ދުނިޔެމަތި އަލިކުރަމުން ދިޔަ އިރު، އޭގެ ވާޖިބު އަދާކުރުމަށްފަހު، މަަޣުރިބުގެ ފަރުދާގެ ފުރަގަހަށް ވަދެ ނިވައިވަނީއެވެ. އުދަރެސްމަތި ވަނީ ރަތްވިލާތަކުން ޖަރީވެފައެވެ. އެ މަންޒަރު ބަލާ މީހަކަށް ހީވާނީ، ލޯބީގެ މައިދާނުގައި ޝަހީދުވެފައިވާ ލޯބިވެރިއެއްގެ ލޭ، އުޑުމަތީގައި އުނގުޅިފައިވާ ހެންނެވެ. ހުޅަނގު ފަރާތު އުދަރެހަށް ވެރިވެފައިވާ އެ ރަތްކަމަކީ، ވަކިވެދާ ލޯބިވެރިޔާގެ ހިތުން އޮހޮރޭ ލޭގެ ކުލަ ކަމުގައި، އަތިރިމަތީގައި ހުރި ބޮޑު "ކާނި ގަހުގެ" މޫގަނޑުމަތީގައި އިން އިޔާޒަށް ސިފަވަމުން ދިޔައެވެ.
އިޔާޒް އިނީ މާޔޫސްވެފައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދުރުން ފެންނަން އޮތް އުދަރެހަށެވެ. ނަމަވެސް އޭނާގެ ހިތުގެ ލޯ ހުޅުވިފައިވަނީ މާޒީގެ ސަފުހާތަކަށެވެ. ރާޅުޖަހާ ފަށުގައި އޮތް ހިމޭންކަމާއި، ވައިރޯޅީގެ މަޑުމައިތިރިކަން، އިޔާޒްގެ ހިތުގައި އަނދަމުންދާ އަލިފާންގަނޑު ނިއްވާލުމަށް ނުކުޅެދިފައިވާ ކަހަލައެވެ. އޭނާގެ އަތުގައި އޮތީ މޯޅިވެފައިވާ ފިނިފެންމަލެކެވެ. މިއީ މިއަދު ހެނދުނު، އޭނާގެ ލޯބިވާ ޔުމްނާ އަށް ދޭން ގެނައި މަލެކެވެ.
ނަމަވެސް އެ މާ ދިނުމުގެ ނަސީބު އޭނާއަށް ލިބިފައެއް ނުވެއެވެ.
ޔުމްނާއަކީ ރަށުގެ ވެރިކަން ކުރާ އާއިލާގެ، މުއްސަނދި ވިޔަފާރިވެރިޔާ ހާޝިމްގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. ޔުމްނާގެ ރީތިކަމަކީ، ޅެންވެރިންގެ ގަލަމަށް ވެސް ސިފަކޮށްދެވޭނެ ވަރަށްވުރެ ފުރިހަމަ ރީތިކަމެކެވެ. އޭނާގެ ލޮލުގައި ވަނީ ޖާދޫއެވެ. ހިނިތުންވުމުގައި ވަނީ މައުސޫމުކަމެވެ. އެ ރީތިކަމުގެ ކުރިމަތީގައި، ސާދަވިލޭރޭގެ ހަނދުވެސް ލަދުން ވިލާގަނޑެއްގެ ނިވަލަށް ވަދެދާނެއެވެ.
ނަމަވެސް، މި ރީތިކަމާއި މުއްސަނދިކަމަކީ، އިޔާޒާއި ޔުމްނާގެ ލޯބީގެ މެދަށް ލެވިފައިވާ ބިޔަ ފާރެކެވެ. އިޔާޒަކީ އާދައިގެ މަސްވެރި އާއިލާއަކަށް ނިސްބަތްވާ، ފަގީރު ޅެންވެރިއެކެވެ. އޭނާގެ އަތުގައި ފައިސާއެއް ނެތެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ އަގުނުކުރެވޭނެ ފަދަ ޠާހިރު ލޯތްބެކެވެ. ދުނިޔޭގެ އާދަކާދައާއި މީހުންގެ ދޫތަކަކީ ރަޙުމެއް ނެތް އެއްޗެކެވެ. ފަގީރުންނަށް ލޯބިވުމުގެ ހައްގު ނޯންނަ ކަމަށް، މި ރަހުމުކުޑަ މުޖުތަމައު ވަނީ ނިންމާފައެވެ.
