތެއްގެ ބިރުވެރިކަމެއް ވެސް ހިތުގައި ހިނގައިފިއެވެ. އެއީ ކޮންކުއްޖެއްގެ އަޑެއްބާއޭ ހިތަށްއެރިއެވެ. ކިރާމްގެ ކޮޓަރިން އެ ކުއްޖަކު ރޯ އަޑު އިވެންވީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެއީ އަނެއްކާ ރޭޑިއޯއަކުން އަންނަ އަޑެއް ނޫންބާއޭ ވެސް ހިތަށްއެރިއެވެ. އަނެއްކާ ކިރާމް ފިލްމެއް ބަލަނީ ނޫންބާއޭ ވެސް ހިތަށްއެރިއެވެ. އެއީ ހުސް ވެދާނެ ގޮތް ކަމަށް ނިންމުމަށް ފަހު އަހަންމަދުބޭ ފެންބޮއިގެން ކޮޓަރިއަށް ވަނެވެ.
ހެނދުނުގެ ސައި ގަޑިއެވެ. ދެ މީހުން އެކުގައި ސަޔަށް އިންސާފުކުރަނީއެވެ.
"ކިރާމް ރޭގަ ފިލްމެއް ބެލިންތަ؟" އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ހޯދުމުގެ ގޮތުން އަހަންމަދުބޭ އަހައިލިއެވެ.
"ކިހިނެއްވެ ތިހެން ތި އެހީ؟" ކިރާމް ހައިރާންވެފައި އަހައިލިއެވެ.
"ރޭގަ ސިޓިންގރޫމަށް ނިކުތް ވަގުތު ތި ކޮޓަރިން އަޑުތަކެއް އިވުނު. ފުރަތަމަ ވަރަށް ބިރުވެސްގަތް. އެކަމަކު ހިތަށްއެރީ ކިރާމް ފިލްމެއް ބަލަނީއޭ." އަހަންމަދުބޭ ރޭގެ ހާދިސާ އޮޅުންފިލުވައިދެމުން ބުންޏެވެ.
"އާނ.. އާ...ނ.. ފިލްމެއް ބެލީމޭ. ނުނިދުނީމަ ފިލްމެއް... އެޅުވީ." އަޅައަޅައިގަންނަމުން ކިރާމް ބުނެލިއެވެ.
"އާނ، ދުވާލު މިހާ ގިނައިން ނިދާފަ ބައެއް ރޭރޭ ނުނިދެން އުޅޭދޯ؟" އަހަންމަދުބޭ ކިރާމް ދިން ޖަވާބާ ގުޅުވައިލަމުން ބުނެލިއެވެ.
ސައިބޮއި ނިމުމަށް ދެ މީހުން ވެސް ދެ މީހުންގެ ކޮޓަރިއަށް ވަނެވެ. އަހަންމަދުބޭގެ އެ ސުވާލުން ކިރާމަށް އުނދަގޫތަކެއް ވެއްޖެއެވެ. އަހަންމަދުބެއަށް އެ ހުރިހައި އަޑުތަކެއް އެހައި ސާފުކޮށް އިވުނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ދޮރާ ދިމާ މަތީގައި ހުރި ފެންލައިޓު އެއްކޮށް ލައްޕައި ތަޅުލިއެވެ. އަޑު ނިކުންނަނީ އެ ތަނުން ކަމަށް ބަލައިފައެވެ.
