އަހަރެންނަށް ހިފެހެއްޓުމެއް ނެތި ގިސްލާ ރޮވެނީއެވެ. އަހަރެންގެހިތް ވަނީ ކަތިލެވި، ރަހުމެއްނެތް އަތަކުން ޗިސްޗިސްކުރެވިފައެވެ. އަމިއްލަ އެދުމަށްޓަކައި މިފަދަ ކަންތައް ކުރާ މީހުން މީގެ ކުރިން އަހަންނަށް ފެންނަނީ ކޮންމެވެސް ޑްރާމާ ސިލްސިލާއަކުން ނުވަތަ ފިލްމަކުންނެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމުގެ ތެރެއިން މިފަދަ ހާދިސާއެއް ކުރިމަތިވުމުން އަހަންނަށް އަދިވެސް އެއީ ހަގީގަތެއްކަމަށް ގަބޫލުކުރަންވަނީ އުދަނގޫވެފައެވެ. މިސްކިތުގެ ކަނަކަށް ގުޅައަކަށް ޖެހިގެން ކަހަލަ ގޮތަކަށް އިން އިރު ލޮލުން ފައިބަމުންދާ ކަރުނައިގެ ތެރެއިން އަހަރެންގެ ހަޔާތުގެ މާޒީ  ފިލްމީ މަންޒަރެއް ފަދައިން ނިއުޅިއޮޅެމުންދެއެވެ.

އަހަރެންގެ އެންމެ ދުރު ހަނދާނަކީ ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި އުޅުނު ހަނދާނެވެ. އަހަރެންގެ ފުރަތަމަ މަންމައަކަށް ފެނުނީ ކުޑަކުދިންގެ ހިޔާގައި އަހަރެން ބަލަހައްޓަމުން ދިޔަ ޒުހުރާއެވެ. އޭރު އަހަރެންގެ ކުޑަކުޑަ ސިކުނޑިން އަބަދުވެސް ވިސްނަމުންދިޔައީ ޒުހުރާ މަންމަ އުފާކޮށްދޭނެ ގޮތެކެވެ. ބުނާކަމެއް ބުނާ ގޮތަކަށް ކުރުމާއި މަޑުމައިތިރިކަމާ އެކު ބަސްއަހައިގެން އުޅުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތަކެވެ. ޒުހުރާ މަންމަ އަހަރެންނަށް ކަންތައްކޮށްދޭ ގޮތުން އަހަރެން ދެކެ ވަރަށް ލޯބިވާކަން އެނގެއެވެ. އެހެންކަމުން ވިލިގިލީ ކުޑަކުދިންގެ ހިޔާއިން ކުދިން ހޯދަން އަންނަ އެއްވެސް މީހަކަށް އަހަރެން ލިބޭ ގޮތްވަނީ ނުވެފައެވެ. ޒުހުރާ މަންމަ އޭރު ބުނަމުން ދިޔައީ އޭނާގެ، ގެ ހެދުމުން އަހަރެން ގޮވައިގެން ވިލިގިލީގެ ވަޒީފާދޫކޮށް، މާލެ ބަދަލުވާނެ ވާހަކައެވެ. 

އެއްދުވަހެއްގެ ހެނދުނު އަހަންނަށް ހޭލެވުނީ ޒުހުރާ މަންމަ ރޮމުން އަހަރެންގެ ގައިގައި ބޮސްދެމުން ދަނިކޮށެވެ. ކުއްލިއަކަށް ތެދުވެ އަހަރެންގެ ތުއްތު އަޑުން މަންމަ ރޮނީ ކީއްވެހޭ އަހާލީމެވެ. އެވަގުތު ޒުހުރާ އަނެއްކާ ވެސް އާވާރާއަކު ފަދައިން އަހަރެންގެ ގައިގެ އެތަންމިތަނުގައި ބޮސްދިނުމަށް ފަހު އޭނާގެ މެޔާލާ ފިއްތާލަމުން ބުނެލިއެވެ. ދަރިފުޅާއެވެ. މިއަދު ދަރިފުޅު މަންމައާ ވަކިވަނީއެވެ. މިއަދު ދަރިފުޅު އެހެން ގެއަކަށް ދަނީއެވެ. މަންމައާ ވަކިވެގެންނެވެ. ދެން މަންމައަކަށް ދަރިފުޅެއް ނުފެންނާނެއެވެ. އެވަގުތު އަހަންނަށް ވެސް ރޮވެން ފެށުނެވެ. މަންމަ ދޫކޮށް ދާން ބޭނުމެއް ނޫނޭ ބުނެ އެތައް ފަހަރަކު ބަސް ތަކުރާރުކުރީމެވެ. އަހަރެންގެ ތުއްތު ދެ އަތުން ޒުހުރާގެ ލޮލުން އޮހޮރެމުންދާ ކަރުނަ ފޮހެލައިދެމުންނެވެ. ނަމަވެސް އެވަގުތު ޒުހުރާ މަންމަ ބޯހުރާލިއެވެ. ނޫނެކެވެ. ދަރިފުޅާއެވެ. ދަރިފުޅަކީ މަންމަގެ ބަސްއަހާ ދަރިފުޅެއް ނޫންހެއްޔެވެ؟ ކުޑަ ގަހުގެ ހިޔަލަށް ވުރެ ރަނގަޅު ވާނީ ބޮޑުގަހުގެ ހިޔަލެވެ. އެއީ ދަރިފުޅުގެ ނަސީބެވެ. މިއަދު ދަރިފުޅު ބަލާ އަންނަ މަންމަ މި މަންމައަށް ވުރެ ދަރިފުޅު ދެކެ މާ ލޯބިވާނެއެވެ. އަދި އޭރުން ދަރިފުޅު އުޅޭނީ ވަރަށް އަރާމުގައެވެ. ދަރިފުޅު ދާންވާނެއެވެ. 

