މީހަކު ޓިކްޓޮކަށް ލޮގިންވަނީ.
05 ޑިސެމްބަރ 2019 - 07:34
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ މައުލޫމާތު ޗައިނާގައި ރައްކާކޮށް، ޖާސޫސްކުރަމުންދާ ކަމަށް ބުނެ އެމެރިކާގެ ދަރިވަރަކު ޓިކްޓޮކަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ހަފުތާގައި ކެލިފޯނިއާ ކޯޓަށް މައްސަލަ ހުށަހެޅީ ކެލިފޯނިއާގެ ޔުނިވަސިޓީއެއްގައި ކިޔަވާ މިސްޓީ ހޯންގް ކިޔާ ދަރިވަރެކެވެ.
އޭނާގެ ދައުވާގެ ލިޔުންތައް މީޑިއާތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގައި ބުނީ ޓިކްޓިކޮކީ ޗައިނާ އިން ޖާސޫސްކުރަން ބޭނުންކުރާ "ޗައިނީޒް ސަވައިލެންސް ސޮފްޓްވެއާ" ޕްރި-އިންސްޓޯލްކޮށް ހިންގާ އެޕެއް ކަމަށާއި އޭގެ އެހީގައި އެމެރިކާ ޔޫޒަރުންގެ މައުލޫމާތުތުތައް ރައްކާކޮށް، ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.
މިސްޓީ ބުނީ އޭނާ ޓިކްޓޮކް މި އަހަރު އަލަށް ޑައުންލޯޑް ކުރި ނަމަވެސް އެކައުންޓެއް ނަހަދައި ހުއްޓައި އޭނާގެ ނަމުގައި ޓިކްޓޮކުން އެކައުންޓެއް ހަދައި "ޒާތީ" ވީޑިއޯތަކެއް ޓިކްޓޮކަށް އަޕްލޯޑްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައުލޫމާތުތައް އަލީބާބާ އާއި ޓެންސެންޓް ކުންފުނިން ވާގިދޭ ސާވާއަކަށް ފޮނުވާފައި ކަމަށް މިސްޓީގެ ދައުވާގެ ލިޔުންތަކުގައި ބުންޏެވެ.
ދަރިވަރަކު މިފަދަ ތުހުތުތަކެއްކޮށް، ޗައިނާގެ ބައިޓްޑާންސް ހިންގާ ޓިކްޓޮކަށް ދައުވާ ކުރަން ކޯޓަށް ހުށަހެޅި އިރު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ކުރިން ވަނީ އެ އެޕަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެފަ އެވެ. އަދި ޓިކްޓޮކަކީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ވާގިވެރިވާ އަދި އެމެރިކާ މީހުންނަށް ޖާސޫސްކުރާ އެޕެއް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން ބައިޓްޑާންސުން ވަނީ އެމެރިކާ އިން ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ޓިކްޓޮކް ބޭނުންކުރާ އެމެރިކާ މީހުންގެ މައުލޫމާތުތައް ޗައިނާގައި ރައްކާނުކުރާ ކަމަށާއި އެ މަަސައްކަތް ހިނގަނީ ސީދާ އެމެރިކާ ކަމަށް ބުންޏެވެ. އަދި އޭގެ ބެކަޕް ގާއިމުކޮށްފައި ވަނީ ސިންގަޕޫރްގައި ކަމަށްވާތީ އެމެރިކާ ޔޫޒަރުންގެ އެއްވެސް މައުލޫމާތެއް ސިއްރުން ނަގައި، ބޭނުން ކުރެވޭނެ އެއްވެސް ގޮތެއް ޗައިނާގައި ރޭވިފައި ނުހުންނާނެ ކަމަށް ބައިޓްޑާންސުން ބުންޏެވެ.
ޓިކްޓޮކަށް އެމެރިކާ ދަރިވަރަކު ދައުވާކޮށްފައިވީ ނަމަވެސް މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ޓިކްޓޮކުން އަދި ނުބުނެ އެވެ.
މިހާރު 1.5 ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ޓިކްޓޮކަކީ ކުރިން މިއުޒިކަލީގެ ނަމުގައި އެމެރިކާ އިން ހިންގި އެޕެއް ގަނެ، ޗައިނާގެ ބައިޓްޑާންސުން ފައްކާކޮށް 2016 ގައި އުފެއްދި އެޕެކެވެ. ޓިކްޓޮކަކީ މިއުޒިކަށް ލިޕް-ސިންކޮށްފައި ރިކޯޑްކުރާ 15 ސިކުންތުގެ ވީޑިއޯތައް އަޕްލޯޑްކުރާ އެޕެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy