ރަންވީރާ އެކު "އަންގޫރް" ރިމޭކްގައި ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ

ރަންވީރު ސިންގާއި ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދަން ނިންމާފައިވާ "އަންގޫރް" ގެ ރިމެކްގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މި ފިލްމުގެ ވާހަކަތައް މިހާރު މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވެމުން ދިޔަ ނަމަވެސް ރޯހިތު އަދި ހުރީ ހިމޭނުންނެވެ. ނަމަވެސް މީޑިއާތަކުން ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސޫރިޔަވަންޝީ" ސިނަމާތަކަށް ގެނައުމަށް ފަހު، "އަންގޫރް" ގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ. އޭގެ ސްކްރިޕްޓްގެ ފަހު ޑްރާފްޓް އެކުލަވާލައި މިހާރު އަންނަނީ އެ ޕޮލިޝްކުރަމުންނެވެ

އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅެފައިވާ "ސޫރިޔަވަންޝީ" ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "އަންގޫރް" ގެ ރިމެކްގެ ބަތަލާއިންގެ ރޯލްތަކަށް މިހާރު ޖެކްލިން އާއި ޕޫޖާ ނަގާފައިވާ އިރު، ދެ ތަރިންގެ ރޯލް ވެސް ވަރަށް ބެލެންސްވާނެ އެވެ. މި ފިލްމުވެގެން ދާނީ ރަންވީރާ އެކު ދެ ތަރިން ވެސް މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

"ހައުސްފުލް 4" އާއި "މޮހެންޖޮ ދާރޯ" ފަދަ ފިލްމުތައް ކުޅުނު ޕޫޖާގެ އަތުގައި މި ވަގުތު ވެސް ބޮޑު ދެ ފިލްމެއް އެބައޮތެވެ. އެއީ ޕްރަބާސްއާ އެކު ކުޅޭ "ރާދޭ ޝާމް" އާއި ސަލްމާން ޚާނާ އެކު ކުޅެން ލިބުނު "ކަބީ އީދު ކަބީ ދިވާލީ" އެވެ.

ޖެކްލިންގެ ކުރިއަށް އޮތް ފިލްމަކީ ޖޯން އަބްރަހަމާ އެކު ކުޅޭ "އެޓޭކް" އެވެ.

"އަންގޫރް" ގެ ރިމެމެކީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރު ޑައިރެކްޓްކޮށް 1982 ގައި ގެނެސްދިން ކަލްޓް ކްލަސިކް ކޮމެޑީ "އަންގޫރް" ގެ ރިމެކެކެވެ. އެ ފިލްމުގައި ސަންޖީވް ކުމާރު ކުޅުނު ޑަބަލް ރޯލް ކުޅޭނީ ރަންވީރެވެ. އޭގެ ބަތަލާއިންނަކީ މައުޝަމީ ޗެޓަޖީ އާއި ދީޕްތީ ނަވަލް އެވެ.