އާސެނަލް ބަލިކޮށް ލިވަޕޫލަށް ތިން ޕޮއިންޓުގެ ލީޑެއް

ލިވަޕޫލް (އޮގަސްޓް 25) – އާސެނަލް 3-1 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


މިދިޔަ ދެ ސީޒަނުގައި ވެސް ލީގު ޗެމްޕިއަންކަމަށް އެންމެ ގާތުން ވާދަކުރި، އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. އެންމެ ކައިރީގައި ވެސް އޮތީ ހަ ޕޮއިންޓް ހޯދައިގެން އާސެނަލެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު، ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވި ލެސްޓާ ސިޓީ އެވެ.

ތާވަލުގެ ފަސް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް ޖެހިލަން ފުރުސަތު ލިބުނު ނަމަވެސް އިއްޔެ ކްރިސްޓަލް ޕެލަސް އަތުން 2-1 އިން ބަލިވުމުން ކުރިއެރޭ ގޮތެއް ނުވި އެވެ. އިއްޔެ ނޯވިޗް ސިޓީ އަތުން 3-2 އިން މޮޅުވެ، މި ސީޒަނުގައި ފުރަތަމަ މޮޅު ހޯދި ޗެލްސީ އަށް ހަތަރު ޕޮއިންޓް ހަމަކޮށްފައިވީ ނަމަވެސް ލަނޑުގެ ތަފާތުން އޮތީ 12 ވަނައިގަ އެވެ.

ސްކޮޑް ވަރުގަދަކޮށް ފުރަތަމަ ދެ މެޗުން މޮޅުވި އާސެނަލުގެ މޮޅުވުމުގެ ސިލްސިލާ ރޭ ނިމުން އައީ އަމިއްލަ އަށް ވެސް ހެދުނު ގޯސްތަކާ އެކު އެވެ. އަދި ލިބުނު ފުރުސަތުތައް ބޭނުންނުކުރުމުގެ ދައުރެއް ވެސް އެބައޮތެވެ. ހާއްސަކޮށް 0-0 ގައި އޮއްވާ ނިކޮލަސް ޕެޕޭ ހުހަށް އަރައި ކީޕަރާ ދިމާލަށް ފޮނުވާލި ބޯޅަ ފާހަގަކުރެވެ އެވެ.

ލިވަޕޫލުން ކޮންޓްރޯލްކުރަމުން އައި މެޗުގައި އެ ޓީމުން ފުރަތަމަ ގޯލް ޖެހީ 41 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ޖޮއެލް މަޓިޕް ފުންމައިގެން އަރައި ބޮލުންނެވެ.

ލިވަޕޫލުގެ ދެ ވަނަ ގޯލަކީ އެ ޓީމުގެ މުހައްމަދު ސަލާހަށް، އާސެނަލްގެ ޑިފެންޑަރު ޑަވިޑް ލުއިޒް ހުރަސްއެޅުމުން 49 ވަނަ މިނެޓުގައި ރެފްރީ ދިން ޕެނަލްޓީން ސަލާހު ކާމިޔާބުކުރި ގޯލެކެވެ. އެ ޓީމުގެ ތިން ވަނަ ގޯލް ސަލާހް 59 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުއިޒް އާއި ނަޗޯ މޮންރެއަލް ކައިރިން ދެމިގަނެގެން ގޮހެވެ. އާސެނަލްގެ ލޫކަސް ޓޮރެއިރާ 85 ވަނަ މިނެޓުގައި ގޯލެއް ޖެހި ނަމަވެސް އަނބުރާ އާދެވޭ ގޮތެއް ނުވި އެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމު އޮތީ ފުލް ޕަވަރުގައި ކަމަށާއި ކުޅުންތެރިންގެ ކިބައިގައި ހަކަތަ ހުރި ކަމަށާއި އަދި މޮޅަކަށް ފެންބޮވައިގަތުމާއި ކުޅެން ބޭނުންވާވުން ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ. އެއީ އާސެނަލް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ފުރިހަމަވާން ޖެހޭ ކަންކަން ކަމަށް އޭނާ ބުންޏެވެ.

ކްރިސްޓަލް ޕެލަސްގެ ޕެޓްރިކް ވޭން އާންހޯލްޓް (ވ) ގެ ޓެކުލަކުން މެންޗެސްޓާ ޔުނައިޓެޑުގެ ޑެނިއަލް ޖޭމްސް ވެއްޓެނީ: ދެ ކުޅުންތެރިން ވެސް ލަނޑު ޖެހި. --ފޮޓޯ: އޭއެފްޕީ

ފުރަތަމަ މެޗުން ޗެލްސީ އަތުން 4-0 އިން މޮޅުވި މެންޗެސްޓާ ޔުނައިޓެޑް އޭގެ ފަހުން ކުޅުނު މެޗު އެއްވަރުވެ އަނެއްކާ ޕެލަސް އިއްޔެ ބަލިވުމާ އެކު އެއް ފެންވަރެއްގައި ހިފެހެއްޓިދާނެ ކަމާ މެދު ސުވާލުތައް ވަނީ އުފެދިފަ އެވެ. ޕެލަސްގެ ޖޯޑަން އަޔޫ 32 ވަނަ މިނެޓުގައި ލީޑު ނަގައިފައިވަނިކޮށް ދެ ވަނަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކުރަން ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު މާކަސް ރަޝްފޯޑް ޖެހުމުން އަމާޒުވީ ދަނޑިއަށެވެ. ކުރީ މެޗުގައި ޕެނަލްޓީއެއް ލިބި ޕައުލް ޕޮގްބާ އަތުން ނާކާމިޔާބުވުމުން ފާޑުކިޔުން އަމާޒުވީ ރަޝްފޯޑަށް ނުދީ ޕޮގްބާ ޖެހުމުންނެވެ.

އެ ފުރުސަތު ގެއްލިފައިވަނިކޮށް 89 ވަނަ މިނެޓުގައި ޑެނިއަލް ޖޭމްސް ޔުނައިޓެޑަށް އެއްވަރުކޮށްދިނެވެ. އެކަމަކު އިތުރު ވަގުތުގެ ތެރޭ ޕެޓްރިކް ވޭން އާންހޯލްޓް ވަނީ ޕެލަސް އަށް ތިން ޕޮއިންޓް ހޯދައިދީފަ އެވެ.

ފުރަތަމަ މެޗުން ޔުނައިޓެޑް އަތުން ބަލިވެ އަދި ދެ ވަނަ މެޗުން ލެސްޓާ ސިޓީއާ އެއްވަރުވެ އަދި ޔުއެފާ ސުޕަ ކަޕް މެޗުން ލިވަޕޫލް އަތުން ބަލިވި ޗެލްސީ ރޭ ރަށުން ބޭރުގައި ނޯވިޗް އަތުން ހޯދި މޮޅާ އެކު ވަނީ އުއްމީދުއާވެފަ އެވެ. ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ ޗެލްސީން ވަނީ ޓެމީ އަބްރަހަމްގެ ގޯލުން ތިން ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން ނޯވިޗުން އެއްވަރުކޮށްފައިވަނިކޮށް ޗެލްސީ އަށް އަލުން ލީޑު ނަގައިދިނީ 17 ވަނަ މިނެޓުގައި މޭސަން މައުންޓެވެ. ނޯވިޗުން ދެ ވަނަ ފަހަރަށް އެއްވަރުކުރި ނަމަވެސް އަބްރަހަމް ވަނީ 68 ވަނަ މިނެޓުގައި ޗެލްސީ ތިން ވަނަ ފަހަރަށް ލީޑު ނަގައިދީ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.