 ހެނދުނު 8:30 ކަންހާ އިރެވެ. ކުޑަކުދިންގެ ހިޔާގެ ދޮރާށި ކައިރިއަށް އައިސް ހުއްޓާލި މަޑު ނޫ ކުލައިގެ ބަގީން ދެވަންފުރައިގެ ރީތި އަންހެނަކު ނުކުމެއްޖެއެވެ. މަޑު ނޫކުލައިގެ ޕާކިސްތާނު ހެދުމެގައި އުސްފައިވާނަކަށް އަރާފައި ހުރި އިރު އޭނާގެ ހައިބަވަންތަކަން ބޮޑެވެ. ކަންހުޅީގެ ކައިރިން އިސްތަށިތައް ހުދުވާން ފަށައިފައި ހުއްޓަސް ޖަންބުކުލައިގެ މޫނު މަތީގައި އެންމެ ރުލެއް ވެސް ނެތެވެ. ގައިގެ ބައްޓަމަށް ފަހާފައި އޮތް ބެޓިކް ފޮތީގެ ހެދުމުން އޭނާގެ ތެދު ހަށިގަނޑުގެ ވަނާތައް ރީތިކޮށް ފާޅުވަމުންދާއިރު ހީވަނީ 17، 18 އަހަރުގެ ޒުވާން އަންހެންކުއްޖެއްގެ ޅަދޮޅު ހަށިގަނޑު ހެންނެވެ. އޭރު އޭނާގެ އިސްތިގުބާލަށް ނުކުމެ ޒުހުރާ މަންމަ އާއި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ތިއްބެވެ. ޒުހުރާ މަންމަ ވަނީ އަހަންނަށް އޭނާއާ ބައްދަލުވާ އިރު ކަންތައް ކުރަންވީ ގޮތުގެ ތަމްރީންދީފަވެއެވެ. ކިތަންމެ ދާ ހިތް ނުވިޔަސް ޒުހުރާ މަންމަ ބުނާ ގޮތް ހަދަން ބޭނުންވާތީ އަހަރެން ކުރިމަތީގައި ހުރި ކޮޓަރީގައި އަހަންނަށް ގޮވާލަންދެން އިންތިޒާރުކުރަމުން ދިޔައީމެވެ. 

އިރުކޮޅެއްގެ ފަހެވެ. އަހަރެން ދަތުރުކުރަމުން ދިޔަ ކާރު ބޮޑު ޕެލަސްއެއް ކަހަލަ ގެއެއްގެ ގަރާޖު ތެރެއަށް ވަދެއްޖެއެވެ. ގާޑު އައިސް އަހަރެން އިން، ފަހަތު ޝީޓުގެ ދޮރު ހުޅުވާލުމުން ކާރުން ނުކުމެއްޖައީމެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަމުން ދަނީ ނުދަންނަ ބީރައްޓެހި މޫނުތަކެވެ. ނަމަވެސް އެމޫނުތަކުން ފެންނަމުން ދަނީ ހިނިތުންވުމާއި ހިތްހެޔޮކަމެވެ. މަރުޙަބާ ކިޔުމުގެ ރީތި ގޮތްތަކެވެ. ފެންޑާއަށް ވަނުމާ އެކު އަހަންނާ އެއް އުމުރެއްގެ ފިރިހެން ކުއްޖަކު އައިސް ޝާނޭ ކިޔައި އަހަރެންގެ އަތުގައި ލޯތްބާ އެކުގައި ހިފާލަމުން އޭނާއަކީ ޒައިން ކަމަށް ބުނެ އަހަރެން ގޮވައިގެން އެތެރެއަށް ވަނެވެ. 

