ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ

އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމުގައި އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށް، މިދިޔަ ބުދަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމެވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދު ބައްދަލު ކުރައްވާނެ އެވެ.


އެމެރިކާގެ ނިންމުމާ މެދު މަޝްވަރާ ކުރުމަށް މިސްރުގެ ވެރިރަށް ގާހިރާގައި، ރައީސް ސީސީ އާއި ރައީސް އައްބާސް މަޝްވަރާ ކުރައްވާ އިރު، އެމެރިކާގެ ނިންމުމާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ދަނީ މުޒާހަރާތައް ކުރަމުންނެވެ. ގުދުސްގެ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް ސީސީގެ ދައުވަތަށް އައްބާސް އިއްޔެ ވަނީ ގާހިރާ އަށް ވަޑައިގެންފަ އެވެ.

މިސްރުގެ ރައީސް ސީސީގެ ތަރުޖަމާން ބައްސާމް ރައުދީ ވިދާޅުވި ގޮތުގައި ދެ ބޭފުޅުން މިއަދު ބާއްވާ ބައްދަލުވުމުގައި މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ ކަންތަކުގެ ތެރޭގައި، ގުދުސްގެ މައްސަލައިގައި ދެން އަމަލުކުރާނެ ގޮތްތަކަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މިހާރު ކުރެވިދާނެ ކަންތައް ހިމެނެ އެވެ. އޭގެ އިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާއި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމުގައި ކަނޑައެޅުމަށް ކުރަންޖެހޭ ކަންތައްތަކާ މެދުގައި ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.

ގުދުސްގެ މައްސަލައިގައި ދެ ބޭފުޅުން ބައްދަލުކުރައްވާ އިރު، މިސްރަކީ، ގުދުސާއި ފަލަސްތީނުގެ އެހެން ބިންތައް އަޅުވެތިކޮށްގެން އޮތް އިޒްރޭލާ އެކު ސުލްހައިގެ އެއްބަސްވުންތަކެއް ގާއިމު ކޮށްފައިފާ ގައުމެކެވެ.

އިރުމަތީ ގުދުސްގެ މައްސަލައިގައި އެމެރިކާ އިން ނިންމުމާ ބެހޭ ގޮތުން، ރައީސް މަހްމޫދު އައްބާސް މިދިޔަ ބުރާސްފަތި ދުވަހު ވަބީ އުރްދުންގެ ރަސްގެފާނު އަބްދުﷲއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ. އުރްދުންއަކީ ވެސް އިޒްރޭލާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ގައުމެކެވެ.

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ރަސްމީކޮށް އެމެރިކާ އިން ބަލައިގަތީ މިދިޔަ ބުދަ ދުވަހު އެވެ. އެ ނިންމުމަށް ދެކޮޅު ހެއްދެވުމުގެ ގޮތުން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްއާ އެކު މި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ވެސް ކެންސަލް ކުރައްވައިފަ އެވެ.