"ނޫން... ނޫން.... އީދުހެދުން ބޭނުމެއްނޫން.... މަންމާ!... ބައްޕާ!... ފަހާބޭބެ!... ސަލާމަތްކޮށްދީ.." ދަންވަރު ސިޓިންގރޫމަށް ނިކުތް ރެއަކު އަހަންމަދުބެއަށް ކިރާމްގެ ކޮޓަރި ފަސްދީ ދާން ހިނގައިގަތްތަނުން އަޑުއިވުނެވެ. އަހަންމަދުބެއަށް ބޭއިޚްތިޔާރުގައި މަޑުޖެހިލެވުނެވެ. ކުރީ ރެއަށް ވުރެ މަޑުން އަޑު އައި ނަމަވެސް، ކިޔާ އެއްޗެއް ސާފުވާ ވަރު ވެއެވެ. އެ ކުއްޖަކު އެ ދައްކަނީ ކޮން ފަހާބޭބެއެއްގެ ވާހަކަބާއޭ ހިތަށްއެރިއެވެ. އެ މީހުންގެ ރަށުގައި ވެސް އެހެން ކިޔާ މީހަކު އުޅެއެވެ. އެއީ އަނެއްކާ އެ ފަހާބޭބެގެ ވާހަކަ ނޫންބާއޭ ހިތަށްއެރިއެވެ. އަހަންމަދުބޭގެ ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހިއްޖެއެވެ. އެ ހުރިހައި ސުވާލުތަކެއް ހިތާހިތާ ކުރުމަށް ފަހު، އަނެއްކާ ވެސް ހިތަށްއެރިއެވެ. ފިލްމެއްގައި ވެސް އެ ނަން ކިޔާ މީހަކު އުޅެފާނެތާއެވެ. ހާދަހާ މޮޔަ ކަންކަމާ ވިސްނެޔޭ ހިތަށްއެރިއެވެ. ފުރަބަންދުގެ ސަބަބުން މިކަހަލަ ހުރިހައި ގޮތެއް ވާނެޔޭ ވެސް ހިތަށްއެރިއެވެ.
ކިރާމަށް އެ ދުވަހު ހޭލައިގެން ނިކުމެވުނީ ދިހައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. ނިކުތް އިރު އަހަންމަދުބެ ފެންނާކަށް ނެތެވެ. ކިރާމް ދެ މީހުންނަށް ސައި ތައްޔާރުކުރިއެވެ. އަހަންމަދުބެ ކޮޓަރިން ނިކުތުމާ އެކު ސައިބޯން އަންނަން އަހަންމަދުބެ ގާތު ކިރާމް ބުންޏެވެ.
"އެކޮއި ރޭގަ ވެސް އެ ފިލްމު ބެލީދޯ؟ އެއީ މާ ރީތި ފިލްމަކީތަ؟" ސައިބޯން އިނދެ އަހަންމަދުބޭ ސުވާލުކޮށްލިއެވެ.
"ކީކޭ؟... ކޮން ފިލްމެއް..؟؟" ކިރާމް ކޮށިއަރާ ކަހަލަ ގޮތެއް ވެފައި އަހައިލިއެވެ.
"ނޭނގެ ކޮންމެސް ފަހާބޭބެއެއްގެ ވާހަކައެއް ވެސް ކިޔާ؟ ކުޑަފިރިހެންކުއްޖެއް އެކަނި އުޅޭ ފިލްމެއްތަ އެއީ؟" އަހަންމަދުބޭ ސުވާލުތައް އޮއްސައިލިއެވެ.
"އަ...އާނ... އެ ފިލްމުދޯ؟ އެއީ ތަންކޮޅެއް ކުރީގެ ފިލްމެއް... އަހަންމަދުބެއަށް ތި އިވެނީ ހަމައެކަނި އެ ކުއްޖާ ވާހަކަދައްކާ ބައި ކަމަށްވާނީ؟" ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ކިރާމް ބުންޏެވެ. އަހަންމަދުބޭގެ މި ވާހަކަތަކުން ކިރާމްގެ ހާސްކަން އިތުރުވިއެވެ. ޒާތެއްގެ އުނދަގޫތަކެއް ވިއެވެ.
އަހަންމަދުބެއަށް އޭގެ ފަހުން ދެ ރެއަކު ހޭލެވުނު އިރު ވެސް އެ އަޑުއިވެއެވެ. ތަކުރާރުކޮށް ކުއްޖަކު ސަލާމަތަށް އެދި ރޯ އަޑެވެ. އާދޭސްކުރާ އަޑެވެ. އަހަންމަދުބޭގެ ހިތުގައި ބިރުވެރިކަމެއް ހިނގައިފިއެވެ. އެތައް ސުވާލުތަކެއް ވެސް ބޮލުތެރޭގައި ދައުރުވާން ފަށައިފިއެވެ. އެއީ ހަމަ ފިލްމަކުން އިވޭ އަޑެއްބާވައެވެ؟ ކިރާމް ދޮގުހަދަނީ ނޫންބާވައެވެ؟ އަނެއްކާ މިއީ ޖިންނި ޝައިތޯނުންގެ ކަމެއް ނޫންބާވައޭ ވެސް ހިތަށްއެރިއެވެ. އެ ރެއަށް ފަހު އަހަންމަދުބޭ ނިދަނީ ބަޤަރާ ސޫރަތް ޖަހައިގެންނެވެ. ހަށިރައްކަލަކަށް ޓަކައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ބަލައިފައެވެ.
