ޠޯއިފްމެންގެ ދެބަފައިން އެރަށަށްލެފީ އެދުވަހު ހަވީރުގެ ވަގުތެއްގައެވެ. ގޭގައި އެމީހުންގެ ސާމާނު ބެހެއްޓުމަށްފަހު މިސްކިތަށް ގޮސް ނަމާދުކޮށްގެން އައިރު ހަވީރު ސައިހުރީ ތައްޔާރުވެފައެވެ، ސައިބޮއިގެން ޠޯއިފް އާއި ބައްޕަ ނިކުތީ ބޭރަށެވެ. ދެމީހުން މަގުގެ ދެކޮޅަށް ހިންގައިގަތެވެ. ބައްޕަދުރުވީ ބައްޕަގެ ރައްޓެއްސަކާ ބައްދަލުކުރައްވާށެވެ. ޠޯއިފް ހިނގައިގަތީ ރަށުތެރެބަލާލުމަށެވެ. މިރަށަކީ ޠޯއިފް ބައްޕަ އުފަން ރަށްކަމުގައި ވިޔަސް ޠޯއިފް މިރަށަށް އަދި މިއައީ ފުރަތަމަ ފަހަރަށެވެ. ބައްޕަގެ އާއިލާ އެންމެންހެން މިހާރު ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އެހެންކަމުން ރަށުގައި ތިބި ބައްޕަގެ ތިމާގެ މީހުން ވަރަށް މަދެވެ.
ޠޯއިފް ހިނގަމުން ދިޔައިރު ވަށައިގެންވާ މާހައުލްގެ ހިތްގައިމުކަން އިހުސާސްވަމުން ދިޔައެވެ. ހަވީރުގެ ފިނިވައިރޯޅީގެ ބީހުމެވެ. މަގުގެ ދެފަރާތުގައިވާ ގޯތިތަކުގައި ހައްދާފައި ހުރި މާބަގީޗާތަކުގައި ފޮޅިފައިވާ އެކިކުލަކުލައިގެ މާތަކުގެ ރީތި މަންޒަރެވެ. އަދި އެމާތަކުން ދުވާ މީރުވަހެވެ. ޠޯއިފް ފޯނުނަގައިގެން މި މަންޒަރުތައް ފޯނުގައި ރައްކާކުރަންފެށިއެވެ. ޖޯލިފަތިތަކުގައި ވާހަކަ ދައްކަންތިބި އަންހެނުން ޠޯއިފް އަރާހަމަވުމުން ވާހަކަ މެދުކަނޑާލާފައި ޠޯއިފްއަށް ބަލަމުންދާކަން ޠޯއިފްއަށް ފާގަކުރެވުނެވެ. އަދި ބައެއް މީހުން ސަލާންގޮވާލާ އެއީ ކާކުތޯ؟ ކީއްކުރަންތޯ؟ އެރަށަށް އައިސް އުޅެނީ އަހާލައެވެ.
ޠޯއިފް ދިޔައީ ރަށުގެ އަތިރިމައްޗަށެވެ. އޭރު އިރުއޮއްސެން ގާތްވަމުން އަންނާތީ އުޑުމަތި އޮތީ އޮރެންޖުކުލައިގައެވެ. ޠޯއިފް ހިތްފުރެންދެން އިރުއޮއްސޭމަންޒަރުގެ ރީތި ފޮޓޯތަކާއި ވީޑިއޯ ނަގާނިމިގެން އެނބުރިދާން ހިނގައިގަތެވެ. ޠޯއިފްއަށް އެޅުނީ އޭނާއައިމަގުނޫން އެހެންމަގަކަށެވެ. އެހެންވިޔަސް އެއިން ކޮންމެ ގޯޅިއަކުން ވެސް ބޮޑުމަގަށް ނިކުމެވޭނެކަން ޠޯއިފަށް އެނގެއެވެ.
އަނދިރިވަމުންދާ މާހައުލުގެ ހިޔަނި ތަކުގެ ތެރެއިން ދިއްލިފައި ހުރިގެއެއް ޠޯއިފްއަށް ފާހަގަ ވިއެވެ. އެއީ ދެބުރިއަށް ހަދާފައި ހުރި ގެއެކެވެ.
