ސިރީ ގާތު ދައްކާ ވާހަކަ އަޑުއަހަނީ ފެންވަރު ރަނގަޅުކުރަން: އެޕަލް

ދިރުމެއް ނެތް ޑިޖިޓަލް ޑިވައިސްތަކުން ގޭތެރެ ފަޅުފިލުވައިދެމުން ދާއިރު، އެންމެން ތިބެނީ ވަރަށް ވެފަ އެވެ. އެއާ ކުރާ "ކޮންމެ" ސުވާލަކަށް، ޖެހިލުމެއް ނެތި ދޭ ޖަވާބުތައް އަޑުއަހަން އެކަހެރިވާން ޖެހޭ ފަހަރު ވެސް އާދެ އެވެ. ކޮންމެ މީހަކު ވެސް ހީކުރަނީ ވާހަކަ ދެކެވެނީ ދިރުމެއް ނެތް އެއްޗަކާ ކަމަށެވެ. ދެކެވެމުން ދާ ވާހަކަތަަކަށް ފާރަލައިގެން އަޑުއަހަން ބަޔަކު ތިބޭކަން ގަބޫލުކުރަން ބޭނުންނުވަނީ ޚިދުމަތްދޭ ކުންފުނިތަކަށް ކުރެވޭ އިތުބާރެއްގެ ސަބަބުންނެވެ. އެކަމަކު އެކަން ހިނގަނީ ތިޔަ ހީކުރާ ގޮތަކަށް ނޫނެވެ. ޑިޖިޓަލް އެސިސްޓޭންޓްތައް ބޭނުންކުރާ މީހުން ދައްކާ ވާހަކަތައް އަޑުއެހުމަކީ ކޮންމެ ކުންފުންޏަކުން ވެސް ކުރާ ކަމެކެވެ.


އެމެޒޯންގެ ޑިޖިޓަލް އެސިސްޓެންޓް އަކީ "އެލެކްސާ" އެވެ. އެމެޒޯން އެކޯ ސްޕީކަރުތައް ބޭނުންކުރާ މީހުން، އެލެކްސާ މެދުވެރިކޮށް ދައްކާ ޒާތީ ވާހަކަތައް، މުވައްޒަަފުން އަޑުއަހާ ކަމަށް ވަނީ އެއްބަސްވެފަ އެވެ. އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި އަދި ސްމާޓް ޑިވައިސްތަކުގައި ގާއިމުކުރެވިފައިވާ ގޫގުލް އެސިސްޓެންޓް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް އަޑުއަހާ ކަމަށް ގޫގުލުން ވެސް ވަނީ އެއްބަސްވެފަ އެވެ. މިހާ ހިސާބަށް ކަންތައް ދިޔައިރު ވެސް، ބަހެއް ނުބުނެ އޮތް އެޕަލް ވެސް މިހާރު ވަނީ ބޭޒާރުވެފަ އެވެ. އެޕަލް އިން ބުނި ގޮތުގައި ސިރީ ކުރެން އަހައި، އޮޅުންފިލުވާ ވާހަކަތައް އެ މީހުން ވެސް އަޑުއަހަ އެވެ.

ސްމާޓް އެސިސްޓެންޓްތަކުން ވިޔަފާރިކުރާ ކޮންމެ ކުންފުންޏަކުން ވެސް ބުނަނީ "އެހާ ބޮޑަށް އަޑު ނާހާ" ކަމަށެވެ. އަޑު އަހަނީ ހަމަ ކިރިޔާ ވާ ވަރަށް ކަމަށެވެ. އެ ވަރަކީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ބޭނުންވާ ވަރެވެ.

އެޕަލް އިން ބުނާ ގޮތުގައި، އައިފޯން އަދި އައިޕެޑް ބޭނުންކުރާ މީހުންނަށް ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް، ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ސިރީ މެދުވެރިކޮށް ބޭނުންކުރާ މީހުން އޮޅުންފިލުވާ ވާހަކަތައް އަޑުއެހުން ވެސް ހިމެނެ އެވެ. އައިފޯން ބޭނުންކުރާ މީހުން ސިރީ ކުރެން އަހަނީ ކޮންކޮން ސުވާލެއްތޯ އެޕަލުން ބަލަ އެވެ. ހޯދަން ބޭނުން ވަކި އެއްޗެއް އެއީ ކޮން އެއްޗެއްތޯ ވެސް ބަލަ އެވެ. މިއީ ގޫގުލް އަދި އެމެޒޯން އިން ވެސް ކުރާ ކަމެކެވެ. ބޭނުމަކީ ވިޔަފާރި ކުރުމުގައި އުފެއްދުންތައް ވަކި ވަކި ފަރުދުންނަށް އަމާޒުކުރުމެވެ. މި ގޮތަށް ކުރެވޭ ވިޔަފާރިން ކޮންމެވެސް ޕަސެންޓެއް އެޕަލް، ގޫގުލް އަދި އެމެޒޯން އަށް ވެސް ލިބެ އެވެ.