ކޮވިޑް-19 އާ ދެކޮޅަށް ޗައިނާ ފުލުހުންނަށް ސްމާޓް ހެލްމެޓް

ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރު ކަމަށްވާ ކޮވިޑް-19 އުފަންވެގެން އައި ޗައިނާގައި އެ ބައްޔާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުލުހުން ސްމާޓް ހެލްމެޓް ބޭނުންކުރަން ފަށައިފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްމާޓް ހެލްމެޓް އެ ގައުމުގެ ފުލުހުން ބޭނުން ކުރަނީ މަގުތައް ޕެޓްރޯލްކުރަން އުޅޭ އިރު، މަގުމަތީގައި ހަރަކާތްތެރިވާ މީހުންގެ ފިނިހޫނުމިން ދެނެގުމަށެވެ. އެގޮތުން އޭގެ އެހީގައި، ކޮރޯނާވައިރަހުގެ އެއްވެސް އަލާމާތެއް ހުރިތޯ ދެނެގަންނަން ފަސޭހަކޮށްދެ އެވެ.

މި ހެލްމެޓްތައް ހަދާފައި ވަނީ އިންފްރާރެޑް ޓެމްޕެރޭޗާ ޑިޓެކްޓަރާއި ކޯޑް-ރީޑް ކެމެރާ ހިމަނައިގެންނެވެ. އެގޮތުން މީހުން ޖަމާވެގެން އުޅޭ ތަންތަނުގައި ވެސް ވަރަށް ފަސޭހަކަމާ އެކު، މީހުންގެ ފިނިހޫނުމިން ސްމާޓް ހެލްމެޓުން ދެނެގަވާނެ ކަމަށް ޕީޕަލްސް ޑެއިލީ ޗައިނާ އިން ބުންޏެވެ.

އެ ނޫހުން ބުނިގޮތުގައި ހެލްމެޓް އަޅައިގެން ހުންނަ ފުލުހަކާ ފަސް މީޓަރު ދުރުގައި ހުންނަ މީހެއްގެ ފިނިހޫނުމިން 37.3 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނަމަ، އެލާމަކުން އެކަން އަންގައިދީ، އެ މީހަކު ވަގަތު ދެނެގަނޭވޭނެ އެވެ. އެއާ އެކު އެ މީހަކަށް ދޭން ޖެހޭ ސަމާލުކަން ވަގުތު ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ދޭން ފަށާނެ އެވެ.

ސްމާޓް ހެލްމެޓް ފުލުހުން އަޅައިގެން މަގުމަތީގައި ހަރަކާތެރިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.