“އިޔާޒް..."
މަޑުމައިތިރި، ރިހުން އެކުލެވިގެންވާ އަޑަކުން އިޔާޒް ސިހުނެވެ. އޭނާ އެނބުރި ބަލާލިއިރު، ފަހަތުގައި ހުރީ ޔުމްނާއެވެ. ޔުމްނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ. އޭނާގެ ބޮޑު ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. ވަޔާއެކު އޭނާގެ ބުރުގާގެ ކޮޅު ވިހުރެމުން ދިޔައެވެ.
"ޔުމްނާ...!" އިޔާޒް ކޮޅަށް ތެދުވިއެވެ. "މިތަނަށް... މި ގަޑީގައި؟ ބައްޕައަށް އެނގިއްޖެއްޔާ ކިހިނެއް ވާނީ؟"
ޔުމްނާ ދުވެފައި އައިސް އިޔާޒްގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ ގިސްލުމުގެ އަޑުން މުޅި މާހައުލު ރޮއްވާލި ކަހަލައެވެ.
"އިޔާޒެވެ. ބައްޕައަށް އެނގުނަސް، މުޅި ދުނިޔެއަށް އެނގުނަސް މިއަދު އަހަރެންގެ ފަރުވާލެއް ނެތެވެ. މިއަދު އަހަރެންގެ ތަގުދީރުގައި ސިއްކަ ޖަހައިފިއެވެ. އަހަރެންގެ މަރުގެ ހުކުމް އިއްވައިފިއެވެ."
މި ޖުމްލައަކީ އިޔާޒްގެ ހިތަށް ހެރުނު ތޫނު ޚަންޖަރެކެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ.
އިޔާޒް ޔުމްނާގެ ދެކޮނޑުގައި ހިފައި، ހަމަޖައްސަން މަސައްކަތް ކުރިއެވެ.
"ކިހިނެއްވީ؟ ޔުމްނާ، ހަމަޖެހިބަލަ. ކޮން ވާހަކައެއް ތި ދައްކަނީ؟"
ޔުމްނާ ރޮމުން ވާހަކަ ދެއްކިއެވެ.
"މިއަދު މެންދުރު، މާލޭގެ ބޮޑު ވިޔަފާރިވެރިއެއް ކަމަށްވާ މުނައްވަރު އަހަރެމެން ގެއަށް އައެވެ. ބައްޕަ ވަނީ އަހަރެންގެ ކައިވެނި އޭނާއާ ކުރުމަށް ނިންމާފައެވެ. އެއީ މުއްސަނދި، ނުފޫޒުގަދަ މީހެކެވެ. ބައްޕަގެ ވިޔަފާރި ފުޅާކުރުމަށްޓަކައި، އަހަރެންގެ ދިރިއުޅުން ގުރުބާން ކުރަނީއެވެ. އަންނަ ހުކުރު ދުވަހު ކައިވެނި ކުރެވޭނެއެވެ."
އިޔާޒް ގަބުވެފައި ހުއްޓެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެއީ ނިކަމެތިކަމުގެ ކަރުނައެވެ. ލޯބިވާ މީހާ ގެއްލިގެންދާ މަންޒަރު ބަލަން ހުރުން ފިޔަވައި، ކުރެވޭނެ ކަމެއް ނެތް މީހެއްގެ ކަރުނައެވެ.
"ޔުމްނާއެވެ. އަހަރެމެންނަށް ކުރިންވެސް އެނގެއެވެ. މިއީ ވާނެ ގޮތް ކަމެވެ. އަހަރެން ފަދަ ފަގީރަކަށް، ޔުމްނާ ފަދަ ޝާހީ މަލެއް ލިބުމަކީ، ދުވާލު މެންދުރު ބަލާ ހުވަފެނެއް ކަމުގައި މީހުން ބުނެއުޅެއެވެ. އެކަމަކު... އެކަމަކު ހިތަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟"
ޔުމްނާ އިޔާޒްގެ މޭގައި ބޯއަޅާލިއެވެ.
