ވާވޭ އަދި ޓޮމްޓޮމް އެކުގައި، ގޫގުލް މެޕްސް އަށް ވާދަވެރިއެއް

ވާވޭ ސްމާޓްފޯންތަކުގައި އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރި ނަމަވެސް، ގޫގުލް އަށް ކަމުނުކިޔައި، ފުދުންތެރިވުމަށް، ވާވޭ އިން ސީރިއަސް މަސައްކަތްތަކެއް އެބަ ކުރެ އެވެ. ގޫގުލް މެޕްސްގެ ބަދަލުގައި، ވާވޭ ފޯނުތަކަށް "މެޕްސް" އެޕްލިކޭޝަނެއް އުފެއްދުމަށްޓަކައި ވާވޭ އިން "ޓޮމްޓޮމް"އާ ގުޅިއްޖެ އެވެ.


ޓޮމްޓޮމް އަކީ ޑަޗް ކުންފުންޏެކެވެ. މި ކުންފުނީގެ ގޮފިތައް ބައްރުތަކުގައި ހިންގަ އެވެ. ކުރާ މަސައްކަތަކީ ޑިޖިޓަލް ޗާޓްކުރެހުމެވެ. ގެވެހި އިލެކްޓްރޯނިކްސް އުފެއްދުމަކީ ވެސް އެ މީހުން ކުރާ މަސައްކަތެވެ. ޓޮމްޓޮމް އަކީ ސެޓެލައިޓް ނެވިގޭޝަން އަށް ވެސް ކުޅަދާނަ ކުންފުޏެކެވެ.

ޓޮމްޓޮމް އިން އަމިއްލަ ނަމުގައި ސްމާޓްފޯނުތަކަށް "މެޕްސް އެޕްލިކޭޝަން" އުފައްދަ އެވެ. އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ މީހުން ވެސް، ޓޮމްޓޮމް އެޕްލިކޭޝަންތައް ބޭނުންކުރެ އެވެ.

އެޕަލް މެޕްސްގައި ޖެހުނު މައްސަލައަކާ ގުޅިގެން، އައިއޯއެސް ޑިވައިސްތަކަށް ޓޮމްޓޮމް އިން "މެޕްސް ޑާޓާ" ވަނީ ފޯރުކޮށްދީފަ އެވެ. އެހެން ނަމަވެސް، އެޕަލް އެޕްލިކޭޝަންތައި ހުރި މައްސަލަތައް ރަނގަލުކުރުމަށް ފަހު، އައިއޯއެސް ޑިވައިތަކުގައި މިހާރު ބޭނުންކުރަނީ އެޕަލް މެޕްސް އެވެ.

ވާވޭ އިން ޓޮމްޓޮމްގެ އެހީތެރިކަން ހޯދަނީ ޓްރެފިކް މައުލޫމާތު އަދި ނެވިގޭޝަން އާ ގުޅުން ހުރި ނިޒާމްތަކުންނެވެ.

ވާވޭ އިން އެންޑްރޮއިޑް ފޯނުތައް އުފެއްދި ނަމަވެސް، ގޫގުލް އެޕްލިކޭޝަންތައް ބޭނުންކުރަން ހުއްދައެއް ނޯވެ އެވެ. އެއީ އެމެރިކާއިން ޗައިނާ އަށް އިގުތިސޯދީ ގޮތުން ދަތިކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާ ކުންުފުނިތަކަށް ވާވޭއާ އެކު ވިޔަފާރިކުރުން މަނާވެފައި ވާތީ އެވެ.

ޓޮމްޓޮމް އާ ގުޅިގެން ވާވޭ ސްމާޓްފޯނުތަކަށް އެޕްލިކޭޝަން އުފެއްދި ނަމަވެސް، ވާވޭ ފޯނުތަކުގައި، އެންޑްރޮއިޑްގެ ބަދަލުގައި ބޭނުންކުރަން ވަކި އޮޕަރޭޓިން ސިސްޓަމެއް އަދި ކަށަވަރެއް ނުވެ އެވެ. މަސްރަހުގައި ހުރި ވާހަތަކަށް ބަލާއިރު، ވާވޭ އިން "ހާމޮނީއޯއެސް"ގެ ނަމުގައި އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަން އުޅޭ ކަމަށް ވެސް ބުނެވެ އެވެ.