މިއަންމާގެ ރޮހިންޖާ އަންހެނަކު އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން، ބަންގްލަދޭޝް ސަރަހައްދުގައި: ހާލަތު ވަރަށް ގޯސް. --ފޮޓޯ:އޭއެފްޕީ
17 ސެޕްޓެމްބަރ 2017 - 09:07
މިޔަންމާ އާއި ބަންގްލަދޭޝް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި، ދެ ގައުމުން ވެސް މަރުހަބާ ނުކިޔާ އިންސާނެއްގެ ގޮތުގައި، މާބަނޑު ސުރައްޔާ ސުލްތާން ހުއްޓެވެ. ވިހެއުމުގެ ރިހުން އައިއިރު ބަންގްލަދޭޝް އަށް ވީ ފަޅިއާ އޭނާއާ ދެމެދު އޮތީ ކިސަޑުން ފުރިފައިވާ 500 ޔާޑުގެ ސަރަހައްދެކެވެ. އޭނާގެ ރިހުން ގަދަވުމާ އެކު ބަންގްލަދޭޝްގެ ސަރަހައްދު ބަލަހައްޓާ މީހުން ސުރައްޔާ ނަގައިގެން ގެންގޮސް ބޯޓަކަށް ލި އެވެ. އޭގެ ތެރޭގައި އޮވެގެން އޭނާ ވިހެއީ ފޮތިގަނޑަކުން ނިވާކޮށްލައިގެންނެވެ.
އެ ހިތްދަތި ހާލަތުގައި ވިހެއީ އުމުރުން 25 އަހަރުގެ ސުރައްޔާ އެކަންޏެއް ނޫނެވެ. ބަރުމާ ސިފައިންގެ އަނިޔާވެރިކަމާ ހެދި އެ ގައުމު ދޫކޮށް ބަންގްލަދޭޝް ސަރަހައްދަށް ވަން 400،000 ރޮހިންޖާ މުސްލިމުންގެ ތެރެއިން މިހާތަނަށް 400 ކުއްޖަކު ދުނިޔެއަށް އުފަންވެއްޖެ އެވެ. އެ ކުދިންގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
ވިހެއުމާ އެކު ސުރައްޔާ އާއި ތުއްތު ދަރިފުޅު އައިޝާ ގެންދިޔައީ ރެފިއުޖީ ކޭމްޕަކަށެވެ. އެ ކޭމްޕްގެ އޮފިސަރެއް ކަމަށްވާ މުހައްމަދު މުނީއުލް ހައްގު ބުނީ އެ ހާލަތުގައި ތިބި އެތައް ބަޔަކު އަތުވެއްޖެ ކަމަށާއި މައްސަލަ ވަރަށް ނާޒުކު ކަމަށެވެ.
"އަހަރެމެންނަށް ދެވޭނެ އެންމެ ބޮޑު އެހީއެއް ދެވޭތޯ މަސައްކަތްކުރަން. އެކަމަކު އަހަރެމެންނަށް ކުޅަދާނަވާ ވާރަށް ވުރެ ހާލަތު މާ ގޯސް،" އޭނާ ބުންޏެވެ.
ވިހެއުމުގެ ތެރޭގައި ބައެއް މައިން ވަނީ މަރުވެފަ އެވެ. ވިހޭ ނަމަވެސް އަނެއް ބަޔަކަށް ޖެހިފައި ވަނީ، ކޭމްޕްގެ ދަށް ފެންވަރުގެ ހާލަތާއި ބަލިތަކުގައި ކުދިން މަރުވާތަން ބަލަން ތިބޭށެވެ.
އުމުރުން 28 އަހަރުގެ މަސޫމް ބަދުރުގެ ފިރިހެން ދަރިފުޅު ވަނީ މަރުވެފަ އެވެ.
"ހުންގަނޑެއް ޖެހި، ތުރުތުރު އެޅުން ނުހުއްޓުނު،"، ގިސްލަމުން އޭނާ ކިޔައިދިނެވެ.
ތުއްތު ކުދިންނާއި މައިންނަށް ބޭނުންވާ އެހީތެރިކަން ލިބޭކަށް ނެތް: އެތައް މައިންނަކާއި ތުއްތު ކުދިންނެއް މަރުވެއްޖެ
މަސޫމްގެ ފިރިމީހާ އަބޫ ބަކުރު، 35، އެވަގުތު ދިޔައީ އެހީތެރިކަމެއް ލިބޭތޯ އެވެ. އެކަމަކު އޭނާ އެނބުރި އައިއިރު އެންމެ ތިން ދުވަސް ވީ ތުއްތު ދަރިފުޅު މަރުވެއްޖެ އެވެ.
ވަޅުލާނެ ހުސް ބިމެއް މުޅި ހިސާބުގަނޑުން ވެސް ފެންނާކަށް ނެތެވެ. މުޅި ސަރަހައްދު އޮތީ، ކުއްލިއަކަށް ގައުމު ދޫކޮށް އައި މީހުން ތިބެން އަމިއްލައަށް ހަދާފައި ހުރި ޓެންޓްތަކެވެ. އަބޫ ބަކުރު އޭނާގެ ދަރިފުޅު ވަޅުލީ ކައިރީގައި ހުރި ޖަންގައްޔެއް ތެރޭގަ އެވެ.