އަހަންނާއި ޒައިންގެ ވާހަކައިގައި ތިއްބާ ޒައިންގެ މަންމަ އައިސް އަހަރެމެން ދެމީހުންގެ ބޮލުގައި ފިރުމާލުމަށް ފަހު އަތުގައި ހިފައިގެން ގޮސް ފެންޑާގައި ހުރި ބޮޑު ސޯފާގައި ބައިންދައިފިއެވެ. އެ ފަދަ އަރާމު ސޯފާއެއްގައި އިށީނދެވުނު ފުރަތަމަ ފަހަރުކަމުން އަހަންނަށް ހީވީ އެ ސޯފާގެ ތެރެއަށް އަހަރެންގެ ހަށިގަނޑު ވެޑުވިގެންދިޔަހެންނެވެ. އެވަގުތު ޒައިންގެ މަންމަ ކުރިމަތީގައި ހުރި ސޯފާގައި އިށީނދެފައި ދެކުދިންނަށް ނަސޭހަތްތެރިވާން ފެށިއެވެ. މީގެ ފަހުން ތިއީ ދެބޭންނެވެ. އަބަދުވެސް ދެބޭން އުޅެން ވާނީ އެކީގައެވެ. އެކަކު އަނެކަކަށް ހެޔޮއެދި ލޯބިންނެވެ. އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ މަންމައާ ބައްޕައާ މަޝްވަރާކުރަންވާނެއެވެ. މަންމަ ހުއްޓުމެއްނެތި ދައްކަމުންދިޔަ ވާހަކަތަކުގެ ތެރެއިން ވެސް އަހަރެން އެންމެ އުފާވީ ޒައިންގެ މަންމައަށް އަހަރެން ވެސް ކިޔަންޖެހޭނީ މަންމަ ކަމަށް އަދި ބައްޕައަށް ކިޔަން ޖެހޭނީ ބައްޕަކަމަށް ބުނުމުންނެވެ. މިއީ އަހަރެންގެ ޙަޔާތުގައި ދުވަހަކު ވެސް ލިބޭނެ ކަމަށް އުއްމީދުކުރި އުފާތަކެއް ނޫނެވެ. އެހެންކަމުން މިފަހަރު މަންމައާ ބައްޕަ އުފާކޮށްދިނުމަށް އަހަރެންގެ ހުރިހާ ވަގުތެއްގެ ބޭނުން ހިފުމަށް އަޒުމް ކަނޑައެޅީމެވެ. 

ފާއިތުވަމުންދާ ކޮންމެ ދުވަހަކާ އެކު ކުޑަކުދިންގެ ހިޔާގައި އަހަރެން ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް ފަނޑުވަމުން ގޮސް މިހާރު ޒުހުރާ މަންމަގެ ހަނދާންތައް ވެސް ނެތިއްޖެ ކަހަލައެވެ. އައިސްގެން އުޅުނުތާ ކޮޅުމަތީގައި ދޭތެރެއަކުން ގުޅާލިއަސް މިހާރު އެއްގޮތަކަށް ވެސް ގުޅަން ހަނދާނެއް ވެސް ނުހުރެއެވެ. ޒައިނާއި އާ، މަންމަ އާއި ބައްޕަގެ ފަރާތުން ލިބެމުން ދިޔައީ އެއަށް ވުރެ މާ ފުރިހަމަ ލޯތްބާއި އަޅާލުމެވެ. ކޮންމެ ދުވަހަކު ހެނދުނު ސައިމޭޒު ދޮށުގައި ޖަހާ ސަކަރާތެވެ. މަންމަގެ އަތުން އަނގަޔަށް ލައްވައިދޭ އިރު ޒައިނެކޭ އަހަންނެކޭ އެއްވެސް ތަފާތެއް ނުކުރެއެވެ. އަދި ބައެއް ފަހަރު ޒައިނަށް ވުރެ ވެސް އަހަރެން ދެކެ މަންމަ މާ ލޯބިވާހެން ހީވެއެވެ. އަދި  ބައްޕަ ލޯބިން ފިރުމާލާ ފިރުމާލުމާއި ވަޒީފާއަށް ނުކުތުމުގެ ކުރިން ބައްދާލާފައި ދޭ ނަސޭހަތެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ދެކުދިން ގޮވައިގެން ބުރުޖަހަންދާދިއުމެވެ. ހޮޓެލް ޖެންގެ ޓެރަހުގައި ހަވީރުގެ ވަގުތުތައް ބައްޕައާ އެކީގައި ހޭދަކުރާ ގޮތެވެ. ބައްޕަދޭ މޮޅު ޚިޔާލުތަކެވެ. 

