އެންމެ މޮޅު ޗައިނާ ފޯނަކީ ކޮބާ؟

ސްމާޓްފޯން މާކެޓްގައި ޗައިނާ ކުންފުނިތަކުގެ ހައިސިއްޔަތު ހާމަކަން ބޮޑެވެ. އެޕަލް އަދި ސެމްސަންގަށް އެ އަށް ވުރެ ބޮޑު އުނދަގުލެއް ނެތެވެ. އެއްއިރެއްގައި އެޕަލް ޗައިނާގައި ރަސްކަންކުރި ނަމަވެސް މިހާރު އެ ބާރެއް ނެތެވެ. ސެމްސަންގް ވެސް އުޅެނީ ދެން ހަދާނެ ގޮތެއް ނޭނގިގެންނެވެ.


ޗައިނާގައި ސްމާޓްފޯން އުފައްދާ ކުންފުނިތައް ގިނަވެގަތީ ބަލަހައްޓަގެން ތިއްބަ އެވެ. އިންތިހާ އަށް ރީތި އަދި އެހައި މޮޅު ފޯނުތައް، ޖީބަށް ތަކާ އަގުތަކުގައި ލިބެން ފެށުމުން، ހޭހުރި އެކަކު ވެސް ނެތެވެ. ޗައިނާ މީހުން ވަތަނީ ލޯބީގައި، ޗައިނާ ފޯނު ބޭނުންކުރާ ނިސްބަތް ވެސް ވަނީ އިތުރުވެފަ އެވެ.

އެންމެ މޮޅު ޗައިނާ ފޯނެއް ބުނެދޭން ދައްޗެވެ. އެހެން ނަމަވެސް ސްމާޓްފޯން މާކެޓްގައި އެންމެ ނުފޫޒުގަދަ، ޗައިނާ ކުންފުނިތަކަށް ނަޒަރެއް ހިންގާލެވިދާނެ އެވެ. ކުންފުނި މޮޅު ނަމަ އުފެއްދުންތައް ވެސް މޮޅުވާން ޖެހެ އެވެ.

އޮޕޯ އަކީ ޗައިނާ ކުންފުންޏެކެވެ. ވަންޕްލަސް، މޭޒޫ، ވާވޭ، ޖިއޯނީ، އެލްއީޓީވީ، ޝޯމީ ، ލައިކޯ އަދި ވީވޯ ވެސް ތަމްސީލުކުރަނީ ޗައިނާ އެވެ. މިއީ ސްމާޓްފޯން މާކެޓް އަދި އެންޑްރޮއިޑް މާކެޓްގައި ވެސް ނުފޫޒު ގަދަ ކުންފުނިތަކެކެވެ.

ކުންފުނިތަކުގެ ނުފޫޒު ގަދަ ނަމަ އުފެއްދުންތަކުގައި ވެސް އެ ކުލަވަރު ހުރުން މަޖުބޫރެވެ. އޮޕޯ ފޯނުތައް ބޭނުންކުރާ މީހުން ބުނާ ގޮތުގައި، އޮޕޯ ޖަހާލާފައި އަރައިގަތުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ވާވޭ އަދި ޝޯމީ އަށް ވުރެ މާކެޓަށް ގާބިލު އެހެން ކުންފުންޏެއް ނެތެވެ. ވަންޕްލަސް އަކީ ސްޓައިލްގައި ފޯނު މާކެޓްކުރާ ކުންފުންޏެއް ނަމަވެސް، އަހަރަކު އެއް ފަހަރު ނެރޭ ފޯނަކުން އެއް ވާނެއްގައި ދެމިތިބުން ދަތިކަމަކަށް ވާނެ އެވެ.

މާކެޓް އަަންދާޒާކުރާ މީހުން ބުނާ އެއްޗަކަށް ބުރަވެ ގޮތެއް ނިންމާ ނަމަ، އެންމެ މޮޅު ފޯނު އުފައްދަނީ ވާވޭ އަދި ޝޯމީ އެވެ. އެހެން ނަމަވެސް ބޭނުންކުރާ މީހުންގެ ފިކުރު މިކަމުގައި ވަނީ ކަފިވެފަ އެވެ.

ފޯނެއް މޮޅުވުމަށް ނުވަތަ ރީތިވުމަށް އަދި ބޭނުންކުރަށް ފަސޭހަ ކަމަށް ކަނޑައަޅައި ތައްގަނޑުޖަހާ ބަޔަކީ އެ ފޯނެއް ބޭނުންކުރާ މީހުންނެވެ. އޮޕޯ ފޯނުތަކަށް ތައުރީފުކުރާ މީހުން ވެސް އުޅެ އެވެ. ވާވޭ ފޯނުތައް މޮޅު ކަމަށް ބުނާ މީހުން ގިނަ އެވެ. ވަންޕްސް ފޯނެއް ބޭނުންކޮށްފި ނަމަ ދެން އެހެން ފޯނެއް ބޭނުން ނުކުރާނެ ކަމަށް ވެސް ބުނެ އެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ހުންނަނީ ވާވޭ އަދި ޝޯމީގެ ވާހަކަ އެވެ. ޗައިނާ ސްމާޓްފޯން މާކެޓްގައި އެންމެ ބާރުގަދަ ދެ ކުންފުންޏަކީ އެއީ ކަމަށް ބުރަވާ މީހުން ގިނަ އެވެ.