އެއް ރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަންމަދުބެއަށް ސިއްސައިގެން ހޭލެވުނެވެ. އެއްކަލަ އަޑު މި ރޭ އެ ކޮޓަރިތެރެއަށް ސާފުކޮށް އިވެއެވެ. އަޑު އެ އަންނަނީ ސިޓިންގރޫމުންކަން ޔަގީންވިއެވެ. އެ ކުއްޖާގެ އަބަދުގެ އާދޭސް ތަކުރާރުކުރަމުން ދިޔައެވެ. އަހަންމަދުބޭ ބިރުން ފިތްކަނޑައިގެންދާ ވަރު ވިއެވެ. ބަޤަރާ ސޫރަތުގެ އަޑު ބާރުކޮށްލިއެވެ. ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔަން ފެށިއެވެ. އިވެމުންދާ އަޑަކަށް ބަދަލެއް ނައެވެ. ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވިއްޖެއެވެ. އެއްޗެއްގައި އަޅައިގެންފައި ވެއްޓޭ ކަހަލަ އަޑެކެވެ.
އަހަންމަދުބޭގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއްބާއޭ ހިތަށްއެރިއެވެ. ކޮންމެ ގޮތެއް ވިޔަސް ބޭރުން އެ އަންނަނީ ފިލްމެއްގެ އަޑެއް ނޫންކަން ޔަގީންކުރެވިއްޖެއެވެ. އެ އިވޭ އަޑެއް ނުބަލައި ވާނެ އެއް ގޮތެއް ވެސް ނެތޭ ހިތަށްއެރިއެވެ. އެތެރޭގައި ހުއްޓަސް ވާނީ މަރޭ ނިކުތަސް ވާނީ މަރޭ ހިތަށްއެރިއެވެ. މާތްﷲއާ ވަކީލުކޮށްފައި، މަޑުމަޑުން ދޮރުހުޅުވައި ބޯދިއްކޮށްލިއެވެ.
އަހަންމަދުބޭގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. އާޝޯޚުވެގެން އަނގަހުޅުވުނެވެ. ކިރާމް އެ އޮތީ މޭޒުކައިރީގައި ވެއްޓިފައެވެ. ސަލާމަތަށް އެދި އާދޭސްކޮށް ރޮނީއެވެ. އީދުހެދުން ބޭނުންނޫން ކަމަށް ބުނެއެވެ. ފަހާބޭބެމެންގެއަށް ދާން ބޭނުންނޫން ކަމަށް ބުނެއެވެ. އެހެން ނަމަވެސް ކިރާމްގެ ހުރީ އޭނާގެ އަޑެއް ނޫނެވެ. ކޮންމެ ރެޔަކު އެ އިވޭ ކުޑަކުއްޖާގެ އަޑެވެ. އޭނާގެ ހަރަކާތްތައް ވެސް މައުސޫމުވެފައި ޅަގޮތެއް ހުއްޓެވެ. ކިރާމް ވަރަށް އުނދަގުލުން ތެދުވިއެވެ. އަދި ފައި ދަމަމުން ކޮޓަރިތެރެއަށް ދެމިގެންފިއެވެ. ކިރާމް ވަނުމާ އެކު، އަހަންމަދުބެއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އެ ތަނުގައި ހުރިކަން ކިރާމަށް ނޭނގުނީތީއެވެ. މި އެތިފަހަރުން ސަލާމަތްވެވުނީއޭ ހިތަށްއަރާފައެވެ.