މިއުފާވެރިކަމާއި ހިތްހަމަޖެހުމުގެ ތެރޭގައި 4 އަހަރު ހޭދަވީ އިރު އަހަރެން ކިޔަވަމުން ދިޔައީ އިސްކަންދަރު ސްކޫލުގެ ގުރޭޑު 10ގައެވެ. ޒައިން ކިޔަވަނީ އަހަންނާ އެއް ގުރޭޑެއްގައެވެ. އެހެންކަމުން ދެކުދިންނަށް ކޮންމެ މާއްދާއަކުން ވެސް ޓިއުޝަން ދެމުން ދިޔައީ މާލޭގައި ތިބި އެންމެ މޮޅު ޓީޗަރުން ލައްވައެވެ. ބައްޕަ އަބަދުވެސް ދޭ ނަސޭހަތަކީ ބައްޕަ އެންމެ އުފާ ވާނީ ތި ދެކުދިން ތަރިއެއް ފަދައިން މެދު އުޑުގައި ވިދާލާ ދުވަހުގައި ކަމުގައެވެ. ބައްޕަގެ މި ވާހަކަކޮޅު އަބަދުވެސް އަހަރެންގެ ހިތުގައިވެއެވެ. އެހެންކަމުން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ސްކޫލު ނިމިގެން ނިކުތުން ފިޔަވައި އަހަރެންގެ ހިތުގައި އެހެންކަމެއް ނެތެވެ. އެންމެ ވަގުތެއް ވެސް ބޭކާރެއް ނުކުރަމެވެ. ބައެއް ފަހަރު ޒައިން ގޭމްކުޅެން ބުންޏަސް އެކަން ނުކުރެވޭ ތަން އައިސް ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ވެސް އެއްދުވަހުން އަނެއް ދުވަހަށް ހީނަރު ވަމުން ދާން ފަށައިފިއެވެ. ނަމަވެސް އަބަދުވެސް އަހަރެން ވިސްނައި ދެމުން ދިޔައީ މި އަހަރު އެންމެ ބޮޑު ލަނޑުދަނޑިއަކަށް ވާން ޖެހޭނީ ކިޔެވުން ކަމެވެ. ޒައިނަކީ އަހަރެންހެން ސްކޫލުގެ އެކްޓިވިޓީތަކުގައި އެހާ ހަރަކާތްތެރި ދަރިވަރަކަށް ނުވާތީ އޭނައަށް ވަގުތު ލިބުނަސް އަހަންނަކަށް އެއްވެސް ވަގުތެއްނޯވެއެވެ. 

މި އުފާވެރިކަމާއި އަވަދިނެތި ދިރިއުޅުމުގެ ތެރެއިން ވެސް އަހަންނަށް ފާހަގަކުރެވެމުން ދިޔަ އެއްކަމެއް އަހަރެންގެ ހިތުގެ އެއްކަނެއްގައި އަބަދުވެސް ދިޔައީ އާލާވެ ކުރި ފަޅަމުންނެވެ. މަންމަ ދެކެ ލޯބި ނުވާހާ މިންވަރަށް އަހަރެން ބައްޕަ ދެކެ ލޯބިވުމެވެ. ބައްޕަ ގެއަށް އަންނަ ވަގުތުތަކަށް އިންތިޒާރު ކުރެވި ބައްޕައާ އެކީގައި ވަގުތު ހޭދަކުރަން ބޭނުންވުމެވެ. ބައްޕަގެ ގޮތް ކޮޕީކުރެވުމެވެ. ބައްޕަ އޮފީހަށް ދާން ލާ ހެދުން މަންމަ ނަގާފައި އޮންނައިރު ވެސް ބައެއް ފަހަރު މިއަދު ބައްޕައަށް ރަނގަޅުވާނީ މިވެނި ކުލައެކޭ ބުނުން ފަދަ ކަންތައް ކުރުމެވެ. ބައްޕައަށް މީރު އެއްޗެހި އަހަންނަށް މީރު ވުމެވެ. މީގެ ތެރެއިން ވެސް އަހަންނަށް އެންމެ ބޮޑު ހައިރާންކަމެއް ފަހަކަށް އައިސް ލިބިގެން ދިޔަ އެއްކަމަކީ އަހަރެންގެ އަޑު ބަރުވި ފަހުން މަންމައަށް ބައެއް ފަހަރު ބައްޕަގެ އަޑާ އަހަރެންގެ އަޑު އޮޅެން ފެށުމެވެ. މިކަންކަމާ ހުރެ ބައެއް ފަހަރު މަންމަގެ ހިތްހަމަނުޖެހޭ ހެން ހީވާން ފެށިތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ.

އެއްރެއެއްގެ ދަންވަރެވެ. އަހަރެން ހޭލާ އިނީ އިމްތިހާނުގެ ދުވަސްވަރަށްވާތީ ފިލާވަޅުދަސްކުރާށެވެ. ނަމަވެސް ކުޑަކޮށް ނިދިޖެހޭ ގޮތް ވުމުން ކޮފީއެއް ހެދުމަށް ޓަކައި ބަދިގެއަށް ދާން ނުކުތް އިރު ފެންޑާއިން މަންމަ ރޯއަޑު އިވެމުންދިޔައެވެ. މިއީ އަދި މިހާތަނަށް ދުވަހަކު ވެސް، އެހި އަޑަކަށްނުވާތީ މަންމަ ރޮނީ ކީއްވެތޯ ބެލުމަށް އަވަސް ވެގަތީމެވެ. ނަމަވެސް މަންމަ ބުނި ޢިބާރާތުގެ ސަބަބުން އެހުރި ތަނަށް އަހަރެން ގަނޑުވި ކަހަލައެވެ. 