މަތީބުރީގެ ކުޑަދޮރެއްގެ ކައިރީ މީހަކު ހުއްޓެވެ. ޠޯއިފަށް އެ ގެއާ ތަންކޮޅެއް ކައިރިއަށް އާދެވުމުން ކުޑަދޮރުކައިރީ ހުރީ އަންހެން ކުއްޖެއްކަން އެނގުނެވެ. އެއީ ވަރަށް ރީތި އަންހެންކުއްޖެކެވެ. ޠޯއިފްގެ ނަޒަރު އެކުއްޖާއަށް ހުއްޓީފައިހުއްޓެވެ. އެ އަންހެން ކުއްޖާ ޠޯއިފްއަށް އަތްހޫރާލިއެވެ. ޠޯއިފަށް ވެސް ބޭ އިޚްތިޔާރުގައި އަތްހޫރާލެވުނެވެ. ދެން އެއަންހެން ކުއްޖާ އެތެރެއަށް ހިނގައްޖެއެވެ. ޠޯއިފް އެތާ އިރުކޮޅަކު ހުރެފައި ގެއަށް ދިޔައެވެ. އޭރު ބައްޕަ އަދި ނުދުރުވެއެވެ. ޠޯއިފް ފޯނުން އޭނާ ނެގި ފޮޓޯތަކާއި ވީޑިއޯތައް ބަލަންއޮތެވެ. ތާއިފްއަށް އެއަންހެން ކުއްޖާގެ ފޮޓޯ އެއްނެގުނު ނަމައޭ ހިތަށް އެރިއެވެ. އެކަމަކު ތާއިފް އެއަންހެން ކުއްޖާއާ ދޭތެރެ ވިސްނާނެ ކަމެއްވެސް ނެތެވެ. މާދަމާރޭ އޭނާގެ ކައިވެނި ހަމަޖެހޭނެއެވެ. އޭނަ ނުވެސް ދެކޭ ނުވެސް ދަންނަ އަންހެން ކުއްޖަކާ އެކުގައެވެ. އެއީ ޠޯއިފް ބައްޕަގެ ރަހުމަތްތެރިއެއްގެ ދަރިފުޅަކާ އެވެ. މިއީ ހަމަ ޠޯއިފް ބޭނުންވި ގޮތެވެ. އެއީ އޭނަގެ ރުހުމުގައި ހަމަޖެހޭ ކައިވެންޏެކެވެ. ވީމާ ދެން އެހެން އަންހެން ކުއްޖަކާ މެދު ވިސްނުމުގެ ޖާގައެއް ނެތެވެ. އެރޭ ބައްޕަ ދުރުވުމުން ޠޯއިފް ކައިގެން ނިދީއެވެ.
އަނެއްދުވަހު ހެނދުނުގެ ސަޔަށްފަހު އަނެއްކާވެސް ޠޯއިފް ބޭރަށް ނުކުތެވެ. ޠޯއިފް ނިކުތީ އެރަށުގައި ހުރި ޠޯއިފްގެ ރަހުމަތްތެރިއަކާ ބައްދަލު ކުރުމަށްޓަކައި އޭނަގެ ގެއަށް ދިޔުމަށެވެ. އެހެންނަމަވެސް އޭނައަށް ދެވުނީ ކުރީދުވަހު ފެނުނު ގޭގެ ކައިރިއަށެވެ. މިއަދުވެސް އެކުއްޖާ ކުޑަދޮރުން ފެންނަން ހުއްޓެވެ. ޠޯއިފްފެނުމުން އަތްހޫރާލިއެވެ. ދުވާލުގެ އަލީގައި އެކުއްޖާ މާ ރީތިކަމަށް ޠޯއިފަށް ފާހަގަކުރެވުނެވެ. ޠޯއިފް ޖީބުން ފޯނުނަގާ ފޮޓޯއެއް ނަގަން އުޅެން ފެށުމުން އެކުއްޖާ އަވަހަށް ގޭތެރެއަށް ވަނެވެ.
