އައިއެސްއެސް އިން ވައި ލީކުވާ ތަން އަދިވެސް ނުހޯދޭ

ލީކްވުމުގެ މައްސަލަ ދިމާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އިން ވައި ލީކުވާތަން އަދިވެސް ނުހޯދޭ ކަމަށާއި އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ނާސާ އިން ބުނެފި އެވެ.


އައިއެސްއެސް އިން ލީކުވާ މައްސަލަ ދިމާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ލީކުވަނީ ކޮން ތަނަކުން ކަން ދެނެގަންނަން ކުރަމުން އަންނަ މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވާ އިރު، މައްސަލަ ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ. އެހެންވެ، ލީކުވާން ތަން ވީހާ ވެސް އަވަހަކަށް ހޯދައި އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ނާސާ އިން ބުންޏެވެ.

އެ ތަނުން ބުނީ ލީކެއް އުޅުނަސް އައިއެސްއެސް އާއި އޭގައި ތިބި ފަޅުވެރިންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އެކަމަކު މިކަމަކާ ހެދި ޖައްވީ ސްޓޭޝަނުގެ މަސައްކަތްތަކަށް ބުރޫއަރާފާއިވެ އެވެ. ނާސާ އިން ބުނީ މައްސަލަ ވަރަށް އަވަހަށް ހައްލުކުރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށާއި އޭރުން އޮޕަރޭޝަން ވެސް އާންމު ހާލަތަކަށް އަންނާނެ ކަމަށެވެ.

އެގޮތުން އައިއެސްއެސްގެ ރަޝިއާގެ ފަޅި ވެޒްޑާ ސާވިސް މޮޑިއުލްގެ ފްލޯޓިން ލެބްގައި ތިން ކްރޫ މެމްބަރަކު ހާއްސަ ޓެސްޓްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އައިއެސްއެސްގެ ހުރިހާ ދިމާއެއް ބަންދުކުރަން ވަނީ ނިންމައިފަ އެވެ. ހުކުރު ދުވަހު ފެށި އެ މަސައްކަތް މާދަމާ ހަމައަށް ކުރިއަށްދާނެ އެވެ.

މައްސަލަ ދިމާވި ތަން ހޯދައި އެކަން ހައްލުކުރަން މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ނާސާ އިން ބުންޏެވެ.