300 މިލިއަން ވެކްސިން ޑޯޒް އީޔޫ އިން ގަންނަނީ

ބާލިން (ޖޫން 15) - ކޮރޯނާވައިރަހުގެ 300 މިލިއަން ވެކްސިން ޑޯޒް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ސަޕްލައި ކުރުމަށް، ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާ އެކު ޖަރުމަން، ފްރާންސް، އިޓަލީ އަދި ނެދަލޭންޑްސް އިން ސޮއިކޮށްފި އެވެ.


ޖަރުމަނުގެ ހެލްތު މިނިސްޓްރީން ބުނީ ސްވިޑަންގެ އެސްޓްރާ އާއި އިނގިރޭސިވިލާތުގެ ޒެނިކާ ކުންފުނި 1999 ވަނަ އަހަރު އެއްކޮށްލައިގެން އުފެއްދި އެސްޓްރަޒެނިކާއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން، ކޮރޯނާވައިރަހަށް ވެކްސިނެއް ލިބުމާ އެކު އީޔޫގެ ހުރިހާ ގައުމަކަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެސްޓްރަޒެނިކާ އަކީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޓް ޔިނިވާސިޓީއާ އެކު މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

"މި އެއްބަސްވުމުގެ ސަބަބުން ޔޫރަޕުގެ އެތައް މިލިއަން ބަޔަކަށް އޮކްސްފޯޑް ޔުުނިވާސިޓީގެ ވެކްސިން ލިބޭނެކަމުގެ ޔަގީން ލިބިގެންދާނެ،" އެސްޓްރަޒެނިކާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕަސްކަލް ސޮރިއޮޓް ވިދާޅުވި އެވެ.

އެތައް ސަތޭކަ ވޮލަންޓިއަރުންނާ އެކު އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިންގެ ޓްރަޔަލްތައް ފަށާފައި ވަނީ އެޕްރީލް މަހު އެވެ. އެ ޓްރަޔަލްތައް މިހާރު ވަނީ 10،000 މީހުންނަށް ފުޅާކޮށްފަ އެވެ.

ޖަރުމަން ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އަހަރު ނިމޭއިރު ކާމިޔާބުކަމާ އެކު ވެކްސިން އުފެއްދޭނެ ކަމަށެވެ. ޖަރުމަނުގެ ހެލްތު މިނިސްޓްރީން ބުނީ އެސްޓްރަޒެނިކާއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން އުފައްދާ ޑޯޒްތައް (ފަހަރެއްގައި 400 މިލިއަނަށް އެރުން ވެސް އެކަށީގެންވޭ) އީޔޫގެ ގައުމުތަކުގެ އާބާދީގެ ނިސްބަތުން ބަހާލާނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އީޔޫގެ އާބާދީއަކީ 447 މިލިއަނެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަހަށް 7,873,198 މީހުން ޕޮޒިޓިވްވެފައިވާ އިރު ޔޫރަޕުން ވަނީ 2,190,153 މީހުން ޕޮޒިޓިވްވެފަ އެވެ.