"ނޫނެކެވެ. އަހަރެން ބޭނުމީ ފައިސާއެއް ނޫނެވެ. ޖާހެއް ނޫނެވެ. އަހަރެން ބޭނުމީ އިޔާޒްގެ ލޯތްބެވެ. އެ މުއްސަނދި މީހާގެ ގަނޑުވަރުގައި ރާނީއެއްހެން އުޅުމަށްވުރެ، އިޔާޒްގެ ކުޑަ ޖިފުޓިގަނޑުގައި، އިޔާޒްގެ އަތުން ބަތްތަށި މޮޑެދީގެން އުޅުންވެސް އަހަރެންނަށް މާ އުފާވެރިއެވެ. ހިނގާށެވެ! މި ރަށް ދޫކޮށް ފިލައިގެން ދާށެވެ."
އިޔާޒް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހިތް އެދެނީ ޔުމްނާ ގޮވައިގެން، ދުނިޔޭގެ އެކޮޅަށް ވިޔަސް ދާށެވެ. ނަމަވެސް އޭނާއަކީ ޒިންމާދާރު ޒުވާނެކެވެ. އަދި އޭނާގެ ލޯތްބަކީ އަމިއްލަ އެދުމުން ފުރިފައިވާ ލޯތްބެއް ނޫނެވެ.
"ޔުމްނާއެވެ. ޖަޒުބާތުގައި ޖެހިގެން އަހަރެމެންނަށް މޮޔަ ކަމެއް ކުރެވިދާނެއެވެ. އެކަމަކު ވިސްނާލާށެވެ. ޔުމްނާ ފިލައިގެން ހިނގައްޖެނަމަ، ބައްޕަގެ އިއްޒަތާއި ގަދަރު ވެއްޔާ މޮޑެވިގެން ދާނެއެވެ. ޔުމްނާގެ މަންމަގެ ހިތް ފަޅައިގެން ދާނެއެވެ. އަދި އަހަރެންގެ މުސްކުޅި މަންމަ، މި ރަށުގައި ގިނަވެ، މީހުންގެ މަލާމާތް ރައްދުވާނެއެވެ. އަހަރެމެންގެ ލޯތްބަކީ އެހެން މީހުންގެ ކަރުނައިގެ މައްޗަށް ބިނާކުރެވޭ އެއްޗަކަށް ވެގެން ނުވާނެއެވެ.”
ޔުމްނާގެ ރުއިން މަޑުޖެހުނެވެ. ތެދެކެވެ. ލޯތްބަކީ ގުރުބާނީއެވެ. އެކަމަކު މި ގުރުބާނީ ކިހާ ހިތި ހެއްޔެވެ؟ ކިހާ ވޭންދެނިވި ހެއްޔެވެ؟
ރޭގަނޑުގެ އަނދިރިކަން މުޅި ރަށް ވަށާލައިފިއެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އެ ރާޅުތައްވެސް ގޮނޑުދޮށުގައި ބޯޖަހަމުން އެދަނީ، މި ދެ ލޯބިވެރިންގެ ޙާލާމެދު ހިތާމަކުރާ ފަދައިންނެވެ.
"އެހެންވީމާ..." ޔުމްނާގެ އަޑު ވަރަށް މަޑެވެ. "މިއީ އަހަރެމެންގެ ނިމުން ހެއްޔެވެ؟"
އިޔާޒް އުދަރެހަށް ބަލާލިއެވެ. ވިލާތަކުގެ ތެރެއިން ހަނދު ފާޅުވެއްޖެއެވެ. އެކަމަކު އެ ހަނދުގެ އަލިކަމުގައި ވަނީ ފަނޑުކަމެވެ.
"ޔުމްނާއެވެ. ޖިސްމާނީ ގޮތުން އަހަރެމެން ވަކިވިޔަސް، ރޫޙާނީ ގޮތުން އަހަރެމެން ވަކިނުވާނެއެވެ. ޔުމްނާ ދާށެވެ. ބައްޕަގެ ބަސް އަހައިގެން، ކިޔަމަންތެރި ދަރިއެއްގެ ގޮތުގައި ދިރިއުޅުން ފަށާށެވެ. އަހަރެން... އަހަރެން ހުންނާނީ މި ގޮނޑުދޮށުގައެވެ. ޔުމްނާގެ ހަނދާންތަކާއެކުގައެވެ."
