ކޮވިޑް-19 އާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދުކޮށްފި

ސެމްސަންގުން ސައުތު ކޮރެއާގައި ހިންގާ ބައެއް ފެކްޓަރީތައް ބަންދުކުރަން ޖެހިއްޖެ އެވެ. މިއީ އެ ގައުމުގައި ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.


ސްމާޓްފޯން މާކެޓަށް ސެމްސަންގުން ދާދި ފަހުން ތައާރުފުކުރި ފަތްޖެހި ފޯނު، "ގެލަކްސީ ޒީ ފްލިޕް" ސައުތު ކޮރެއާގައި ވެސް އުފައްދަ އެވެ. ސެމްސަންގް "ގެލަކްސީ ފޯލްޑް"ގެ ބައެއް މޮޑެލްތައް ވެސް ސައުތު ކޮރެއާގައި އުފައްދަ އެވެ. ސެމްސަންގުން ބުނި ގޮތުގައި، ފެކްޓަރީގެ ބައެއް ފަންގިފަލާތައް ވަނީ މުޅިން ބަންދުކޮށްފަ އެވެ. އެހެނެއް ކަމަކު، ކޮންމެހެން ވަންނަންޖެހޭ ބައެއް އޮފިޝަލުންނަށް، ރައްކާތެރި ހެދުމުގައި ވަދެ އުޅެވޭ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މުޅި ދުނިޔެ އަށް ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކަމަށް ބަލައި، ގައުމުތަކުން ދަނީ ރައްކާތެރި ވުމަށް ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. ޗައިނާއިން ފާޅުވި ކޮވިޑް-19. ޗައިނާ ދޫކޮށް އަވައްޓެރި ގައުމުތަކަށް ދަތުރުކޮށްފައި ވާއިރު، މާ ދުރު ގައުމުތަކުން ވެސް މި ބަލި ދަނީ ފެންނަމުންނެވެ.

ސްމާޓް އިލެކްޓްރޯނިކްސް އަދި ސްމާޓްފޯން ސިނާއަތަށް، ކޮވިޑް-19ގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ. މި ސިނާއަތަށް ޚާއްސަ ބައެއް ހަފުލާތަށް ވެސް ވަނީ ކެންސަލްކޮށްފަ އެެވެ. މި ގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ "މޮބައިލް ވޯލްޑް ކޮންގްރެސް" އެވެ. މި ހަފުލާ ތާވަލުކޮށްފައި ވަނީ ފެބްރުއަރީ 24 ގައި ވާއްވާ ގޮތަށެވެ. އެހެން ނަމަވެސް، މީހުން އެއް ތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ހަފުލާ ކެންސަލްކުރަން ޖެހުނީ އެވެ.

މާކެޓަށް މި އަހަރު ނެރެން ހަމަޖައްސާފައި ހުރި ބައެއް ފޯނުތައް، ތާރީޚު ފަހަނައެޅުން ނުވަތަ ކެންސަލްކުރަން ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ. ސްމާޓްފޯން މާކެޓް އުފެދި ދުނިޔެ އަށް ބެހެވިގެން ދަނީ ޗައިނާ އިން ކަމަށް ވެފައި، ކޮވިޑް-19 އެންމެ ބޮޑަށް ވެތުރިފައި ވާ ގައުމަކީ ވެސް ޗައިނާ ކަމަށް ވުމުން، މި އަހަރުގެ ކޮންމެ ވެސް ހިސާބެއްގައި މި ހުސްކަން ތަޖުރިބާކުރަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.