އެދުވަސް އެކުގައި ޠޯއިފް ހޭދަކުރީ އޭނަގެ ރަހުމަތްތެރިޔާ ޔާސިނާ އެކުގައި ޑްރޯން ބޭނުންކޮށްގެން ރަށުގެ ސަރަހައްދު ފޮޓޯ ނެގުމުގައެވެ. ހަވީރުވުމުން ދެމީހުން ސައިބޯން ތިބިއިރު ޠޯއިފަށް އެދުވަހު ފެނުނު އަންހެންކުއްޖާއަކީ ކާކުކަން ޔާސިންގެ ފަރާތުން އޮޅުންފިލުވަން ޠޯއިފް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ޔާސިންއަކީ ވެސް މާލޭގައި ދިރިއުޅޭ މިހަކަށްވެފައި ރަށަށް އަންނަނީ ވަރަށް މަދުންކަމަށް ވާތީ އެއީ ކޮންކުއްޖެއްކަން ބުނެދޭކަށް ނޭންގުނެވެ. ޠޯއިފް ރަހުމަތްތެރިޔާ ގާތުގައި އޭނަގެ ކައިވެނި އެރޭ ހަމަޖެހޭނެކަމަށް ބުނުމުން، ޔާސިން އެކަމާ ވަރަށް ފާޑުކިއެވެ. މިޒަމާނުގައި ޠޯއިފްފަދަ އަންހެން ކުދިން ގަޔާވާ ހުރިހާ ސިފަތަކެއް ލިބިފައިވާ ޒުވާނަކު ތިޔަ ކަހަލަ ގޮތަކަށް ކައިވެނި ކުރުމަކީ އޭނައަށް ތާއީދުކުރެވޭނެ ކަމެއް ނޫންކަމުގައި ބުންޏެވެ. އަދި ދުވަސް ކޮޅެއްދީފި ނަމަ ޠޯއިފްއަށް ރީތިވެގެން އުޅޭ އަންހެންކުއްޖާގެ މަޢުލޫމާތު ހޯދައިދޭނެކަމުގައި ވެސް ބުންޏެވެ. އެދުވަހުވެސް އިރުއޮއްސުނު ވަގުތު ޠޯއިފް ދިޔައީ ހަމަ އެމަގުންނެވެ. އެކުޑަދޮރު ކައިރިން އެ އަންހެން ކުއްޖާ ފެންނާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް މިފަހަރު އެކުއްޖާފެންނާކަށް ނެތެވެ.
ޠޯހިރާ އަކީ މުޅި ގޭ އެންމެންގެ ރޫހެވެ. އެންމެން ވެސް ތޯހިރާ ދެކެ ވަރަށް ލޯބިވެއެވެ. ތޯހިރާއަކީ ޚާއްސައެހީއަށް ބޭނުންވާ ކުއްޖެއް ނަމަވެސް އޭނަ އަމިއްލައަށް އޭނަގެ ކަންތައްތައް ކުރަން އެނގޭ ކުއްޖެކެވެ. އަދި އޭނާއަށް އެކި ކަންކަންކޮށްދޭން ގޭ އެންމެން ތިބެނީ ތައްޔާރަށެވެ. މިއަދަކީ ޠޯހިރާގެ ކައިވެނިކުރެވޭ ދުވަހެވެ. ގެއަށް އައިސް ގޭ ކުދިންނާ އެކުގައި އުޅޭ ގޭއެންމެން ދަންނަ ރައްޓެހި އަދި ޠާހިރާގެ ހުރިހާ ކަމެއް ރަގަޅަށް އެނގޭ ހަމްދާން، ޠާހިރާގެ ކައިވެންޏަށް އެދުމުން ޠާހިރާގެ މަންމައާއި ބައްޕަ އަދި ކޮއްކޮ އާއި މުޅިއާއިލާ ވަރަށް އުފާވިއެވެ. ޠޯހިރާގެ ބައްޕަ ޠޯހިރާގެ ފިރިމީހާއަށް ތޯހިރާގޮވައިގެން ދަތިކަމެއްނެތި އުފާވެރިދިރިއުޅުމެއް އުޅެވޭފަދަ ހުރިހާ ވަސީލަތަކާއި މަގު ހޯދައިދޭން ހުރީ ތައްޔާރުގައެވެ.