އަހަންމަދުބޭ އަވަސްއަވަހަށް ކޮޓަރީގެ ދޮރުލެއްޕިއެވެ. ފާޑަކަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ފެނުނު މަންޒަރާ މެދު ސަހަރޯހީވިއެވެ. ކިރާމަށް އެ ހުރީ ކިހިނެއްވެފައިބާއޭ ހިތަށްއެރިއެވެ. އަހަންމަދުބޭގެ ބޯހާސްކޮށްލައިފިއެވެ. އެ ރޭގެ ބާކީ ބައި އަހަންމަދުބޭ ހޭދަކުރީ އެ ކަމާ ވިސްނުމުގައެވެ. އަހަންމަދުބެއަށް ދެ ލޯ ހުޅުވައިލެވުމާ އެކު ފުންމައިގެން ތެދުވެވުނެވެ. ގަޑިއަށް ބަލައިލެވުނު އިރު މެންދުރު ބާރަ ޖަހަނީއެވެ. ފެންވަރައިލައިގެން ސިޓިންގރޫމަށް ނިކުތެވެ. އެއިރު ކިރާމް ސޯފާގައި އިށީނދެލައިގެން އިނެވެ. އޭނާ އިނީ ފައިގައި ބޭސް އުނގުޅާށެވެ.
"މާ ލަހުން ނިދުނު ރެއަކީ ދޯ؟" އަހަންމަދުބޭ ފެނުމާ އެކު، ކިރާމް ބުންޏެވެ.
"އަ... އާނ.. މާ.. ލަހުން ނިދުނީ." އުނދަގުލުން އަހަންމަދުބެއަށް ބުނެލެވުނެވެ.
"އުޅޭ އަވަހަށް އެއްޗެއް ކާން. މި އުޅެނީ ފަޔަށް ތަދެއް އަރައިގެން." ފައި ދައްކައިލަމުން ކިރާމް ބުންޏެވެ.
"ފައި ތަނެއްގަ ޖެހުނީތަ؟" ކިރާމް ބުނާ އެއްޗެއް ބެލުމުގެ ގޮތުން ސުވާލުކުރިއެވެ.
"ތަނެއްގައެއް ނުޖެހޭ. ހީވަނީ ނިދަން އޮވެވުނު ގޮތަކުން އެރި ތަދެއްހެން." ކިރާމް ވަރަށް ޔަގީންކަމާ އެކު ބުންޏެވެ.
އަހަންމަދުބޭ އިތުރު އެއްޗެއް ނުބުނެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ކައި ނިމުމާ އެކު، އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އޭނާއަށް އިވެމުންދިޔަ އަޑުތަކާއި ފެންނަމުން ދިޔަ މަންޒަރުތަކާ މެދު ވިސްނައިލިއެވެ. ކިރާމް އެ ދިން ޖަވާބުން ސުވާލުތައް ފުނިޖެހުނެވެ. ކިރާމް ދޮގުހެދީބާއެވެ؟ އޭނާއަށް ރޭގައި ވީ އެއްވެސް ކަމެއް ނޭނގެނީބާއެވެ؟ ނޫނީ ގަސްތުގައި އޮޅުވައިލީ ނޫންބާއެވެ؟ އޭނާ އެ ދައްކަނީ ކޮން އީދުހެދުމެއްގެ ވާހަކަބާއެވެ؟ ފަހާބޭބެގެ ވާހަކަ އެ ދައްކަނީ ކީއްވެބާއެވެ؟ ކުޑަކުއްޖެއް ގޮތަށް ޢަމަލުތައް އެ ހުރީ ކީއްވެބާވައެވެ؟ މިއީ އާދައިގެ ކަމެއް ނޫނޭ އަހަންމަދުބޭގެ ހިތަށްއެރިއެވެ. މި ކަމުގެ ހަގީގަތް ހޯދަންޖެހޭނެޔޭ ވެސް އަހަންމަދުބޭގެ ހިތަށްއެރިއެވެ.
ރޭގަނޑުގެ ކެއުމަށް ފަހު، ދެ މީހުން ތިބީ ޓީވީން އަންނަމުން ދިޔަ ނޫސްކޮންފަރެންސް ބަލާށެވެ. ކޮވިޑުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަނީއެވެ. އެ ރޭ ފުރަބަންދު ނިމެން އުޅޭކަމުގެ އިޝާރާތެއް ވެސް ލިބުނެވެ. އެ ކަމާ އަހަންމަދުބެއާއި ކިރާމް އުފާވިއެވެ. މި ގައިދުން ސަލާމަތްވެވޭތީއެވެ. އާއިލާ މީހުންނާ ބައްދަލުވެވޭނެތީއެވެ.
"އެކޮޔާ ބޭބެ ވާހަކައެއް ދައްކާލަން ބޭނުން." ޓީވީ ނިއްވައިލަމުން، އަހަންމަދުބޭ ބުންޏެވެ.
