ކިއުބެކް (11 ޖޫން) - އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމުގައި ތަފާތު އުކުޅުތަކެއް ގެންގުޅުއްވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަރަންސޭސި ވިލާތުގެ ރައީސް އިމެނުއެލް މަޚޯންއާ ދެމެދު ހިނގަމުން އަންނަ "ސަލާމުގެ ވާދަ"އިގެ ސިލްސިލާ އަށް ނިމިދިޔަ ހަފުތާގައި އާ ބޮޅެއް އިތުރުވެއްޖެ އެވެ.
ސަލާމަށް އަތެއްގައި ހިއްޕަވައިފި ނަމަ ފަންވަރު ދައްކަވައިލެއްވުމާއި، ދޫނުކޮށް އިރުގަނޑަކު ހިފެހެއްޓެވުމާ މި ނޫން ވެސް އެތައް ކަމަކުން މީގެ ކުރިން ޓްރަމްޕު ވަނީ ދުނިޔޭގެ ސަމާލުކަން ހޯއްދަވައިފަ އެވެ. ޓްރަމްޕުގެ ސަލާމުގެ ކުރިމަތީގައި އެތައް ބަޔަކު ހަތިޔާރު ބަހައްޓާފައިވަނިކޮށް އެ ސިލްސިލާ ނިމުމަކަށްގެންނެވި ބޭފުޅަކީ އިމެނުއެލް އެވެ.
2017 ގައި ވެރިކަމަށް އިންތިހާބުވުމާ އެކު މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމުގައި ޓްރަމްޕްގެ އެކަތަ ސަލާމާ ކުރިމަތިލައްވައި އިމެނުއެލް ފިސާރި ހިތްވަރު ދައްކަވައިލެއްވި އެވެ.
އޭގެ ފަހުން، ދެ ރައީސުން ސަލާމް ކުރެއްވުމުގެ އާ ދެ ބުރެއް ދިޔައީ ނިމިގެން ދިޔަ ޖީ7ގެ ބައްދަލުވުމުގެ ހަވާސާގައި ދެ ރައީސުން ވަކިން އެއްތަންވެލެއްވި ވަގުތުކޮޅުގަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ޓްރަމްޕުގެ އަތްޕުޅުގައި ހިއްޕެވި ހިއްފެވީނުން އިމެނުއެލް ވަނީ އޭނާގެ އަތްތިލައިގެ ތަސްވީރެއް ޓްރަމްޕުގެ އަތުގެ ނުފުށަށް "ވެދުމަށް އަރުވައިފަ" އެވެ.
ސަލާމުގެ މި ކުރު ބާބު ނިމިގެންދިޔައީ "އޭނާ އަތާއަތާ ލައްވަން ވަރަށް ރަނގަޅުވާނެއޭ" ވިދާޅުވެ މީޑިއާގެ ކުރިމަތީގައި ޓްރަމްޕު، އިމެނުއެލް އަށް ކުރެއްވި ތައުރީފަކުންނެވެ.
ސަލާމް ކުރެއްވުމުގެ މި ބުރުގެ ފޮޓޯތަކާއި ގިފްތައް ފަތުއަޑު ކިޔާފައި ސޯޝަލް މީޑިއާގައި ފެތުރެމުން ދާއިރު ގިނަ ބަޔަކު ބުނަނީ މި ފަހަރުގެ އާދަޔާ ޚިލާފު މޮޅާއެކު އިމެނުއެލް ވަނީ ތިނެއް ސުމަކުން ޓްރަމްޕު ބަލި ކުރައްވައި ސަލާމުގެ ހެޓްރިކެއް ހައްދަވާފައި ކަމަށެވެ.