ހެނދުނުވީއްސުރެ ގެއަށް މީހުންޖަމާވަމުން އައެވެ. އެކި އެކި ކަންކަމުގައި ހޭލަމޭލަވެއުޅެންފެށިއެވެ. އެއްބަޔަކު ގޭތެރެ ޒީނަތްތެރިކުރުމުގައި އުޅޭއިރު އަނެއްބަޔަކު ކޭޓަރިންގްގެ ކަންކަމާއި ރޭވިފައިވާ ހުރިހާކަންތައްތައް ޕްލޭނާއީ އެއްގޮތައް ކުރިއަށް އެބަ ދޭތޯ ބެލުމުގައި އުޅެއެވެ. ބައެއް މީހުން މެހެމާނުންނަށް ދޭނެ ހަދިޔާ ތައްޔާރުކުރުމުގައި އުޅެއެވެ. ޠޯހިރާގެ މަންމަ ތޯހިރާގެ ސާމާނު ތައްޔާރު ކުރުމުގައި އުޅެއެވެ. ތޯހިރާގެ ކަންކަމުގައި އެހީތެރިވެދޭން އުޅޭ ޒީނާ ވެސް ޠޯހިރާޔާ އެކު އޭނާގެ ފިރިމިހާގެ ގެއަށް ބަދަލުވާ ގޮތައްވަނީ ހަމަޖެހިފައެވެ. އެއީ ޠޯހިރާގެ ހުރިހާކަމެއް އެންމެރަގަޅަށް އެގެނީ ޒީނާއަށް ކަމަށްވާތީ ޒީނާވެސް ޠޯހިރާއާ އެކު ދާގޮތައް ޠޯހިރާގެ ބައްޕަވަނީ ހަމަޖައްސާފައެވެ. ޒީނާ ޠޯހިރާގެ އާ ހެދުންތައް ހެޔޮވަރުކުރުމުގައި އެހީތެރިވެދެމުން ދިޔައެވެ. އެދުވަހު ތޯހިރާ އިނީ ވަރަށް އުފަލުންނެވެ.
ދުވަސް ނިމި އިރު އޮއްސެން ވީއިރަށް ހުރިހާކަމެއް ތައްޔާރުވެ ނިމިއްޖެއެވެ. ޠޯހިރާ ރީތިކޮށްލާފައި އިންއިރު ހީވަނީ ހަމަ ޕަރީއެއްހެންނެވެ.
ޠޯހިރާގެ ކައިވެނި ހަމަޖެހިފައިވާ ހަމްދާންގެ ގޭމީހުން އައުމަށް ހަމަޖެހިފައިވާ ވަގުތު ޖެހުމުން ބައްޕައާ އާއިލާގެ ބޮޑުން ގޭ ދޮރުމައްޗަށް އެއްވެ އިންތިޒާރުގައި ތިއްބެވެ. މިނިޓްތައް ގަޑީއިރަށް ބަދަލުވެ ދެގަޑީއިރު ވެގެން ދިޔަ އިރުވެސް ހަމްދާންގެ ގޭ މީހުން ވެސް އަދި ހަމްދާން ވެސް ނާދެއެވެ. އެންމެ ފަހުން ޚަބަރު ލިބުނީ ހަމްދާން އެ ކައިވެންޏާ ދެކޮޅުހެދި ހެދިއެވެ.
ހުރިހާ އެންމެންގެ އުންމީދުތައް ފެނަށްވެއްޖެއެވެ. އެންމެން ބުދުތަކެއްހެން ހަރަކާތް ހުއްޓިފައި ތިއްބެވެ. ޠޯހިރާ މަންމަ ޠޯހިރާއަށް ކަންވީގޮތް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ޠޯހިރާއަށް އެކަން ގަބޫލެއް ނުކުރެވެއެވެ. ޠޯހިރާއަށް ހީވާގޮތުގައި އަދި އޭނަގެ ކައިވެނި އޮތީ ކުރިއަށެވެ. އެ ދުވަހުން ފަށައިގެން ކޮންމެ ދުވަހަކީ އޭނަ ހަމްދާންގެ އިންތިޒާރުގައި ހޭދަކުރި ދުވަސްތަކެވެ. ކޮންމެ ދުވަހަކު ރީތިވެގެން އިންތިޒާރުގައި އިނދެއެވެ. މިހެންދުވަސްތައް ހޭދަވަމުން އައިސް ޠޯހިރާ ބަލިވިއެވެ. ވަރަށް ގަދައަށް ހުންއައިސްފައި މިބަލީގައި މާގިނަދުވަހެއް ނުވެ ޠޯހިރާ ދުނިޔެދޫކުރިއެވެ.