މަރުވި ދަރިފުޅަށް ހަދާނެ ގޮތެއް ނޭނގިގެން ވެސް މަޔަކު އުޅުނެވެ. ދެ ދުވަސް ވަންދެން ދަރިފުޅު އުފުލި އެވެ. އެންމެ ފަހުން ކޯރަކަށް ދޫކޮށްލީ އެވެ. އެ ވާހަކަ ކިޔައިދިން އިރު އަންހެން މީހާގެ ލޮލުން ކަރުނަތައް ފައިބަނީ އެވެ.
އާންމުންގެ ސިއްހީ ކަންތައްތަކުގައި އިސްކޮށް އުޅެމުން އަންނަ މަންޒޫރު ކާދިރު އަހުމަދު ބުނީ ދަރިންނަށް ގާތުން ނުދެވޭ ވަރަށް މައިންގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ. އޭގެ ސަބަބަކީ ރަނގަޅަށް ކާށާއި ބޯ ފެން ނުލިބުމެވެ.
އދ. ގެ ރެފިއުޖީ އެޖެންސީ ޔޫއެންއެޗުސީއާރުގެ ވިވިއަން ޓާން، ބަފަޔަކު އުޅުނު ހާލަތު ކިޔައިދިނެވެ.
"އޭނާ އަހަރެމެން ގެންގޮސް ދެއްކީ ފޮތިގަނޑަކުން ނިވާކޮށްލާފައި ހުރި ކުޑަ ވަށިގަނޑެއް. އޭތި ހުޅުވާލި އިރު އޮތީ ކުޑަކުޑަ ދެ ކުދިން. އޭނާގެ އަންހެނުން އެއްމާބަނޑު ދެ ކުދިން ވިހެއީ އޭގެ ކުޑަ އިރުކޮޅެއް ކުރިން."
އެކަމަކު ދެރަކަމަކީ، އޭގެ ތެރެއިން އެއް ކުއްޖަކު، މާ ގިނައިރެއް ނުވެ މަރުވުމެވެ.
އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފްގެ އޮފިޝަލެއް ކަމަށްވާ އެންތަނީ ލޭކް ބުނީ ދެ ފަރާތުގައި ތިބި އަންހެނުންނާއި ކުޑަކުދިންނަށް ވެސް އެހީ އާއި ރައްކާތެރިކަން ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ.
އެކަމަކު ބަންގްލަދޭޝައަށް ވަން ރޮހިންޖާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ޔުނިސެފަށް އޮތް އިރު މިޔަންމާ އިން ވަނީ އެއިން ފަރާތަކުން އެ ގައުމުގެ އުތުރު ސަރަހައްދަށް ދިއުން މަނާކޮށްފަ އެވެ.
ރޮހިންޖާ މުސްލިމުންގެ ހާލަތު ބަޔާން ކުރަން އުނދަގޫ ވަރަށް މައްސަލަ ވަނީ ގޯސްވެފަ އެވެ. އޭގެ ތެރޭގައި މައިންނާއި ތުއްތު ކުދިން ހޭދަކުރަމުން ދަނީ އުއްމީދެއް ނެތް، އެހީތެރިކަމެއް ނެތް، ކަރުނައިގެ ބިރުވެރި ދުވަސްތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލިކައްޑޫ
17 September 2017
މި ލިޔުން ބުރޯޑުކާސްޓިނގް މިންގަނޑު ތަކަށް ފެތުނަސް ނުފެތުނަސް މިއީ ހަމަ ޙަޤީޤަތް. އަނިޔާ ވެރިން އަނިޔާ ކުރަނީ ބުރޯޑުކާސްޓިނގް މިންގަނޑު ތަކުން ހުއްދަ އޮންނަ މިންވަރަކަށް ނޫން.
ކަމަނ
17 September 2017
ވަރަށް ވަރަށް ދެރަވޭ...ވަރަށް އަސަރު ކުރޭ...
ޝިޔާމް
17 September 2017
އިންސާނުންގެ ތެރޭގައި ހައިވާނުންނަށްވުރެ ވެސް ދަށުދަރަޖައިގެ މީހުން އުޅޭކަން މި ލިޔުން ކިޔާލުމަށްފަހު މިކަމާއި އުފާކުރި މީހުންތިބީމަ އެނގި ހާމަވެެއްޖެ. ހާލުގައި މިއުޅޭ އިންސާނުންނަށް ރަހުމް ކުރާ ބަޔަކު ނުވިތާނގައި ދެން މިވާހަކަ ކިޔާލަން ތިބި މީހުން ހާލު މީ ކީއްކުރާނީ.
ކުޑަކަމަނަ
17 September 2017
ވަރަށް ދެރަވޭ އެމީހުން އެއުޅޭހާލުން.. ހިތައްއަރާ އިރާދަ ކުރައްވައިގެން ދެން އެއްވެސް ބަޔަކައް މިކަހަލަ ކަމެއް ނުވާނެއޭ..