ރެއާލް-ޕީއެސްޖީ އަދި ބާސެލޯނާ-ޗެލްސީގެ ކުރިމަތިލުމެއް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ފްރާންސްގެ ގަދަބާރު ޕީއެސްޖީ ބައްދަލުކުރަން ޖެހުނުއިރު، މި މުބާރާތުގައި ބަލިނުވެ އޮތް ބާސެލޯނާ ބައްދަލުކުރާނީ އިނގިރޭސި ޗެމްޕިއަން ޗެލްސީއާ އެވެ.


މިދިޔަ އަހަރު މުބާރާތުގެ ދެ ވަނަ ބުރުން ރަނގަޅު ލީޑެއްގައި އޮއްވައި ޕީއެސްޖީ ކެޓީ ފަހު ވަގުތު ބާސެލޯނާ އަތުންނެވެ. މި ސީޒަނަށް ފްރާންސްގެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭގެ އިތުރުން ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ އިން ނޭމާ ގަތުމަށް ފަހު ޕީއެސްޖީ ވަނީ ވަރުގަދަކޮށްފަ އެވެ. ރެއާލުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދަން ޓާގެޓްކޮށްގެން މި ސީޒަނަށް ނުކުތްއިރު މިއީ އެ ޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު ޓެސްޓް އެވެ.

ބާސެލޯނާ އާއި ޗެލްސީގެ މެދުގައި ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ފޯރިގަދަ މެޗުތަކެއް ކުޅެވިފަ އެވެ. ބާސެލޯނާ 2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ސެމީ ފައިނަލުގައި ޗެލްސީ ކަޓުވާލުމަށް ފަހު އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ޗެލްސީން އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލީ ސެމީ ފައިނަލުގައި ބާސެލޯނާގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް:

* ޔުވެންޓަސް - ޓޮޓެންހަމް ހޮޓްސްޕާްސް

* ބަސެލް - މެންޗެސްޓާ ސިޓީ

* ޕޯޓޯ - ލިވަޕޫލް

* ސެވިއްޔާ - މެންޗެސްޓާ ޔުނައިޓެޑް

* ރެއާލް މެޑްރިޑް - ޕީއެސްޖީ

* ޝަހުތަރު ޑޮނެސްކް - ރޯމާ

* ޗެލްސީ - ބާސެލޯނާ

* ބަޔާން މިއުނިކް - ބެސިކްޓާސް

މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕަށް ދިޔަ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ޓޮޓެންހަމާ ދެކޮޅަށް ނުކުންނައިރު އެ ޓީމު މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދީ ރެއާލް ފަހަތަށް ޖައްސާލުމަށް ފަހު ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ފަހަރު ވާދަކުރުމުގެ ޖޮއިންޓް ރެކޯޑް އޮތް ޕޯޗުގަލްގެ ޕޯޓޯ ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ލިވަޕޫލް 2009 ވަނަ އަހަރަށް ފަހު މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން މި ފަހަރު ޗެމްޕިއަންސް ލީގުން ޖާގަ ހޯދި މެންޗެސްޓާ ޔުނައިޓެޑް ދެ ވަނަ ބުރުގައި ކުޅޭނީ ސެވިއްޔާއާ ދެކޮޅަށެވެ. ސެވިއްޔާ އަކީ 2016 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ޗެމްޕިއަނެވެ.

ގްރޫޕެއްގެ އެއް ވަނަ ހޯދައިގެން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަހޯދި ތުރުކީގެ ފުރަތަމަ ޓީމު ކަމަށްވާ ބެސިކްޓާސް ދެ ވަނަ ބުރުގައި ކުޅޭނީ ވަރުގަދަ ބަޔާންއާ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ވަނަ ބުރުގައި ބައްދަލުކުރާނީ ބަސެލްއާ އެވެ. ބަސެލް ވަނީ މި މުބާރާތުގައި ސިޓީގެ ވާދަވެރި ކްލަބް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފަ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 13 އާއި 14 ވަނަ ދުވަހާއި 20 އާއި 21 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގުގެ މެޗުތައް އޮންނާނީ މާޗް މަހުގެ 6 އާއި 7 އަދި 13 އާއި 14 ވަނަ ދުވަހު އެވެ.