އޭގެ 6 އަހަރު ފަހެވެ. ޠަބައްސުމް އަކީ ވެސް ޚާއްސައެހީއަށް ބޭނުންވާ އަންހެންކުއްޖެކެވެ. ޠަބައްސުމް ވެސް މިއަދު އެ ތައްޔާރުވަމުން ދަނީ އޭނަގެ ކައިވެންޏަށެވެ. ޠަބައްސުމްގެ މަންމަ އާއި ބައްޕަ ވެސް އޭނަ ބަލައިބޮޑުކުރީ ވަރަށް ލޯބިންނެވެ. އެމީހުންގެ ލޯބިވާ ދަރިފުޅު އެހެންބަޔެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭތީ ކަންބޮޑުވިއަސް އެމީހުނަށް ޠަބައްސުމްގެ ކައިވެނި ހަމަޖެހިފައިވާ އާއިލާއާ މެދު ފުރިހަމައަށް އިތުބާރު އެބައޮތެވެ. އެއީ މިކައިވެންޏަކީ ޚުދު ފިރިހެން ކުއްޖާގެ އެދުމުގެ މަތިން ކުރެވޭ ކައިވެންޏަކަށްވާތީއެވެ.
އިރުއޮއްސެންވީ އިރަށް ގެއަށް ތިމާގެ މީހުން ޖަމާވެ ޠަބައްސުމްގެ ވާންއުޅޭ ފިރިމީހާއަށް އިންތިޒާރު ކުރަން ފެށިއެވެ. ތަބައްސުމް އިނީ ވަރަށް ރީތިވެ ނަލަހެދިގެންނެވެ. އެންމެންވެސް ތީބީ ވަރަށް އުފަލުންނެވެ. މާލޭގެ ގަދަރުވެރި މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޠަބައްސުމް ފަދަ ކުއްޖަކާއި ކައިވެންޏަށް އެދުމުންނެވެ. އެފަދަ އަޚްލާޤުރަގަޅު ރީތި ކިޔަވައިގެން ހުރިޒުވާނަކު ޠަބައްސުމް އާއި ކައިވެނިކުރުމަކީ މުޅި މުޖުތަމައަށް މިސާލަކަށްވެގެން ދާނެ ކަމެކެވެ. މިރެއަކީ ކައިވެނީގެ ރަން ކިޔާ ކައިވެނި ކުރުމަށް އަގުދުވެ ދެފަރާތުން އެއްބަސް ވެވޭރެއެވެ. ކެއުން ހުރީ ތައްޔާރުގައެވެ. އިޝާނަމާދަށްފަހު ފިރިހެން ކުއްޖާއާއި އޭނަގެ ބައްޕަ އަންނާނެއެވެ. އިޝާ ނަމާދަށްފަހު ބައްޕަ އާއި އެގޭގެ މީހުން އައެވެ. އެކަމަކު ޠަބައްސުމް ގެ ވާންއުޅޭ ފިރިމީހާގެ ޚަބަރެއް އަދިވެސް ނުވެއެވެ. ވަގުތުތައް ދިގުލާދާންފެށިއެވެ. އެންމެފަހުން ނުވައެއް ޖަހާ ދިޔައިރުވެސް ޚަބަރެއް ނުވިއެވެ. ފޯނެއްވެސް ނުނަގައެވެ. ޠަބައްސުމް ގެ ގޭ އެންމެން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ބޯކޮށް ވާރޭ ވެހެން ވެސް ފަށައިފިއެވެ. ދެން އޭނާ އަންނާނެ ކަމުގެ އުންމީދު ހީނަރުވާން ފަށައިފިއެވެ.
ޠޯއިފް ގެއަށް އައިސް ބައްޕައާ އެކު ބައްޕަގެ ރަހުމްތެރިޔާގެ ގެއަށް ދާން ތައްޔާރުވި އެވެ. އެހެންނަމަވެސް އޭނަ ކައިވެންޏާ މެދު ދެކެމުން އައި ގޮތާ މެދު ސިކުނޑިގައި ސުވާލު އުފެދެންފެށިއެވެ. ހިތް ނުތަނަވަސްވެ ސިކުޑިވަނީ ހައިޖާނެއްގެ ތެރޭއެވެ. ބައްޕަ ޠޯއިފްގާތު ބައްޕައާއެކު ދާން އެދުމުން ޠޯއިފް ފަސް ޖެހުނެވެ. އަދި ޠޯއިފް ފަހުން ދާނެކަމުގައި ބުނެ ބައްޕަ އެގޭ މީހުނާއިއެކު ކުރިން ފޮނުވާލިއެވެ. އެވަގުތު ޠޯއިފްގެ ރަހުމަތްތެރިޔާ ޔާސިން އެގެއަށް އައެވެ. ޔާސިން ޠޯއިފް އެކުރަނީ ރަގަޅުކަމެއް ނޫންކަމުގައި ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އެ ކައިވެނި ކުރުމަކީ ޠޯއިފް އަމިއްލައަށް ކަނޑައެޅި އަޒުމެކެވެ. އަންހެންކުއްޖާގެ އާއިލާއަށް ޠޯއިފް ވެފައިވާ ވަޢުދެކެވެ. އެހެންވީމަ ދެން ފަސް ޖެހުމަކީ އޭނަގެ އަމިއްލަ ނަފްސާ މެދު އޮތް އިތުބާރު ގެއްލޭނެކަމެކެވެ.
