ދުނިޔެ / އީރާން

އިޒްރޭލުން ބާރު ދައްކަނީ އެތެރޭގެ ބައިބައިވުން ފޮރުވަން: އީރާން

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، އެ ގައުމުގެ އިންގިލާބީ ލަޝްކަރުގެ އިސް ވެރިންނާ ބައްދަލުކުރައްވަނީ

24 މެއި 2023 - 14:29

1 comments

ވަށައިގެންވާ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އިންޒާރުކޮށް އެކި ގައުމުތަކަށް އަސްކަރީ ގޮތުން ބިރުދައްކައި އިންޒާރު ދޭން އިޒްރޭލު ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮޕެގެންޑާގެ އަމާޒަކީ، އިޒްރޭލުގެ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުންތައް ފޮރުވުން ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން މިމޭރުމުން އިޒްރޭލަށް ބަހުގެ ހަމަލާތަކެއް މިދިނީ، އިޒްރޭލުން އަބަދުވެސް އީރާނަށް ކުއްލި ސިހުންތައް ދެމުންދާ ކަމަށާއި، އިޒްރޭލުގެ ހުރިހާ ދުޝްމަނުންނަށް ވެސް އެފަދަ ސިހުންތައް ދޭނެ ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ. އީރާނުން ބުނި ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ގެންގުޅުއްވާ ދޯހަޅި ސިޔާސަތާ މެދު ރައްޔިތުން ނުރުހުންވެ، ސަރުކާރަށް އޮތް ތައީދު ވެސް މިހާރު ވަނީ ގެއްލި ރައްޔިތުން ބައިބައިވެފަ އެވެ.

ނަތަންޔާޙޫގެ ސަރުކާރާ ދެކޮޅަށް އިޒްރޭލުގެ އާންމުން މުޒާހަރާ ކުރަނީ

އެހެންކަމުން، ނަތަންޔާހޫ މިހާރު މަސައްކަތް ކުރައްވަނީ، އަސްކަރީ ގޮތުން އަވައްޓެރިންނަށް ބިރުދައްކައިގެން އަމިއްލަ ރައްޔިތުން ރުއްސަން ކަމަށާއި، އެކަމުގައި ނަތަންޔާހޫއަށް ކާމިޔާބު ނުވާނެ ކަމަށް ވެސް އީރާނުން ބުންޏެވެ. ނަތަންޔާހޫގެ ވާހަތަކަށް ރައްދު ދެއްވަމުން އީރާންގެ އިސް ވެރިން ވަނީ، އިޒްރޭލުން މަސްއޫލިއްޔަތު އުފުލަންޖެހޭ ފަދަ ފުޅާ ހަނގުރާމައެއް ފެށުމަށް މަސައްކަތް ނުކުރުމަށް އިޒްރޭލަށް އިންޒާރުކޮށްފަ އެވެ.

އީރާނުން ބުނި ގޮތުގައި އެ ގައުމުގެ ނިއުކްލިއާ އެއްވެސް ވަސީލަތަކަށް އިޒްރޭލުން ހަމަލާއެއް ދިނުމުގެ މާނައަކީ، މުޅި ސަރަހައްދަށް ފެތުރިގެން ދާ ފަދަ ހަނގުރާމައެއް އިޒްރޭލުން ފެށުމެވެ. އަދި އީރާންގެ ނިއުކްލިއާ އެކުވެނިތަކަށް ހަމަލާއެއް ދޭންޖެހިދާނެ ކަމަށް ބަލައި އިޒްރޭލުގެ ވައިގެ ސިފައިން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމަށް ނަތަންޔާހޫ އިއުލާން ކުރެއްވުމަކީ، އިޒްރޭލު ސަރުކާރުން ހިންގާ ރަސްމީ ޓެރަރިޒަމް ކަމަށް ވެސް އީރާނުން ބުންޏެވެ.

ހުރިހާ ދުޝްމަނުންނަށް ނުރައްކާ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެން، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވެސް ވަނީ އިޒްރޭލަށް އިންޒާރުކޮށްފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި ހަނގުރާމައަކަށް ވަނުމަށް މަޖުބޫރު ކޮށްފި ނަމަ (އިޒްރޭލުން އިސްވެ ހަނގުރާމަ ފަށައިފި ނަމަ) އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފުރިހަމަ ގާބިލުކަން އެ ޖަމާއަތުގައި އެބަހުއްޓެވެ.

އީރާނާއި ހިޒްބުﷲގެ އިތުރުން ސީރިޔާ އާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ ގޮތަށް ނަތަންޔާހޫ އިއްޔެ އިންޒާރު ކުރެއްވީ، އެ ގައުމުގެ އަސްކަރީ ޖާސޫސީ އިދާރާއަކަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ މުވައްޒަފުންނާ ދެއްކެވި ވާހަކައިގަ އެވެ. އޭނާ ވިދާޅުވީ އީރާންގެ ނުރައްކާތަކާއި ހުޅަނގު އައްސޭރީގައި ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކާ ދެކޮޅަށް އަބަދުވެސް އީރާން ތައްޔާރަށް އޮންނަންޖެހޭ ކަމަށެވެ.

އޭނާގެ މި ޒިޔާރަތުގައި ޖާސޫސީ އިދާރާ އިން ވަނީ، މި މަހުގެ ކުރީކޮޅު ގާޒާ އަށް ދިން ހަމަލާތަކުގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފި ސަރާޔާ އަލް ގުދުސްގެ އިސް ކޮމާންޑަރުން ޝަހީދުކޮށްލުމުގައި އެ އިދާރާ އިން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން، ސަރާޔާ އަލް ގުދުސްގެ ކޮމާންޑަރުން ތިބި ތަންތަނަށް ހަމަލާ ދިނީ، ޖާސޫސީ އިދާރާ އިން ފޯރުކޮށްދިން މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަޤީން

28 May 2023

ޚާއިނުންގެ އަތެއްވާނެ ކޮމާންޑަރު ޝަހީދުކޮށްލުމުގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454