ލަމްޕާޑް އަނެއްކާ ވެސް މޮރީނިއޯ ބަލިކޮށްފި

ލަންޑަން (ޑިސެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ޗެލްސީން ރަށުން ބޭރުގައި، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ޓޮޓެންހަމް ހޮޓްސްޕާސް 2-0 އިން ބަލިކޮށްފި އެވެ.


މިއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކޯޗިންގެ ތެރެއަށް އައި ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަކުން މޮރީނިއޯގެ ޓީމެއް ބަލިކުރި ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި މޮރީނިއޯ މެންޗެސްޓާ ޔުނައިޓެޑްގައި ހުއްޓައި އެ ޓީމު އަތުން އިނގިރޭސި ލީގު ކަޕްގައި ލަމްޕާޑްގެ ޑާބީ ކައުންޓީ ވަނީ މޮޅުވެފަ އެވެ. ލަމްޕާޑަކީ މޮރީނިއޯގެ ކޯޗުކަމުގައި ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ.

"މިއީ ވަކި މީހެއް ބަލިކުރުމެއް ނޫން. ވާދަވެރި ޓީމެއް ބަލިކުރުން. އަހަރެމެންނާ އެކު އެއް ރޭހެއްގައި މި ވަގުތު އޮތް ޓީމެއް އަތުން ރަށުންބޭރުގައި މި ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް. އަހަރެންގެ ކުޅުންތެރިން ކުރި މަސައްކަތަށް ފަހުރުވެރިވަން،" ކޯޗިން ކެރިއަރުގައި ދެ ވަނަ ފަހަރަށް މޮރީނިއޯ ބަލިކުރެވުމުން ދެކެނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ލަމްޕާޑް ބުންޏެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. މި ދެ ލަނޑު ވެސް ކާމިޔާބުކުރީ މޮރީނިއޯ ޗެލްސީގައި ހުރިއިރު އެ ޓީމަށް ގެނައި ބްރެޒިލްގެ ވިންގް ވިލިއަން އެވެ. ޗެލްސީން އެ ފަހަރު ވިލިއަން ގެނައީ ޓޮޓެންހަމާ ވާދަކުރުމަށް ފަހު އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލިއަން ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ ޓޮޓެންހަމްގެ ގޯލްކީޕަރު ޕައޮލޯ ގަޒަނީގާ ޗެލްސީގެ މާކޯސް އަލޮންސޯ އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފަށް ޓޮޓެންހަމުން ބަދަލަކާ އެކު ނުކުމެ ކުޅެމުން ދަނިކޮށް އެ ޓީމަށް މައްސަލަ ދިމާވީ މެޗުގެ 62 ވަނަ މިނިޓްގައި އެ ޓީމުގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އަށް ރަތް ކާޑު ދެއްކުމުންނެވެ. ސޮން އަށް ރަތް ކާޑު ދެއްކީ ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ އަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބެލުމަށް ފަހު އެވެ. ވީއޭއާރުން ބަލައި ސޮން އަށް ރަތް ކާޑު ދައްކަން ނިންމުމުން މޮރީނިއޯ ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މޮރީނިއޯ ބުނީ އެ ފައުލަށް ދައްކަން ޖެހޭނީ ރީނދޫ ކާޑެއް ކަމަށެވެ.

މި މެޗުގައި ޗެލްސީގެ ރޫޑިގާއާ ޓޮޓެންހަމްގެ ބައެއް ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކޮށްލުމުން ރެފްރީ ވަނީ އެކަން ދެ ޓީމުގެ ކޯޗުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ރޭގެ މެޗުން ޓޮޓެންހަމް ބަލިވެ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ގެއްލުނުއިރު، ކުރީގެ ޓީމުތަކާ ދެކޮޅަށް މޮރީނިއޯގެ ރެކޯޑަކަށް ވެސް ވަނީ ނިންމުން އައިސްފަ އެވެ. ރޭގެ މެޗުގެ ކުރިން މޮރީނިއޯ އޭނާ ކުރިން އިރުޝާދުދިން ޓީމުތަކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗުން ބަލިވެފައިނުވެ އެވެ.

މި މޮޅާ އެކު ޗެލްސީން ވަނީ ހަތަރު ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް 18 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި ޝެފީލްޑް ޔުނައިޓެޑްގެ އޮތީ 18 މެޗުން 28 ޕޮއިންޓާ އެކު އެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ ލީގުގެ އެންމެ ފުލުގައި އޮތް ވަޓްފޯޑް އަތުން 2-0 އިން ބަލިވެފަ އެވެ. ވަޓްފޯޑުން މި މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. ސެނެގޯލްގެ ވިންގް އިސްމާއިލް ސާ ޖެހި ބޯޅައެއް ހިފަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަތުގެ ތެރެއިން ގޮސް ގޯލަށް ވަން ލަނޑުން ވަޓްފޯޑް ލީޑުނެގީ މެޗުގެ 50 ވަނަ މިނިޓްގަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސާ އަށް އޭރިއާތެރެއިން ޔުނައިޓެޑްގެ އާރޮން ވަން ބިސާކާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ވަޓްފޯޑްގެ ދެ ވަަނަ ލަނޑު ޖެހީ ޓްރޯއި ޑީނޭ އެވެ. މިއީ މި ސީޒަނުގައި ޑީނޭ ޖެހި ފުރަތަމަ ގޯލެވެ.