އެރޭ ދެމީހުން ވަކިވީ، އެއްވެސް އުއްމީދެއް ނެތް ބައެއް ފަދައިންނެވެ. ޔުމްނާ ގެއަށް ދިޔައީ ފުރާނަ ނެތް މަސްގަނޑެއް ފަދައިންނެވެ. އިޔާޒް އެ ގަސްދޮށުގައި އިނީ، ގައުވެފައިވާ ބުދެއް ފަދައިންނެވެ.
ހުކުރު ދުވަސް އަތުވެއްޖެއެވެ. ޔުމްނާގެ ގެ ހުރީ ޒީނަތްތެރިކޮށްފައެވެ. ގޭގެ ދޮރާށިމަތީގައި ކުލަކުލައިގެ ބޮކިތައް ދިއްލާފައި ހުއްޓެވެ. ބެރުގެ އަޑާއި، އުފާވެރިކަމުގެ އަޑުތަކުން މުޅި ހިސާބު ގުގުމަމުން ދިޔައެވެ. މުއްސަނދި މުނައްވަރާއި ޔުމްނާގެ ކައިވެންޏަކީ ރަށުގެ އެންމެ ބޮޑު ހަފުލާއެވެ.
ނަމަވެސް، ޔުމްނާގެ ކޮޓަރި ތެރޭގައި ވަނީ މުޅިން ތަފާތު މަންޒަރެކެވެ. ޔުމްނާ އިނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ގައިގައި އަޅުވާފައިވާ ރަން ގަހަނާތަކަކީ، އޭނާގެ ގައިގައި ޖަހާފައިވާ ކަސްތޮޅުތަކެއް ފަދައެވެ. ލައިގެން އިން ރަތް ކުލައިގެ އަގުބޮޑު ހެދުމަކީ، އޭނާގެ ކަފުން ކަމުގައި އޭނާއަށް އިހުސާސްވަމުން ދިޔައެވެ. އޭނާގެ މޫނުމަތި ރީތިކޮށް މޭކަޕް ކޮށްފައި ހުއްޓަސް، އެ ދެލޮލުގައިވާ ފުން ހިތާމަ ފޮރުވޭނެ އެއްވެސް މޭކަޕެއް ދުނިޔެއަކު ނުވެއެވެ.
"ދަރިފުޅާ، ތައްޔާރުވީތަ؟" ޔުމްނާގެ މަންމަ ކޮޓަރިއަށް ވަނެވެ.
ޔުމްނާ އެނބުރި ބަލާލިއެވެ. "މަންމާއެވެ. އަހަރެން ތައްޔާރެވެ. އަހަރެންގެ ޖަނާޒާއަށް އަހަރެން ތައްޔާރެވެ."
މަންމަގެ ލޮލުން ކަރުނަ ނީރާލިއެވެ. މަންމައަށްވެސް ދަރިފުޅުގެ ހިތުގެ ޙާލު އެނގެއެވެ. ނަމަވެސް ބައްޕަގެ ނިންމުމާ ދެކޮޅަށް އެއްޗެއް ބުނުމުގެ ބާރެއް މަންމަގެ ނެތެވެ.
ކައިވެނި ކުރެވުނު ވަގުތު، ޔުމްނާގެ ދުލުން "އާނއެކޭ" ބުނި އަޑު އިވުނީ ވަރަށް މަޑުންނެވެ. އެއީ ރުހުމުގައި ބުނި ބަހެއް ނޫނެވެ. އެއީ މަޖުބޫރީ ހާލަތުގެ ކުރިމަތީގައި ބޯލަނބާލުމެވެ.
އެވަގުތު، ގޭގެ ދޮރާށިން ބޭރުގައި، އަނދިރިކަމުގެ ތެރޭގައި އިޔާޒް ހުއްޓެވެ. އޭނާ ހުރީ އެގޭގެ އުފާވެރިކަމުގެ އަޑުތައް އަހާށެވެ. ކޮންމެ ހީނލުމަކީ، ކޮންމެ ބެރުގެ އަޑަކީ އިޔާޒްގެ ހިތަށް ޖަހަމުންދިޔަ މޮހޮރުތަކެކެވެ.