"ކޮން ވާހަކައެއް އަނެއްކާ؟" ކިރާމް ހައިރާންވެފައި އަހައިލިއެވެ.
އަހަންމަދުބޭ އޭނާއަށް ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކުގެ ވާހަކަ ތަފުސީލުކޮށް ކިޔައިދިނެވެ. ކުޑަކުއްޖެއްހެން ކިރާމް އުޅޭގޮތާއި، ރޯރުއިމުގެ ވާހަކަ ކިޔައިދިނެވެ. އެއީ ފިލްމެއް ނޫންކަމާއި އަސްލެއްކަން އެނގޭކަމަށް ވެސް އަހަންމަދުބޭ ބުންޏެވެ. އެ ކަމުގެ ފަހަތުގައި ވަނީ ކޮންކަމެއްކަން އެނގެން ބޭނުންވާ ކަމަށް އަހަންމަދުބޭ ބުންޏެވެ. އެ ވާހަކަތައް އަޑުއިވިފައި ކިރާމްގެ ދެ ލޯ ބޮޑުވިއެވެ. ހައިރާންކަމާ އެކު އަހަންމަދުބެއާ ދިމާއަށް ބަލައިލެވުނެވެ. ކިރާމުގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނަ އޮހިގަތެވެ. އެ މަންޒަރު ބަލަން އަހަންމަދުބެ އިނެވެ. ވެގެން އުޅޭ ގޮތެއް ނޭނގޭ ހާލުގައި ކިރާމްގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލިއެވެ. މިއަދު އެއީ ބައްޕަގެ މަގާމުގައި ހުރި މީހެއްކަމަށް ބެލުމަށް ބުންޏެވެ. އަދި ހުރިހައި ވާހަކައެއް ސާފުކޮށްދިނުމަށް އެދުނެވެ.
ކިރާމްގެ ވާހަކަތައް ފެށީ އޭނާގެ އުމުރުން ދިހަ އަހަރާ ހިސާބުންނެވެ. ފަހާބޭބެ ގާތަށް ހެދުންފައްސަން ދާ ހިސާބުންނެވެ. ފަހާބޭބެއަކީ ކުޑައަގަކަށް ހެދުން ފަހައިދޭ މީހެކެވެ. ކޮންމެ މީހެއްގެ ވެސް މިނަށް ރީތިކޮށް ހެދުންފަހައިދޭ މީހެކެވެ. އަހަންމަދުބެ ފަދައިން ގާތް އަވަށްޓެރިއެކެވެ. މީހުންނާ ގުޅޭ ރަނގަޅު މީހެކެވެ. އެއީ ރަށުގެ ވަރަށް ގިނަ މީހުންގެ ފަހާބޭބެއެވެ.
ބޮޑުޢީދެއްގެ ހެދުން ފައްސަން ކިރާމް ދިޔަ ދުވަހެކެވެ. ކިރާމް ފިޔަވައި މިންނަގަން އިތުރު މީހަކު ފަހާތަނުގައި ނެތެވެ. ފަހާތަނަށް ވަނުމާ އެކު ކިރާމްގެ ބުރަކަށީގައި ފަހާބޭބެ ފިރުމައިލިއެވެ. އަވަހަށް މިންނަގަން ހިނގާށޭ ބުންޏެވެ. ގަމީހުގެ މިންނަގައި ނިމުމުން ފަޓުލޫނުގެ މިންނަގަން ފެށިއެވެ. ކުއްލިއަކަށް ކިރާމަށް ފަހާބޭބެއާ ދުރަށް ޖެހިލެވުނެވެ. އަތްޖައްސަންނުޖެހޭ ތަނެއްގައި ފަހާބޭބެ އަތްޖެއްސިކަމުގެ އިހުސާސް ކިރާމަށް ކުރެވުނެވެ. އެ ކަމާ ހިތްހަމަނުޖެހޭކަން ކިރާމް ފާޅުކުރިއެވެ. ފާޑެއްގެ ގޮތަކަށް ހީނލުމަށް ފަހު ފަހާބޭބެ މަޑުމަޑުން ކިރާމް އޭނާއާ ގާތަށް ޖައްސައިލިއެވެ. އަދި އެއީ އޮޅުމަކުން ކަމަށް ބުންޏެވެ. މިންނަގާ އިރު އެ ގޮތަށް އަތްޖެހިލިޔަސް އެއީ މައްސަލައެއް ނޫންކަމަށް ވެސް ބުނެދިނެވެ.