ޠޯއިފް ވިއްސާރަ ކޯޓުލައިގެން ޔާސިންއާ އެކު ސައިކަލުގައި ބައްޕަގެ ރަހުމަތްތެރިޔާގެ ގޭދޮށަށް ދިޔައެވެ. ސައިކަލުން ފޭބިއިރު އެގޭ ދޮރުމަތީގައި އަންހެން ކުއްޖަކު ހުއްޓެވެ. ޠޯއިފް ސައިކަލުން ފައިބާ ހައިރާންވެފައި އެއަންހެން ކުއްޖާއަށް ބަލަންފެށުމުން ޔާސިންއަށް އެއީ ޠޯއިފްއަށް ރީތިވެގެން އެއުޅޭ އަންހެން ކުއްޖާކަމަށްލަފާކުރެވުނެވެ.
ޠޯއިފް ހައިރާންވެފައި އެ ކުއްޖާއަށް ބަލަންހުއްޓާ އަންހެންކުއްޖާ ޠޯއިފް ގާތުގައި ގެއަށްވަނުމުގެ ކުރިން އޭނައާ ވާހަކަ ދައްކާލަން ފުރުސަތަކަށް އެދުނެވެ. އެ ކުއްޖާގެ ނަމަކީ ތަމާރާކަމަށް ބުންޏެވެ. ޠޯއިފް ވެހޭ ވާރޭގެ ތެރޭ ކުޑައެއްގެ ނިވަލުގައި ތަމާރާއާ އެކު އެ ދެއްކި ވާހަކައަކީ ހަމަ މީގެ އަހަރުތަކެއް ކުރިން އޭނާގެ ދައްތަ ޠޯހިރާގެ ކައިވެނީގެ ރަންކިއުނު ރޭގައި ޠޯއިފްއޭނާގެ ރަހުމަތްތެރި ހަމްދާން ގާތު ޚުދު ޠޯއިފްވެސް ދެއްކި ވާހަކަތަކެވެ. އެ ވާހަކަތަކަށްފަހު ޠޯއިފްއަށް މިކައިވެންޏާމެދު ހިތުގައިވާ ހުރިހާ ޝައްކެއް ފިލާ ޔަގީނަށް ބަދަލުވިއެވެ. ޠޯއިފް ދެން އެގެއަށް ވަނީ ހިތުންރުހުމުން ޠަބައްސުމްއާ ކައިވެނި ކުރުމަށް ރުހިޤަބޫލްވެގެންނެވެ.
ތަމާރާއަކީ ތަބައްސުމްގެ ދައްތައެވެ. ތަމާރާގެ ކައިވެނި ވަނީ ކުރިން ހަމަޖެހިފައެވެ. އެހެންނަމަވެސް ތަމާރާއެދޭ ގޮތަކީ ކުރިން އޭނަގެ ކޮއްކޮ ޠަބައްސުމްގެ ކައިވެނިކުރެވުމެވެ. ތަމާރާއަށް ޠޯއިފް މަގުމަތިން ފެނުނީ ތަމާރާގެ ރައްޓެއްސެއްގެގޭގައި ހުއްޓައެވެ. ތަމާރާއަށް ކުރިންވަނީ ޠޯއިފްގެ ފޮޓޯފެނިފައެވެ. އެހެންވެ ޠޯއިފް ފެނުމުން އަތް ހޫރާ އޭނައާ ވާހަކަ ދައްކާނަމޭ ހިތާ ތިރިއަށް ފައިބާ ބޭރަށް ނިކުމެވުން އިރު ޠޯއިފް ހިނގައްޖެއެވެ. މިރޭ ތަމާރާ ފުރުސަތެއް ހޯދާ ޠޯއިފްގެ ފަރާތުން އެދުނީ އޭނަގެ ކޮއްކޮއަށް ހެޔޮކޮށްހިތާ އޯގާތެރި ފިރިއަކަށްވެދިނުމަށެވެ. އަދި ކޮއްކޮއާމެދު ކެތްތެރިކަމާއިއެކު އަމަލުކޮށްދިނުމަށެވެ. ޠޯއިފްފަދަ ޒުވާނަކު ޠަބައްސުމްގެ އަތުގައިހިފުމަކީ ތަމާރާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި އެކަމާ ތަމާރާ އަބަދުވެސް ޠޯއިފާމެދު ފަޚުރުވެރިވެ އިޙްތިރާމްކުރާނެކަމުގައި ތަމާރާ ޠޯއިފްގާތުބުންޏެވެ.
