ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑް ފައިދާ ނަގައިފި

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މާޗް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން 1-0 އިން ބޯންމައުތު ބަލިކޮށް ލީގުގެ އެއް ވަނަ އަށް އެރިއިރު، އާސެނަލް ކުޅުނު މެޗުން މޮޅުނުވުމުގެ ފައިދާނަގައި މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ހަަތަރަަކަށް އަރައިފި އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 29 މެޗުން 72 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 28 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. އަލުން އެއް ވަނަ އަށް އަރަން މިރޭ އެވަޓަން އަތުން މޮޅުވުން ލިވަޕޫލަށް ވަނީ މަޖުބޫރުވެފަ އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ރޭ ވަނީ އަމިއްލަ ދަނޑުގައި 1-1 އިން އާސެނަލާ އެއްވަރުވެފަ އެވެ. މި ނަތީޖާގެ ފައިދާނެގީ ފޯރިގަދަ ކުޅުމަކަށް ފަހު އަމިއްލަ ދަނޑުގައި 3-2 އިން ސައުތެމްޓަން ބަލިކުރި ޔުނައިޓެޑް އެވެ.

ރޭގެ ނަތީޖާތަކަށް ފަހު ޓޮޓެންހަމް ލީގުގެ ތިން ވަނައިގައި އޮތީ 29 މެޗުން 61 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ހަތަރަކަށް ޖެހިލީ 29 މެޗުން 58 ޕޮއިންޓް ހަމަކޮށްގެންނެވެ. އާސެނަލް ފަސް ވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ޗެލްސީ އަށް 27 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ އެ ޓީމުގެ ސްޓާލިން ގައިގައި ބައްދާލައިގެން. -- ފޮޓޯ: އޭއެފްޕީ

ބޯންމައުތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީ އަށް ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް އެވެ. ދެ ވަނަ ހާފުގައި މާރޭޒް ލަނޑު ޖެހިއިރު، އޭނާ ކުޅެން އެރީ ފުރަތަމަ ހާފުގެ ފަހު ކޮޅު ކެވިން ޑިބްރޭނާ އަށް އަނިޔާވުމުން އޭނާގެ ބަދަލުގަ އެވެ. ދެ ވަނަ ލަނޑެއް ޖަހަން ސިޓީގެ ސާޖިއޯ އަގުއޭރޯ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.

"މިއީ ވަރަށް އޮގަނައިޒްކޮށް ޑިފެންސިވް ގޭމެއް ކުޅުނު ޓީމެއް އަތުން ސިޓީ އަށް ލިބުނު އުނދަގޫ މޮޅެއް. އަހަރެން އެންމެ އުފާވަނީ މި ފަދަ ޓީމުތަކާ ދެކޮޅަށް ވެސް ސިޓީން ނަތީޖާ ނެރޭތީ. މިއީ ސިޓީ އަށް ވަރަށް މުހިއްމުވާނެ ތިން ޕޮއިންޓް،" ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

އާސެނަލުން ވަނީ ރޭ ޓޮޓެންހަމް ދަނޑުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އާސެނަލްގެ ގޯލު ކާމިޔާބުކޮށްދިނީ މި ސީޒަނަށް ފަހު އިޓަލީގެ ޔުވެންޓަސް އަށް ކުޅެން ނިންމާފައިވާ ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ އެވެ.

