މައިކްރޮސޮފްޓް ސާފަސް ޑުއޯ: ދެން ލަހެއް ނުވާނެ

މައިކްރޮސޮފްޓުން "ސާފަސް ޑުއޯ"ގެ ނަމުގައި ޑިވައިސްއެއް ނެރެން އުޅޭ ކަމަށް ބުނެ ވާހަކަދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ބުނުން މިހާރު ހަގީގަތަކާ ހަމަ އަށް ފޯރައިފި ކަމަށް އެބަ ބެލެވެ އެވެ. ސާފަސް ޑުއޯ ސިފައިގެ ޑިވައިސްއެއް ބަޔަކު ގެންގުޅޭތީ ވަނީ ފެނިފަ އެވެ.


ސާފަސް ޑުއޯ އަކީ، ފުރަތަމަ ނަޒަރުން، ސްމާޓްފޯނެއް ކަމަށް ބުނަން ދަތިވެ އެވެ. ޓެބްލެޓެއް އަދި ލެޕްޓޮޕެއް ކަމަށް ވެސް ބުނަން އުނދަގުލެވެ. ފޯން ކޯލް ކުރެވޭ ކޮންމެ ޑިވައިސް އަކީ ފޯނެއް ނަމަ، ސާފަސް ޑުއޯ އަކީ ފޯނެކެވެ. ދެފަޅި އަށް ފަޅާލެވޭ ފޯނެކެވެ. އެކަމަކު ޒަމާނީ ސްޓައިލްގައި، ފަތްޖެހި ފޯނެއް ކަމަށް ބުނެވޭ ޒާތުގެ ފޯނެއް ނޫނެވެ.

ފަތްޖެހި ފޯނެއް ގޮތުގައި މި ޒަމާން ދަންނަ ފޯނުތައް ޑިޒައިންކޮށްފައި ހުންނަނީ ސްކްރީން ލަންބާލައި، ފަތްޖަހާލެވޭ ގޮތަށެވެ. އެއީ ވަކި ވަކި ދެ ސްކްރީނެއް ނޫނެވެ. އެހެން ނަމަވެސް، މައިކްރޮސޮފްޓް ސާފަސް ޑުއޯ އުފައްދާފައި ވަނީ ވަކި ވަކި ދެ ސްކްރީން ހިމަނައިގެންނެވެ. އެހެންކަމުން، މައިކްރޮސޮފްޓް ސާފަސް ޑުއޯ އަކީ ފަތްޖެހި ފޯނެއް ކަމަށް ބުނެވޭކަށް ނެތެވެ. އެއީ ލައްޕާލެވޭ ފޯނެކެވެ.

ސާފަސް ޑުއޯ އަށް ނަން ވާރުތަވެފައި ވަނީ މައިކްރޮސޮފްޓް ސާފަސް އާއިލާއިންނެވެ. މި އާއިލާގައި "ސާފަސް ޕްރޮ" އަދި "ސާފަސް ބުކް" ފަދަ ޑިވައިސްތައް ހިމެނެ އެވެ. މައިކްރޮސޮފްޓް ސާފަސް އާއިލާ އަކީ ޓެބްލެޓް އަދި ލެޕްޓޮޕް މާކެޓްގައި ނުފޫޒުގަދަ މަރުކާއެކެވެ.

މައިކްރޮސޮފްޓް ސާފަސް މަރުކާގެ އެހެން ޑިވައިސްތަކާ ޚިލާފަށް، ސާފަސް ޑުއޯގެ މައިގަނޑު އިންޖީނަކީ އެންޑްރޮއިޑް އެވެ. މައިކްރޮސޮފްޓް އެންޑްރޮއިޑް މާކެޓަށް ވަންނަ ހިސާބަކީ މި އެވެ.

މައިކްރޮސޮފްޓް އަމިއްލަ އޮޕަރޭޓިން ސިސްޓަމް، ވިންޑޯޒްގެ ނަމުގައި، އެކި ފަަހަރު މަތިން ސްމާޓްފޯނު އުފައްދައި، ހިންގަން އުޅެ ވަނީ ފެއިލްވެފަ އެވެ. މިއީ ސްމާޓްފޯން މާކެޓްގައި ހިންދެމިލަން އެ ކުންފުންޏަށް ލިބޭ ފުރުސަތަށް ވާނެ ކަމަށް ބެލެވެ އެވެ. މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، މި އަހަރު މެދާ ހިސާބުގައި ސާފަސް ޑުއޯ އާންމު މާކެޓަށް ނެރޭނެ އެވެ.