ބެލެނިވެރިންނަށް ޓިކްޓޮކް ކޮންޓްރޯލްކުރެވޭ ގޮތް ހަދައިފި

ޓިކްޓޮކް ބޭނުންކުރާ މީހުންގެ ރައްކާތެރި ކަމަށް ހާއްސަކޮށްގެން އާ ފީޗާތަކެއް ހިމަނައިފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓިކްޓޮކް ބޭނުންކުރާ ޒުވާނުންނާއި އުމުރުން ހަގު ކުދިންނަށް ހާއްސަކޮށްގެން ހިމެނި ފީޗާތަކުގެ ތެރޭގައި ހިމެނެނީ ޓިކްޓިކް ބޭނުންކުރާ ކުދިންގެ އެކައުންޓް އެ ކުއްޖެއްގެ ބެލެނިވެރިއަކާ ލިންކްކޮށް، ކުދިން ޓިކްޓޮކަށް ހޭދަކުރާ ސްކްރީން ޓައިމް ކޮންޓްރޯލްކުރެވޭ "ފެމިލީ ސޭފްޓީ މޯޑް" ފީޗާއެއްގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަ ކޮންޓެންޓްތައް ކުޑަކުދިންނަށް ނުފެންނަ ގޮތަށް ހަދާލެވޭ ފީޗާއެކެވެ.

މި ފީޗާތައް މި ވަގުތު ލިބެނީ ޔޫރަޕްގެ ބައެއް ގައުމުތަކަށެވެ.

ޓިކްޓޮކާ ގުޅޭ ގޮތުން ގިނަ ބަޔަކު އެންމެ ކަންބޮޑުވާ މައްސަލަ އަކީ ވެސް އުމުރާ ނުގުޅޭ ބޭއަދަބީ މަންޒަރުތައް އެއްވެސް ހުރަހަކާ ނުލައި، ފަސޭހަކަމާ އެކު ބަލައިލެވެން ހުރުމެވެ. މިފަދަ މައްސަލަތަކާ ހެދި ބައެއް ގައުމުތަކުން ޓިކްޓޮކް ރެގިއުލޭޓްކުރަން ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ.

ޗައިނާގެ ބައިޓްޑާންސުން އޮޕަރޭޓްކުރާ ޓިކްޓޮކަކީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ސޯޝަލް ޕްލެޓްފޯމެވެ. ކުރިން މިއުޒިކަލީގެ ނަމުގައި ހިންގި އެޕް ޓިކްޓޮކްގެ ނަމުގައި 2016 ގައި ރަސްމީކޮށް ބޭނުންކުރަން ފެށި ފަހުން އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 500 މިލިއަނަށް ވުރެ ގިނަ އެވެ.

ޓިކްޓޮކަކީ މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރި އެއް އެޕެވެ.

މި އެޕަކީ އެ ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ޖާސޫސްކުރާ އެޕެއް ކަމަށް ތުހުމަތުކޮށް އެމެރިކާ އިން ވަނީ މިއީ އެ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް މިދިޔަ އަހަރު ބުނެފަ އެވެ.