ދެ ވަނަ ހާފްގައި ލިބުނު ޕެނަލްޓީ އަކުން ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ހެރީ ކޭން އެވެ. މިއީ ކޭން އަށް އޭރިއާ ތެރެއިން އާސެނަލްގެ ޑިފެންޑަރު ޝްކޮޑްރަން މުސްތާފީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އާސެނަލް މި މެޗުން މޮޅުކޮށްދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕިއޭ އެމެރިކް އޮބާމަޔަން އަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވަން މިނިޓަކަށް ވެފައި ހުއްޓައި އޮބަމަޔަން ފޮނުވާލި ޕެނަލްޓީ ޓޮޓެންހަމްގެ ފްރާންސް ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ. އާސެނަލް މެޗު ނިންމާލީ ލޫކަސް ޓޮރޭރާ އަށް ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުން އެއްވަރުވެގެން ނިމުނުއިރު، މިއީ މި ސީޒަނުގައި ޓޮޓެންހަމް ކުޅުނު މެޗެއް އެއްވަރުވެގެން ނިމުނު ފުރަތަމަ ފަހަރެވެ. ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗަށް ނުކުތްއިރު އަމާޒަކީ ޖެހިޖެހިގެން ލީގުގައި ތިން މެޗުން ބަލިނުވުން ކަމަށާއި އެކަން ހާސިލްވީ ފަހު ވަގުތާ ޖެހެންދެން ދެއްކި ހިތްވަރުން ކަމަށެވެ.

އާސެނަލްގެ އޮބާމަޔަން (ކ) ފޮނުވާލާ ޕެނަލްޓީ ޓޮޓެންހަމްގެ ލޮރިސް މަތަކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑް ދަނޑުގައި ފުރަތަމަ ލަނޑު ޖެހީ ސައުތެމްޓަން އެވެ. އެ ޓީމަށް ލީޑުނަގައިިދިނީ ޒުވާން ފުލްބެކް ޔެން ވަލެރީ އެވެ.

ޔުނައިޓެޑުން ވަނީ ދެ ވަނަ ހާފުގައި ކުޅެން ނިކުމެ ހަ މިނިޓް ތެރޭގައި ނަތީޖާ އަނބުރާލައިފަ އެވެ. ބްރެޒިލްގެ މިޑްފީލްޑަރު އަންޑްރެއަސް ޕެރޭރާ، މެޗުގެ 53 ވަނަ މިނިޓްގައި ޖެހި ހިތްގައިމު ގޯލުން ނަތީޖާ ހަމަހަމަކުރިއިރު، އޭގެ ހަ މިނިޓް ފަހުން ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. ސައުތެމްޓަނަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ޖޭމްސް ވޯޑް ޕްރައުސް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ލުކާކޫ އެވެ. މިއީ އެންމެ ފަހުން ދެ މެޗުގައި ލުކާކޫ ޖެހި ހަތަރު ވަނަ ގޯލެވެ. ޔުނައިޓެޑަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން ލިބުނު ޕެނަލްޓީ އަކުން ޕައުލް ޕޮގްބާ ފޮނުވާލި ބޯޅަ ސައުތެމްޓަންގެ ކީޕަރު އެންގަސް ގަން ވަނީ މަތަކޮށްފަ އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑްގެ ކޯޗުކަމުގައި އޮލެ ގުނަ ސޯލްޝެއާ ހުއްޓައި އެ ޓީމުން ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 10 މެޗުން ވަނީ މޮޅުވެފަ އެވެ. އަންނަ ހަފްތާގައި ލީގުގައި ޔުނައިޓެޑް ނުކުންނާނީ ރަށުންބޭރުގައި އާސެނަލާ ދެކޮޅަށެވެ. ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ވަނީ އެފްއޭ ކަޕްގައި އާސެނަލް ބަލިކޮށްފަ އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްގެ ލީގަލް ޓީމްް

03 March 2019

މަރުހަބާ ޔުނައިޓެޑް. މަރުހަބާ ރަދީފް. ސަރގެ 4ވަނަ ޓީމް އާރސެނަލް 5ވަނައަށް ވެއްޓި، 5 ވަނަ ޓީމް ޔުނައިޓެޑް 4ވަނައަށް އެރުމަކީ ކުރިއެރުމެއް ކަމުގައި މިޓީމުން ފާހަގަކުރަން

The name is already taken The name is available. Register?

ރަދީފް

03 March 2019

މަރުހަބާ ޔުނައިޓެޑް.މަރުހަބާ ސިޓީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!