އެ ދުވަހަށް ފަހު، ފަހާބޭބެގެ އެ ހަޑިހުތުރު ޢަމަލުތައް ތަކުރާރުކުރަމުންދިޔައެވެ. އެއީ ގޯސް ޢަމަލެއް ނޫންކަން ކޮންމެ ދުވަހަކު ވެސް ކިރާމަށް ވިސްނައިދޭން މަސައްކަތްކުރެއެވެ. ކިރާމަށް އެ އަމަލުތަކާ ނުރުހެވެއެވެ. ދެކޮޅުހަދައި، ފެޔަށް ޖެހެން މަސައްކަތްކުރެވެއެވެ. ނަމަވެސް ކުޑަކުޑަ މައުސޫމް ކިރާމް ނާކާމިޔާބުވެއެވެ. މަންމަމެން ގާތު އެ ވާހަކަތައް ބުނަން ބޭނުންވެއެވެ. ރަށްޓެހިކުދިން ގާތު ވެސް ބުނަން ބޭނުންވެއެވެ. އެހެނަސް ހިތްވަރެއް ނުލިބުނެވެ. އެ ވާހަކަ އެނގިގެން މީހުން ކޮށްފާނެ މަލާމާތަކަށް ބަލައިފައެވެ. ރަށުގެ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ މީހަކާ ދޭތެރޭގައި އޭނާ ދައްކާ ވާހަކަ އެހެން މީހުންނަށް ގަބޫލުނުކުރެވިދާނެތީއެވެ.
ޢީދު ނޫނަސް ފަހާބޭބެ އަމިއްލަ ފޮތީގައި ކިރާމަށް އާގަމީހާއި އާފަޓުލޫނު ފަހައިދޭން ފަށައިފިއެވެ. މޮޅަށް ކިޔަވާތީ ކަމަށް ބުނެއެވެ. ފުޓުބޯޅަކުޅެގެން ހޯދާ ކާމިޔާބީތަކުގެ ސަބަބުން ކަމަށް ބުނެއެވެ. ކިރާމް ދެކެ ފަހާބޭބެ ވާ ލޯބި ފެނުމުން ކިރާމްގެ މައިންބަފައިން ވަރަށް އުފާވެއެވެ.
އެއް ދުވަހަކު ހުރިހައި ކަމެއް ހައްދުން ނެއްޓިއެވެ. ކުޑަކުޑަ ކިރާމްގެ ޢިއްފަތްތެރިކަން ފޭރިގަތެވެ. އާދޭސްކޮށް ރޮއިރޮއި އޮތް ހާލުގައެވެ. އެތައް ދުވަހަކު އެ އަނިޔާ ތަކުރާރުކުރިއެވެ. އެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެފިއްޔާ މަރައިލާނެކަމަށް ބުނެ އިންޒާރުދިނެވެ. ކިރާމަށް އެއްވެސް މީހަކު ގާތުގައި އެ ވާހަކަ ބުނާކަށް ނުކެރުނެވެ. އޭނާއަށް ކުރެވުނުހައި ވެސް ކަމަކީ ފަހާބޭބެ ގެއަށް ދާން ބޭނުންނުވާ ވާހަކަ މަންމަ ގާތުގައި ބުނުމެވެ. އީދުހެދުން ފަހައިގެން ލާން ބޭނުންނުވާ ކަމަށް ބުނުމެވެ. އެހެނަސް ހެދުން ރީތިވެފައި އަގުހެވީ ފަހާބޭބެ ލައްވައި ފެހުމުން ކަމަށް މަންމަ ބުންޏެވެ. ހިތާ ދެކޮޅަށް ނަމަވެސް ކިރާމަށް ޖެހުނީ އެ އަނިޔާ ތަހައްމަލުކުރާށެވެ.