"ޝިޔާން! އަހަރެންނަށް އޮޅުވާ ނުލާ. ކަލޭގެ ދަރިއަކަށް ޝާން ނުވާ ނަމަ ކަލެއާ އޭނަ އެހާ ވައްތަރުވާން ވީ ކީއްވެ؟ ކަލޭގެ ޅައިރުގެ ފޮޓޯތައް ހީވަނީ ޝާންގެ ތަސްވީރުތަކެއް ހެން. އަހަންނަށް އޮޅުވާ ނުލާ...." މަންމައަށް ރޮނީއެވެ. ގިސްލަނީއެވެ. އެ ވަގުތު ބައްޕަގެ އަޑު އިވުނެވެ.

"ޝިޔާމާ އަހަންނަށް އިތުބާރު ނުކުރަންވީ ސަބަބެއް އަހަންކަށް ނޭގެ. އަހަރެންނަކީ ފާޑުފާޑަށް އުޅޭ މީހެއް ނޫންކަން ޝިޔާމާއަށް އިނގޭނެ. އެހެން ނޫނަސް ޝާނަކީ ޝިޔާމާ ގެނައި ކުއްޖެއް ނޫންތަ؟ އަހަންނަކީ ވެސް ޝިޔާމާގެ ޗޮއިސްއެއްނު. މި ނޫން އެހެންވެ ތި ވައްތަރުވަނީ.."

މިހެން ބުނެފައި މަންމަގެ އަތުގައި ދަމާފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވައްދަމުން މާދަމާ އޮފީހަށް ދާން ޖެހޭ ވާހަކަ އާއި ބޭކާރު ވިސްނުންތަކަކީ ޝައިތާނީ ވަސްވާސްކަން ހަނދާންކޮށްދިނެވެ. އެ ފިޔަވަޅުމަތީގައި ގުޑާލަން ވެސް ނޭނގި އެތައް އިރަކު އަހަންނަށް ހުރެވުނެވެ. 

އެރެއަށް ފަހު މަންމަ އާއި އަހަންނާ އޮންނަ ގުޅުން މަޑުމަޑުން ކަންފަތި ވަމުންދާކަން ފާހަގަވަމުންދިޔައެވެ. ބައެއްފަހަރު ރުންކުރު ގޮތަކަށް އަހަންނާ މުޚާތަބުކުރެވެން ފެށިއްޖެއެވެ. އަހަރެން މަންމަ އުފާކުރުވަން ކުރާ ކަންތައްތަކުން މަންމަ ރުޅި ވެސް އަންނަން ފަށައިފިއެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ އިސްކަންދަރު ސްކޫލުގެ 2015ގެ އިނާމްދިން ރޭގައެވެ. ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަހަރެން ހޮވުމުން މަންމަގެ މޫނު މަތިން އުފާވެރިކަމެއް ނުފެނުނެވެ. ގަދަކަމުން ހީލާފައި އަހަރެންގެ ބޮލުގައި ފިރުމާލާފައި އަހަންނާ އެކު ނެގިހާ ފޮޓޯތަކުން ވެސް އެއީ ދެއްކުމަށް ހީލާފައި ހުރީކަން ހަމަރަނގަޅަށް ވެސް އެނގެއެވެ. ބައްޕަ ހުންނަ ވަގުތުތަކުގައި މިކަން ވީހާ ވެސް ބޮޑަށް ފޮރުވޭތޯ މަންމަ މަސައްކަތް ކުރާކަން ވެސް އަހަންނަށް ފާހަގަކުރެވެމުން ދިޔައެވެ. ނަމަވެސް އަހަރެން މިކަން އެނގޭ ކަމަކަށްނަހަދަމެވެ. ކުރިއަށްވުރެ ވެސް ބޮޑަށް ޒައިނާއި މަންމައާ ގުޅުން ބޮޑުކޮށް ބައްޕައާ ދުރަށް ދިޔުމަށް މަސައްކަތްފެށީމެވެ. މަންމަ ދެކެ ލޯބިވާވަރުންނެވެ. 