ޠޯއިފް އެތެރެއަށް ވަދެ ޠަބައްސުމް ކައިރީ އިށީނެވެ. ޠަބައްސުމް، ތަމާރާ އާއި ވަރަށްވައްތަރެވެ، ތަމާރާއަށްވުރެވެސް ރީތިވެފައި ފުރިހަމައެވެ. ޠަބައްސުމް އޭނާގެ ގާތުގައި ތޯއިފް އައިސް އިށީނުމުން އުފަލުން ފޮޅުނެވެ. އެވަގުތު ޠޯއިފް ހިތައްއެރިއެވެ. މިވަގުތަކީ އޭނަގެ ދައްތަ ޠޯހިރާ ޠޯއިފް އާމެދު ވަރަށް ފަޚުރުވެރިވާނެ ވަގުތެކެވެ.
ދައްތަ ނިޔާވިއިރު ޠޯއިފްގެ އުމުރުން 16 އަހަރެވެ. ޠޯހިރާ ދައްތަދެކެ ޠޯއިފް ނުހަނު ލޯބިވިއެވެ. ދައްތަގެ ކައިވެނި ހަމަޖެހުމުން އޭނަ އިންތިހާއަށް އުފާވިއެވެ. އެރޭ ހަމްދާންގެ އިންތިޒާރުގައި ދޮރާށި ކައިރީ ތިބި މީހުންގެތެރޭ އޭނަވެސް ހުއްޓެވެ. އެހެންނަމަވެސް ހަމްދާނެއް ނައެވެ. އޭގެ ކުރީރޭ ޠޯއިފް ހަމްދާން ގާތުގައި ދައްތަ އާބެހޭ ގޮތުން ވާހަދެއްކިއެވެ. އެކަމަކު ހަމްދާން ފަސްޖެހިފާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ދައްތަ އިންތިޒާރުގައި ހޭދަކުރި ދުވަސްތައް އަދި ދައްތަގެ ބަލިހާލާއި ދައްތަގެ ވަކިވެދިޔުން ވީ ޠޯއިފްއަށް ވަރަށް ފުން ހިތާމައަކާއި އަސަރެއްކުރި ކަމަކަށެވެ. އެހެންވެ ޠޯއިފް އިތުރަށް ތަޢުލީމް ހާޞިލްކުރަން ރާއްޖެއިން ބޭރުގައި ބެހެއްޓިއެވެ. ޠޯއިފްގެ ބައްޕަ ޠޯއިފްގެ ހިތާމަތައް ކުޑަކުރުމަށް ނިންމި މި ނިންމުން ވީ ޠޯއިފް، އާހިތްވަރަކާއެކު ކިޔަވާ އޭނަގެ ދައްތަ ފަޚުރުވެރިވާފަދަ މީހަކަށް ވުމެވެ. ދައްތަ، ޠޯހިރާ ނިޔާވުމުން އެދުވަހު ޠޯޢިފް އަޒުމް ކަނޑައެޅިއެވެ. ތާއިފް ޒަވާޖީހަޔާތެއް ފަށާނަމަ ކައިވެނި ކުރާނީ އޭނަގެ ދައްފަދަ ޚާއްސައެހީއަށް ބޭނުންވާ އަންހެން ކުއްޖަކާއެވެ. އަދި ދައްތައަށް ނުލިބުނުއުފާ އެ އަންހެންކުއްޖަކަށް އޭނަހޯދައިދޭނެއެވެ. މިއަދު ޠަބައްސުމްގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަމަކީ އޭނަ އޭނަގެ ޠޯހިރާ ދައްތައަށް ލިބުމަށް އެދި އުންމީދުކުރި އުފާވެރިކަމެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.