އެމެރިކާ އިން ފިޔަވަޅެއް ފަހަތަށް ޖެހިލައި، ވާވޭ އަށް ކުޑަ ލުޔެއް

އެމެރިކާ އިން ޗައިނާ އަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަކީ ހަސަދަވެރިކަން ނޫން އެހެން ކަމެއް ނޫނޭ ބުނާ ވަރަށް ހެކި ފެންނަން އެބަހުއްޓެވެ. ދުނިޔޭގެ ޓެކްނޮލޮޖީ ސިނާއަތުގައި، ޗައިނާގެ ވާވޭ ޓެކްނޮޖީޒްގެ އަޑު ނުހަނު ގަދަވެފައި ވަނިކޮށް، އެ ކުންފުންނަށް ދަތިކުރަން ކުރާ މަސައްކަތްތައް ވާނީ ފަނާކުރަނިވި ކަމެއް ކަމަށް، ތަންދޮރު އޮޅުންފިލާ އެންމެން އަންނަނީ ބުނަމުންނެވެ.


އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ގެންގުޅޭ "އެންޓިޓީ ލިސްޓް" ގައި، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން، ވާވޭ ހިމެނީ އެއީ އަދަބު ދޭންޖެހޭ ކުންފުންޏެއް ކަމަށް ބުނެ އެވެ. ސްމާޓްފޯން މާކެޓްގައި، އެމެރިކާގެ އެޕަލް ކުންފުނި ވައްޓާލައި، ދެވަނަ ދަރަޖަ ވާވޭ ކަށަވަރުކުރުން ވެފައި ވަނީ އެމެރިކާ ސަރުކާރު ހިންގަން ތިބި މީހުންނަށް ޖެހުނު ބޮޑު ރޯގާއަކަށެވެ. ދަރިކުރުމުގެ ފިޔަވަޅު އިތުރަށް ވަރުގަދަކޮށް، ޗެންޗޭނު ޖަހައި، ވާވޭ ހިރިނުލެވޭނެ ގޮތް ހެދީ އެ ހިސާބުންނެވެ. ނަމަވެސް، މިއަދު މި އިވެނީ ތަފާތު އަޑެކެވެ.

އެމެރިކާއިން ވާވޭ އަށް ކުޑަ ލުޔެއް ދީފި އެވެ. އެއީ އެމެރިކާއިން ބުނާ ގޮތުގަައި، ދުނިޔެ އަށް މުހިންމުވެފައި ހުރި ބައެއް މިންގަނޑުތައް ކަނޑައެޅުމަށެވެ. މި ވަތުތައް އެންމެ މުހިންމީ 5ޖީ ޓެކްނޮލޮޖީ އެވެ.

ދުނިޔޭގެ މުއާސަލާތީ ނެޓްވޯކް ގަތާލުމުގައި، ވާވޭ އުޅެނީ ވާދަވެރިންނަށް ވުރެ ލައްކަ ކުރީގަ އެވެ. މިއީ އެމެރިކާ ޖެހިލުންވާ ކަމެކެވެ. ވާވޭއާ ނުލައި 5ޖީ ތަރައްގީކުރުމަކީ ނުހަނު ބޮޑު އުނދަގުލަކަށް ވާނެ ކަމަށް ވާދަވެރި، ނޮކިޔާ އަދި އެރިކްޝަން އިން ވެސް ބުނެ އެވެ. އެކަމަކު، މި ބުނުން އަޑުނާހައި އެމެރިކާ ބެލީ އެ މީހުންގެ ވިސްނުން ރަނގަޅުކަމަށެވެ. މި ގޮތުގައި ދޮޅު އަހަރު ގެއްލުވާމުލަށް ފަހު، ވާވޭ އަށް ކުޑަ ފުރުސަތެއް ދޭން ނިންމީ އެ ނޫން ގޮތެއް ނެތިގެންނެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ސެކްރެޓަރީ، ވިލްބާ ރޮސް ވިދާޅުވި ގޮތުގައި، ދުނިޔެ ތަރައްގީކުރަން ކުރާ މަސައްކަތްތަކުގެ ލީޑަރުކަން އެމެރިކާއިން ދޫކޮށެއް ނުލާނެ އެވެ. މާނަ އަކީ 5ޖީ ތަރައްގީކުރަން ކުރާ މަސައްކަތްތައް ވެސް ހިނގަންޖެހޭނީ އެމެރިކާ ބުނާ ގޮތަށް، މިނުން މިނަށް ކަމެވެ.

ވާވޭ އަށް ދިން ލުޔަކީ އެމެރިކާގެ މަސްލަހަތަށް ކުރި ކަމެކެވެ. އަދި ކުރިން މަނާކޮށްފައި އޮތް އެއްވެސް ކަމެއް ހުއްދަކޮށްފައި ވެސް ނުވެ އެވެ. އެމެރިކާގެ ކުންފުނިތަކާ އެކު މަސައްކަތްކުރުން ވާވޭ އަށް ހުއްދަވަނީ "އެންޓިޓީ ލިސްޓް" ގައި ހިމެނުމުގެ ކުރިން ވާވޭ އަށް، ލައިސަންސަކާ ނުލައި ކުރެވެމުން ދިއަ މަސައްކަތްތަކަށެވެ. މިސާލަކަށް އާ ޓެކްނޮލޮޖީ އުފައްދައި، ދަރަޖަ ކަނޑައަޅައި އަދި ބޭނުންކުރުމަށް ގަވާއިދު ކަނޑައެޅުމެވެ. މި މަޝްވަރާތަކުގައި 5ޖީ ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ވިސްނުމަށް ގެނައި މި ބަދަލުގެ ސަބަބުން ވާވޭ އަށް ފައިދާއެއް ނުވި ނަމަވެސް، މުވާސަލާތީ ޚިދުމަތްތައް ބޭނުންކުރާ މިހުންނަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.