އެއްދުވަހެއްގެ ހަވީރެވެ. ކުއްލިއަކަށް ފެމިލީ ޑަކްޓަރު ގެއަށް އަތުވެއްޖެއެވެ. ޑަކްޓަރު ވަނުމާ އެކު އަހަންނަށް ކޮންމެވެސް ނުބައެއް އުޅޭހެން ހީވެއްޖެއެވެ. އެހެންކަމުން ބަދިގެ ފަރާތު ދޮރުން ނުކުމެގެން ގޮސް މަންމައާ ޑަކްޓަރު ދައްކާ ވާހަކަތައް އަޑު އެހޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ޑީއެންއޭ މި ލަފުޒު ފިޔަވައި ދެން ދެއްކި ވާހަކަތައް ސާފެއްނުވިއެވެ. މިހެން ހުއްޓާ ސިއްސައިގެން ދިޔައީ މަންމަ ގޮވި އަޑަށެވެ. ލިބުނު ކުއްލި ސިހުމުގެ ސަބަބުން ލައްބައޭ ނުބުނެވުނީ ކިރިޔާއެވެ. އަވަސްއަވަހަށް ގޮސް ބަދިގޭގެތެރެއަށް ވަދެއްޖައީމެވެ. އޭރު މަންމަ އަހަރެން ހޯދަމުން ހޯދަމުން ބަދިގެއާ ދިމާއަށް އަންނަނީއެވެ. އަވަހަށް، ފެންބުއިކަމަށް ހަދާފައި ބަދިގޭން ނުކުންނަން ހިނގައިގަތީމެވެ. އެވަގުތު ބަދިގޭގައި އަހަރެން  ކީއްކުރަނީތޯ މަންމަ އަހާލިއެވެ. އޭގެ ބަދަލުގައި މަންމަ ގޮވާލިހެން ހީވާތީ އަވަސްކުރީކަމަށް ބުނީމެވެ. އެހެންނަމަވެސް މަންމައަށް އަހަރެންގެ ނުގުޅޭ ޖަވާބަކަށް ސަމާލުކަމެއް ނުދެވުނެވެ. އެހެންކަމަކަށް މާބޮޑަށް ބޭނުންވެފައި ހުރީ ކަންނޭގެއެވެ. ޑަކްޓަރު ލަސްވެދާނެއޭ އަވަހަށް އަންނާށޭ ކިޔައިފައި އަހަރެންގެ އަތުގައި ހިފައިދަމާފައި ކަހަލަގޮތަކަށް ގެންގޮސް ސޯފާގައި ބައިންދާލިއެވެ. އަދި ލޭ ޓެސްޓުކުރަން އުޅޭކަމަށް ބުނެ އަތް ދިއްކޮށްލުމަށް ބުންޏެވެ. އަހަރެން އެއީ ކީއްކުރަންތޯ އެހުމުން އެއީ ތެލެސީމިޔާ ޓެސްޓުކުރަން ކަމަށް މަންމަ ބުންޏެވެ. ޒައިންގެ ނުނަގާތޯ އެހުމުން ޒައިނަކީ މަންމައާއި ބައްޕަގެ ދަރިއެއް ކަމަށާއި އޭނާގެ ލޭގައި ހުންނާނީ މަންމަ އާއި ބައްޕަގެ ލޭ ކަމުގައި ބުންޏެވެ. އަދި ޝާނަކީ ކާކުގެ ދަރިއެއްކަން ވެސް ނޭނގޭ ކުއްޖެއް ކަމަށް ބުނިއިރު މަންމަގެ މޫނު މައްޗަށާއި އަޑަށް އެގެނައި ރާގުން ހީވީ ހިތި ހަބަރެއް ކެވިގެން އުޅުނުހެންނެވެ.

އަހަރެންގެ ކުޑަކުޑަ ހިތުގެ އެންމެ ފުނަށް ވެސް އޭގެ އަސަރުފޯރިއެވެ. ނަމަވެސް ހިތް ދިރުވާލާފައި އެތާގައި އަހަރެން އިށީނީ މި މުއްސަނދި ދިރި އުޅުމާއި ޚާއްސަކޮށް މަންމަ އާއި ބައްޕަ ދެކެވާ ލޯތްބާ ދުރަށް ދާން ބޭނުން ނުވާތީއެވެ. އެ ވަގުތު އަހަރެންނަށް އިހްސާސްވަމުން ދަނީ މަންމަ ގަސްތުގައި އަހަރެން ދެކެ ލޯބި ނުވާކަން ދައްކަން އުޅެނީ ކަމެވެ. މަންމަގެ ބީހުމުގައި އެހުރި ބާރެއް އަހަންނަކަށް ނޭނގުނެވެ. އަހަރެން އަތުން ލޭނަގަން ހިފަހައްޓައިގެން މުޅި އުމުރަށް އިންނާނެ ނަމައޭ ހިތަށްއެރިއެވެ. މަންމަގެ ލޮލާއި ލޯ ބައްދަލުވި އިރު މަންމަގެ ލޮލޮން ކަރުނަފައިބާން އުޅޭހެން ހީވުމުން އަހަރެންގެ ހިތަށް ހީވީ ޚަންޖަރެއް ހަރާލިހެންނެވެ.  ނަމަވެސް މަންމަގެ އުފަލަށްޓަކައި ހިތްވަރުކޮށްލާފައި ލޯމަރާލީމެވެ. މަންމަ ކުރަން އުޅެނީ ކީއްކަން އަހަންނަށް އެނގޭކަމަށް ލޯ އިއުތިރާފުވެދާނެތީއެވެ.