"އުފަލުގައި އުޅޭށެވެ ޔުމްނާއެވެ." އިޔާޒް މަޑުމަޑުން ބުނެލިއެވެ. އޭނާގެ ލޮލުން ފޭބި ކަރުނަ ތިކިތައް، ބިންމަތީގައި ހުރި ވެލިގަނޑަށް އޮބިގެން ދިޔައެވެ. ދެން އޭނާ ފަސްއެނބުރި ހިނގައިގަތެވެ. އަބަދަށްޓަކައި އެ ލޯބި ދޫކޮށްލާފައެވެ.
ކައިވެންޏަށްފަހު، ޔުމްނާ ގެންދެވުނީ މުނައްވަރުގެ ގެއަށެވެ. މުނައްވަރަކީ ގޯސް މީހެއް ނޫނެވެ. އޭނާ ޔުމްނާއަށް ލޯބި ދިނެވެ. އަގުބޮޑު ހަދިޔާތައް ދިނެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ޔުމްނާގެ ހިތަކީ ފުރިފައިވާ ތައްޓެއް ފަދަ އެއްޗެކެވެ. އެއަށް އިތުރު އެއްޗެއް ނޭޅޭނެއެވެ. އިޔާޒްގެ ލޯބިން އެ ހިތް ވަނީ ފުރިބާރުވެފައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، ޔުމްނާގެ ސިއްހަތު ދިޔައީ ދެރަވަމުންނެވެ. އޭނާ ކެއުން ހުއްޓާލިއެވެ. ވާހަކަ ދެއްކުން މަދުވިއެވެ. ރޭގަނޑުގެ ނިދި ގެއްލުނެވެ. އޭނާގެ ރީތި ހަށިގަނޑު ހިކި، އަނަރޫފަވާން ފެށިއެވެ. ޑޮކްޓަރުންނަށް އޭނާގެ ބައްޔެއް ނުހޯދުނެވެ. އެމީހުން ބުނީ "ޖިސްމާނީ ބައްޔެއް ނެތް" ކަމަށެވެ. ނަމަވެސް ހަގީގަތަކީ، އޭނާގެ ބައްޔަކީ "ހިތުގެ ކެންސަރެވެ." ވަކިވުމުގެ ވޭނެވެ.
މުނައްވަރު ކަންބޮޑުވެގެން، އެންމެ ފަހުން ޔުމްނާ ގޮވައިގެން އެނބުރި ރަށަށް އައެވެ. ރަށުގެ ވައި ޖެހުމުން ރަނގަޅުވެދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް، ރަށަށް އައުމުން ޔުމްނާގެ ހަނދާންތައް އާވެ، ބަލިވީ އިތުރަށް ބޮޑެވެ.
އެއްދުވަހަކު، ޔުމްނާ އޭނާގެ ޚާދިމާ، ސަފިއްޔާ ގާތު އާދޭހާ އެކު އެދުނެވެ.
"ސަފިއްޔާ... އަހަރެންގެ ފަހު އެދުމެއް އެބައޮތެވެ. އިޔާޒަށް ޚަބަރުކޮށްދޭށެވެ. އަހަރެން މަރުވުމުގެ ކުރިން، އެންމެ ފަހު ފަހަރަށް އޭނާ ދެކިލަން ބޭނުމެވެ."
ސަފިއްޔާއަކީ ޔުމްނާގެ ސިއްރުތައް ދަންނަ، ވަފާތެރި މީހެކެވެ. އޭނާ ސިއްރުން ގޮސް އިޔާޒަށް ޚަބަރު ދިނެވެ.
ޚަބަރު ލިބުމާ އެކު އިޔާޒް ދުވެފައި އައެވެ. އޭނާގެ ހެދުން ވަނީ ބާވެފައެވެ. އިސްތަށިގަނޑު ވަނީ ދިގުވެފައެވެ. ވޭތުވެދިޔަ ހަ މަސް ދުވަހު އޭނާ އުޅުނީ މޮޔައެއް ފަދައިންނެވެ.