ކިރާމް ފުރާފުރިހަމަވީ އިރު ވެސް ފަހާބޭބެގެ ޢަމަލުތައް ތަކުރާރުވަމުން ދިޔައެވެ. އެ ރަހުމެއް ނެތް އަނިޔާތަކުން މިންޖުވެވުނީ، ފަހާބޭބެއަށް ސްޓްރޯކެއް ޖެހުނު ހިސާބުންނެވެ. ހޮސްޕިޓަލުން ދޫކޮށްލި އިރު، ފަހަބޭބެ ކޮންމެވެސް ގޮތަކަށް ހިނގާބިނގާވެ އުޅެއެވެ. އެހެންނަމަވެސް، އަތަކުން މަސައްކަތެއް ނުކުރެވެއެވެ. އެ ކަމާ ރަށުގެ އެތައް ބަޔަކު ހިތާމަކުރި އިރު، ކިރާމަށް ލިބުނީ ބަޔާންނުކުރެވޭހައި ބޮޑު އުފަލެކެވެ. އޭނާ މާތްﷲއަށް ޙަމްދުކުރިއެވެ. ޝުކުރުގެ އެތައް ސަޖިދައެއް ވެސް ޖެހިއެވެ.
އެ އިރު، ކިރާމު ވަނީ ނަފުސާނީ ބަލިމީހަކަށް ވެފައެވެ. މަޖާ މިޒާޖުގެ ކިރާމްގެ އުޅުމާއި ގުޅުންތަކަށް ބަދަލެއް އައެވެ. ކިޔެވުމާ އެއްކޮށްހެން ދުރުވިއެވެ. ފުޓުބޯޅަކުޅުން ހުއްޓައިލިއެވެ. އެކަނިވެރިކަން އެއީ އެކުވެރިއަކަށް ހެދިއެވެ. ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައި ބަންދުވެގެންނެވެ. މި ބަދަލުތައް މައިންބަފައިންނަށް ފާހަގަކުރެވުނީ އެއީ އޭނާ ނުކިޔަވަން ވެގެން ދައްކާ ބަހަނާއެއްގެ ގޮތުގައެވެ. ކަންނެތްކަމާއި ފަރުވާކުޑަކަމުން ވާ ގޮތެއް ކަމުގައެވެ.
މިހެން ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން ކިރާމްގެ ހަށިގަނޑުގައި އެހެން ޝަޚުސަކު އުޅޭކަމުގެ އިހުސާސް އޭނާއަށް ކުރެވެންފެށިއެވެ. އެއީ ރޭގަނޑުވުމުން އޭނާއާ އެކުގައި ހުންނަ، ހަގު ކިރާމެކެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ހަނގުރާމަކުރާ ކިރާމެކެވެ. ލިބޭ އަނިޔާތަކުން އޭނާގެ ހަށިގަނޑު ހިމާޔަތްކޮށްދޭ ކިރާމެކެވެ. އެ ކަމުން އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ. އުފާވެރިކަން ލިއްބައިދެއެވެ.
ދުވާލުވުމުން ރޭގަނޑު ހިނގާ އެ ކަންކަން ކިރާމް ހަނދާންހުރެއެވެ. އެއީ މާޒީން އޭނާގެ ހަޔާތަށް އެޅިފައިވާ ކަޅުހިޔަންޏެއް ކަން ވެސް އޭނާއަށް އެނގެއެވެ. އެ ކަމާ ވިސްނެއެވެ. މީހަކަށް އެނގިދާނެތީ ކަންބޮޑުވެއެވެ. ވަކިން ޚާއްސަކޮށް ވާން އުޅޭ އަނބިމީހާ ނީލާއަށް އެ ކަން އެނގިއްޖެއްޔާ ވާނީ ކިހިނެއްބާއޭ ހިތަށްއަރައެވެ. ކައިވެންޏަށް ފަހު ނީލާގެ ގާތުގައި އެ ވާހަކަތައް ކިޔައިދޭން ނިންމިއެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވަން ނިޔަތްގަތެވެ. އޭނާގެ މައުސޫމުކަން ނިގުޅައިގަތް ޝައިޠާނާގެ ކިބައިން ބަދަލުހިފުމަށް ޢަޒުމުކަނޑައެޅިއެވެ.
މި ހުރިހައި ވާހަކަތަކެއް އަހަންމަދުބެއަށް ކިޔައިދީ ނިމުނު އިރު، ކިރާމަށް ވަނީ ގިސްލެވޭ ގޮތްވެފައެވެ. އަހަންމަދުބޭގެ ލޮލުން ވެސް ވަނީ ކަރުނަ ނީރައިލައިފައެވެ. އެއީ އެއްވެސް އިންސާނަކު ތަހައްމަލުކުރަންޖެހޭނެ އަނިޔާއެއް ނޫންކަމަށް އަހަންމަދުބޭ ބުންޏެވެ. ކިރާމަށް ސިއްހީ ފަރުވާ ހޯދައިދިނުމަށް އަހަންމަދުބެ އެހީތެރިވެދޭނެ ކަމަށް ބުންޏެވެ. އިންސާފު ހޯދައިދިނުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެކަމުގައި ވެސް ބުންޏެވެ.