ޑޮކްޓަރަށް ލޭ ދިނުމަށް ފަހު ކޮޓަރިއަށް ވަދެ އަހަރެން ރަނގަޅަށް ވިސްނާލީއެވެ. އެންމެ ފަހުން ވިސްނުނީ ބައްޕައަށް މިޚަބަރު ދިނުމަށެވެ. ކޮންމެ އަގެއްގައި ވެސް މިގޭގައި އަހަރެން ހުންނަން ބޭނުމެވެ. މަންމަ އާއި ބައްޕައާ ވަކިވާން އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން މިހާ ހިސާބަކަށް ކަންތައް ދިޔުމުން ބައްޕައަށް ނާންގާ ހުއްޓާ ގެއިން ނިކުންނަންޖެހިއްޖެ ނަމަ ހުރިހާ ދެރައެއް ލިބޭނީ ވެސް އަހަންނަށެވެ. އެހެންކަމުން ވަގުތުން ބައްޕައަށް ފޯނުކޮށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީމެވެ. އެތަކެއް ފަހަރު ޑައިލްކުރެވިއްޖެއެވެ. ބައްޕަ އަދި ވެސް ފޯނެއް ނުހުޅުވައެވެ. އަހަރެން ކަންބޮޑުވާން ފަށައިފިއެވެ. މަންމަ ކޮބައިތޯ ބަލަން ދިޔައިރު މަންމަ ފެންޑާގައި ދެކޮޅަށް ހިނގާހިނގާހުއްޓެވެ. އިރުއިރުކޮޅާ އަތުގައި އޮތް ފޯނަށް ބަލައިލައެވެ. ކުއްލިއަކަށް މަންމަގެ ފޯނު ރިންގްވާންފަށައިފިއެވެ. މަންމަ އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ. 

ހަލޯވ... ކޮބައިތޯ ރިސަލްޓަކީ...އެކޮޅުން ބުނި އެއްޗެއް ނޭގެއެވެ. އެކަމަކު މަންމަ ހަޅޭއްލަވައިގަތެވެ. 

ކީކޭ ޑޮކްޓަރ... ނުވާނެ ތިހެނެއް... ޑަކްޓަރ... ޝާނަކީ ޝިޔާންގެ ދަރިއަކަށް ނުވާނެ... ނުވާނެ ތީ އޮޅުމެއް، ޑަކްޓަރ... ޕްލީޒް....

މަންމަ އެހުރި ތަނަށް ވެއްޓިއްޖެއެވެ. އަހަރެންނަށް ކުރާނެ ކަމެއް ވެސް ނޭނގުނެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. ގޭގެ ނޯކަރުންތައް އެއްވެއްޖެއެވެ. އެންބިއުލާންސަށް ގުޅައިލެވުނު އިރު ފެމިލީ ޑޮކްޓަރު ވެސް ތެޅެމުންފޮޅެމުން އަތުވެއްޖެއެވެ. މަންމަ ހޮސްޕިޓަލަށް ގެންދިވެއްޖެއެވެ. ނަމަވެސް މަންމަގެ ހާލު ވަރަށް ސީރިޔަހެވެ. ބައްޕަ ވެސް އަތުވެއްޖެއެވެ. ފެމިލީ ޑޮކްޓަރުގެ ފަރާތުން ބައްޕައަށް، ވެގެން އުޅޭގޮތް ވެސް އެނގިއްޖެއެވެ. އެވަގުތު ބައްޕަ އެދުނީ މަންމަގެ ޑީއެންއޭއާ އަހަރެންގެ ޑީއެންއޭ ދިމާވޭތޯ ބެލުމަށެވެ. ބައްޕަގެ ވާހަކައަކީ ބައްޕަގެ ޑީއެންއޭއާ އަހަރެންގެ ޑީއެންއޭ ދިމާވާ ނަމަ މަންމައާ ވެސް ދިމާވާންޖެހޭނެއެވެ. ނޫނީ ޓެސްޓު ގޯހީއެވެ. ބައްޕައަށް އެހާ ވެސް ޔަގީންކަން އޮތެވެ. މަންމަގެ ގައިން ލޭނަގައިފިއެވެ. ނަމަވެސް މަންގެ ޙާލުދަނީ ސީރިޔަސްވަމުންނެވެ. ހިފެހެއްޓުމެއްނެތި ލޮލުން ފައިބަމުންދާ ކަރުނައާ އެކު މަންމަގެ ނޭވާހާސްވަނީއެވެ. އެންމެ ފަހުން މަންމަ މިދުނިޔެ ދޫކޮށްދިޔައީއެވެ. އަހަންނަކަށް ކެތެއްނުކުރެވުނެވެ. މޮޔައަކު ފަދައިން މަންމަގެ ގައިގައި ބޮސްދީފައި ރޮވެނީއެވެ. އާދޭސްކުރެވެނީއެވެ. މަންމާއެވެ. ނުދާށެވެ. އަހަރެން ދޫކޮށްލާފައި ނުދާށެވެ. ބައްޕަ އާއި ޒައިން ވެސް ރޮވިފައި ކައިރީގައި ތިއްބެވެ. 