ސަފިއްޔާގެ އެހީގައި، އިޔާޒް ސިއްރުން ޔުމްނާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އޮތް ޔުމްނާ ފެނުމުން އިޔާޒްގެ ހިތް ހުއްޓުނު ކަހަލައެވެ. އެ ރީތި މޫނު ވަނީ ހުދުވެފައެވެ. ލޯ ވަނީ ވަޅުވަދެފައެވެ. ހީވަނީ މޯޅިވެ، ފިޔަތައް ވެއްޓިފައިވާ މަލެއް ހެންނެވެ.
"ޔުމްނާ..." އިޔާޒް ގޮސް އެނދު ކައިރީގައި ކުޑަކަކޫ ޖެހިއެވެ. އޭނާގެ ލޮލުން ކޯރު ދެމިގަތެވެ.
ޔުމްނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އިޔާޒް ފެނުމުން، އެ ވަޅުވަދެފައިވާ ލޮލަށް ދިރުމެއް އައެވެ. އޭނާ ހިނިތުންވެލަން މަސައްކަތް ކުރިއެވެ.
"އިޔާޒް... އައީ ދޯ؟ އަހަރެންނަށް އެނގޭ އަންނާނެކަން.”
އިޔާޒް ޔުމްނާގެ ފިނިވެފައިވާ އަތުގައި ހިފިއެވެ.
"ޔުމްނާއެވެ. ކީއްވެ ހެއްޔެވެ؟ ކީއްވެ އަމިއްލަ ނަފްސަށް ތިހެން ތި ހަދަނީ؟ އަހަރެން ބުނީމެއް ނޫން ހެއްޔެވެ؟ އުފަލުގައި އުޅޭށޭ."
ޔުމްނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
"އިޔާޒް ނެތި އުފަލުގައި އުޅެވޭނެ ހެއްޔެވެ؟ މަހަކަށް ފެން ނުލިބުނީމާ ވާނެ ގޮތް އިޔާޒަށް ނޭނގެނީ ހެއްޔެވެ؟ އަހަރެންގެ ފުރާނައަކީ އިޔާޒެވެ. ޖިސްމު އެހެން މީހަކަށް ދެވިދާނެއެވެ. އެކަމަކު ފުރާނަ ދެވޭނީ ކިހިނެއް ހެއްޔެވެ؟"
ޔުމްނާގެ ނޭވާ އަވަސްވަމުން ދިޔައެވެ. އޭނާ އިޔާޒްގެ އަތަށް ބާރުކޮށްލިއެވެ.
"އިޔާޒެވެ. ދެރަ ނުވާށެވެ. މި ދުނިޔެއިން އަހަރެމެންނަށް އެކުގައި ނޫޅެވުނަސް، ދެން އޮތް ދުނިޔެއިން އަހަރެން އިޔާޒްގެ އިންތިޒާރުގައި ހުންނާނަމެވެ. އެތަނުގައި ފަގީރުންނާއި މުއްސަނދިންގެ ތަފާތެއް ނޯންނާނެއެވެ. އެތަނުގައި ކަތީބުންނާއި މަސްވެރިންގެ ފާރެއް ނޯންނާނެއެވެ."
"ނޫން ޔުމްނާ! ނުދާށެވެ! އަހަރެން ދޫކޮށްފައި ނުދާށެވެ!" އިޔާޒް ގިސްލަމުން ދިޔައެވެ.
ޔުމްނާ އިޔާޒްގެ މޫނުގައި އަތް ޖައްސާލިއެވެ.
"ވައުދުވާށެވެ. އަހަރެން މަރުވުމުން، އަހަރެންގެ މަހާނަ ކައިރިއަށް އަންނާނެ ކަމަށް. އަދި އަހަރެން އެންމެ ލޯބިވާ އެއްކަލަ ފިނިފެންމާ، މަހާނަ މަތީގައި ބާއްވާނެ ކަމަށް."
"ވައުދުވަމެވެ. ވައުދުވަމެވެ." އިޔާޒް ޔުމްނާގެ އަތުގައި ބޮސްދިނެވެ.