ފުރަބަންދު ނިމުމާ އެކު، ކިރާމް ޑޮކްޓަރަށް ދެއްކިއެވެ. ކުރިމަތިވެފައިވަނީ ޑިސްއެސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑަރ ނުވަތަ ޑީއައިޑީ ކިޔާ ހާލަތެއްކަން ދެނެގަނެވުނެވެ. އެއީ އެއް ހަށިގަނޑެއްގައި އިތުރު އެހެން ޝަޚްސިއްޔަތެއް އުޅޭ އުޅުންކަން ހާމަވިއެވެ. ބަލީގެ ފަރުވާ ފެށުނެވެ. ބޭނުންވާ ތެރަޕީތައް ނަގަން ފެށުނެވެ. ޑޮކްޓަރު ލިޔެދެއްވި ބޭސް ބޭނުންކުރަން ފެށުނެވެ. ދޭތެރެދޭތެރެއިން މާލެއައިސް ޑޮކްޓަރަށް ދައްކައި، ގަވާއިދުން ފަރުވާކުރަމުން ދިޔައެވެ. މާތްﷲގެ ތަނަވަސް ރަޙްމަތްފުޅުން ދެތިން މަހުން ކިރާމު މުޅިންހެން ރަނގަޅުވިއެވެ. ފަރުވާ އެއްކޮށް ފުރިހަމަވުމުން، ކިރާމާ ނީލާގެ ކައިވެނިކުރެވުނެވެ.
ކައިވެނީގެ ކަންކަން ނިމުމާ އެކު، ކުށްވެރިޔާއަށް ހައްގު އަދަބުދިނުމުގެ މަސައްކަތް ފެށުނެވެ. އަހަންމަދުބޭ މެދުވެރިކޮށް ކިރާމްގެ މަންމަ އާއި ބައްޕައާ އެ ވާހަކަތައް ހިއްސާކުރިއެވެ. މަންމަ އާއި ބައްޕަގެ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މޮޔަނުވީ ކިރިޔާއެވެ. ކިރާމްގެ ދެކޮޅުހެދުމަށް އެ ދުވަހު އިޖާބަނުދެވުނީތީ ހިތާމަކުރިއެވެ. ފަހާބޭބެގެ ހީލަތްތެރިކަން ދެނެނުގަނެވުނީތީ ގިސްލާ ރުޔެވެ. ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް ޓަކައި މަންމަ އާއި ބައްޕަ ފޫގަޅައިލިއެވެ. ނީލާ ވެސް ހުރީ އެ މީހުންގެ ފަހަތުގައެވެ. އަވަށްޓެރިންނާއި ރަހުމަތްތެރިންގެ ހެޔޮއެދުންތައް ވެސް އެ އާއިލާއަށް ލިބުނެވެ.
ފަހާބޭބެގެ މައްސަލަ ކޯޓަށް ވެއްދުމާ ހިސާބުން، އޭނާގެ ފަރާތުން ގޯނާއާ ކުރިމަތިވެފައިވާ އިތުރު ކުދިން ތިބިކަން ހާމަވިއެވެ. އެންމެންނަށް އިންސާފު ހޯދުމަށް މަސައްކަތްފެށީ އެއްކޮށެވެ. ހުރިހައި ކުދިންނަށް ހަނދާންހުރި މިންވަރުން ހެކިބަސްދިނެވެ. މައްސަލަ ނިމި ޙުކުމްކުރިއެވެ. މުޅި ރަށަށް މަޝްހޫރުވި ފަހާބޭބެއަށް ޢުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވިއެވެ. އެތައް ކުދިންނެއްގެ ދިރިއުޅުމަށް ވިހަލީ ނުބައިނުލަފާ ފަހާބޭބެއަށް ހައްގު ޝަޒާ ލިބުނީއެވެ. އެތައް އާއިލާއަކަށް އިންސާފު ލިބުނީއެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.