ކުއްލިއަކަށް ފެމިލީ ޑޮކްޓަރު އައިސީޔޫ ތެރެއަށް ވަދެ ބައްޕައަށް ރިޕޯޓު ދައްކާލިއެވެ. އަހަރެން ބައްޕަކައިރިއަށް ޖެހިލާފައި އެއަށް ބަލައިލީމެވެ. ބައްޕަ އެވަގުތު އަހަރެންގެ ގައިގައި ބައްދައިގެންފައި އަޑުންއަޑު ނަނގާ ރޮއިގަތެވެ. ދަރިފުޅާއެވެ. ތިއީ އަހަރެމެން ދެމީހުންގެ ދަރިއެވެ. މަންމަ ބައްޕައަށް ޝައްކުކުރީ މިހެންވެގެންނެވެ. ތަގުދީރު މި ރޭވީ ކޮންކަހަލަ އަނިޔާވެރި ތަދުބީރެއްހެއްޔެވެ؟ އެވަގުތު އެތާގައި ހުރި ސްޓާފް ނަރުހެއް ބައްޕައާ ކައިރިއަށް ޖެހިލާފައި ނަފުރަތާއި މަލާމާތް އެކުލެވޭ އަޑަކުން ބުންޏެވެ. އެހެން މީހުންނަށް އަނިޔާދީފައި ދާއިރު އެއީ އަނިޔާއެއް ނޫންހެއްޔެވެ؟ މިހާރު އަނިޔާގައި ހުރި ވޭން އިހުސާސްކުރެވިއްޖެހެއްޔެވެ؟ އެކަންކުރީ އަހަންނެވެ. ކަލޭ އަހަންނަށް ދިން އަނިޔާގެ ބަދަލެވެ. އަހަންނަށް ނުލިބުނު އުފަލެއް ކަލެއަށް އެހެންމީހަކަށް ދެވިދާނެކަމަށް އުއްމީދުކުރިކަން އެއީ ކަލޭގެ ކުށެވެ. ކަލޭ އަންހެނުން ވިހޭ ވަގުތު ލޭބަ ރޫމުގައި ވިހޭ، ރަށު ތެރެއަށް ގިނަވެގެން އުޅުނު އަންހެނެއްގެ ދަރިއާ ކަލޭގެ ދަރި ބަދަލުކުރީ އަހަންނެވެ. ނަމަވެސް އިއްތިފާގުން ކަލެއަށް ދަރި ލިބުނީއެވެ. ކަލޭގެ ނަސީބު ހަމަ ރަނގަޅީއެވެ. ނަމަވެސް މިހާރު އަނިޔާގެ ރަހަ ކަލޭގެ އަރުތެރޭގައި ހުންނާނެކަމަށް އުއްމީދުކުރަމެވެ. އެ ނަރުސް ކިޔާނެ އެއްޗެއް ކިޔާފައި ހިނގައްޖެއެވެ. ބުނާނެ އެއްޗެއް ނޭނގި އަޖައިބު އަންތަރީސްވެފައި ބައްޕައަށް ހުރެވުނީއެވެ. 

އަހަރެން ބައްޕަގެ ގައިގައި ހިފައި ތަޅުވައިގަތުމުން ބައްޕައަށް ހަމަ ނޭވާލެވުނު ކަހަލައެވެ. ބައްޕަ އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަރެންގެ ލޮލުގައިވަނީ ހުސް ސުވާލެވެ. އެއީ ކާކު ހެއްޔެވެ؟ ކޮން އަނިޔާއެއް ހެއްޔެވެ؟ ބައްޕަ އެވަގުތު އަހަރެން މެޔާލާ ބޮޑިކޮށްލުމަށް ފަހު ބުންޏެވެ. ދަރިފުޅާއެވެ. ބައްޕައަށް މައާފުކުރާށެވެ. އެއީ ބައްޕަގެ ކުރީގެ ލޯބިވެރިޔާއެވެ. ބައްޕަ އޭނާ ދޫކޮށްލީ މާމަގެ އެދުމަށް މަންމައާ ކައިވެނިކުރާށެވެ. ބައްޕަގެ ކައިވެންޏަށް ފަހު އޭނާ ކިތަންމެ ގޮތަކުން ވެސް ބައްޕައާ ދިމާކުރިއެވެ. ނަމަވެސް ބައްޕަގެ އުފަލަކަށް ވީ ދަރިފުޅުގެ މަންމައާ އެކު އުފާވެރި ހަޔާތެއް ވޭތިކުރުމެވެ. 

އަހަރެން ސިއްސައިގެން ދިޔައީ ބައްޕަ އައިސް އަތުގައި ހިފުމުންނެވެ. ދަރިފުޅާއެވެ. ގެއަށް ހިނގާށެވެ. މިއީ ހަމަ ތަގުދީރެވެ. ތެދުވެ، ބައްޕައާ އެކު ހިނގައިގަންނަމުން އަދިވެސް އެއްފަހަރު މަންމަގެ ސަންދޯއް ގެންދިޔަ ދިމާއަށް ބަލައިލެވުނެވެ. ކަރުނައިގެ ތެރެއިން ފެންނަމުން ދިޔައީ މަންމަގެ ތަސްވީރެވެ. އެ ދޮލޮލުގައި ވަނީ ވޭނީ އުދާހެވެ. މަންމައަށް މާފުކުރާށޭ ބުނާ ކަހަލައެވެ. ބައްޕަގެ އަތުންދޫކޮށް، އުޑާ ދިމާއަށް އަތްއުފުލާލެވުނެވެ. މަންމަގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދިގެންނެވެ. ވަކިވެދިޔަޔަސް ހިތުގައިވަނީ ތިޔަ ލޯތްބެވެ.

ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.