އެވަގުތު، ޔުމްނާގެ ނޭވާ ފުން ވިއެވެ. އޭނާގެ ލޮލުން ފަހު ކަރުނަ ތިކި ވެއްޓުނެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ލޯބިވެރިޔާގެ އަތުތެރޭގައި ފުރާނަ ދޫކޮށްލުމުގެ ހިތްހަމަޖެހުމެވެ. ޔުމްނާގެ އަތް އިޔާޒްގެ އަތުތެރެއަށް ދޫވެއްޖެއެވެ.
އިޔާޒްގެ ރުއިމުގެ އަޑު، އެ ކޮޓަރީގެ ހަތަރު ފާރުން ބޭރުވެ، މުޅި ޖައްވަށް ފެތުރިގެން ދިޔައެވެ. ބޭރުގައި ގަދަޔަށް ވައިޖެހެން ފެށިއެވެ. ވާރޭ އޮއްސައިގަތެވެ. ހީވާ ކަހަލައެވެ. މި ހިތާމަވެރި ވަކިވުމާ މެދު ރޮނީއެވެ.
އޭގެ އަނެއް ދުވަހެވެ. ޔުމްނާގެ ޖަނާޒާ ނިމިއްޖެއެވެ. އެންމެން ގެއަށް ހިނގައްޖެއެވެ. އިރުއޮއްސި އަނދިރިވެއްޖެއެވެ. ޤަބުރުސްތާނުގައި ވަނީ ހިމޭންކަމެވެ.
އާ މަހާނައެއްގެ ކައިރީގައި މީހަކު އިނެވެ. އެއީ އިޔާޒެވެ. އޭނާގެ އަތުގައި އޮތީ ރަތް ފިނިފެންމަލެކެވެ. އޭނާ އެ މާ މަހާނައިގެ ވެލިގަނޑު މަތީގައި ބޭއްވިއެވެ.
"ޔުމްނާއެވެ. އަހަރެންގެ ވައުދު ފުއްދައިފީމެވެ." އިޔާޒްގެ އަޑު ވަނީ ކުރެހިފައެވެ. "މިއީ އަހަރެމެންގެ ލޯބީގެ ރަމްޒެވެ. މި މާ މޯޅިވެގެން ދިޔަޔަސް، އަހަރެންގެ ހިތުގައި ޔުމްނާއަށްޓަކައިވާ ލޯބި ދުވަހަކުވެސް މޯޅިއެއް ނުވާނެއެވެ."
އިޔާޒް އުދަރެހަށް ބަލާލިއެވެ. ތަރިތައް ފިޔަޖަހަމުން ދިޔައެވެ. އޭގެ ތެރެއިން އެންމެ އަލިގަދަ ތަރި، އިޔާޒަށް ބަލައި ހިނިތުންވަމުންދާ ކަހަލައެވެ. އެއީ ޔުމްނާގެ ރޫހު ކަމުގައި އޭނާއަށް އިހުސާސްވިއެވެ.
މި ދުނިޔޭގައި އެމީހުންނަށް ކައިވެނި ނުކުރެވުނެވެ. މުޖުތަމަޢުގެ ފާރުތަކުން އެމީހުން ވަކިކުރިއެވެ. ނަމަވެސް، ލޯތްބަކީ މަރަކުން ނިމޭ އެއްޗެއް ނޫންކަން، އިޔާޒްގެ ކަރުނުން ހެކިދެއެވެ. ހަގީގީ ލޯތްބަކީ ރޫހުގެ ގުޅުމެކެވެ. އެ ގުޅުން ދެމިއޮންނާނީ އަބަދަށްޓަކައެވެ.
މުލީގެ ގޮނޑުދޮށަށް ރާޅު ބީއްސާހާ ހިނދަކު، އަދި ޝަފަޤުގެ ރަތްވިލާ އުދަރެހަށް އަރާހާ ހިނދަކު، އިޔާޒާއި ޔުމްނާގެ މި ހިތާމަވެރި ލޯބީގެ ވާހަކަ، ވައިރޯޅިތަކުގެ ތެރޭގައި ދައުރުވަމުން ދާނެއެވެ. ކަފުންކުރެވުނު ލޯތްބެއްގެ ގޮތުގައެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.