ޖީއެމްއާރަށް ފައިސާ ދައްކަން ބޮންޑް ގަތުމުން ރިޒާވް ވަރަށް ބޮޑަށް ދަށްވެއްޖެ

އިންޑިއާގެ ޖީއެމްއާރަށް ފައިސާ ދައްކަން މަރުކަޒީ ބޭންކުން ބޮންޑް ގަތުމުން، ރާއްޖޭގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަހަކު އެއްފަހަރު ނެރޭ އިގްތިސާދީ ރިވިއުގެ މިދިޔަ މަހުގެ އަދަދު މިއަދު ނެރެފައިވާއިރު، އޭގައިވާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 343.5 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) އެވެ. އޭގެ ތެރެއިން، ބޭނުންކުރެވޭ އަދަދަކީ 110.6 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) އެވެ.

އެއީ އެމްއެމްއޭ އިން ބުނި ގޮތުގައި، މަހުން މަހަށް ބަލާއިރު 41 ޕަސެންޓް އަދި އަހަރުން އަހަރަށް ބަލާއިރު، 46 ޕަސެންޓް ދަށް އަދަދެކެވެ.

"މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުންޏަކުން ވިއްކާފައިވާ 140 މިލިއަން ޔޫއެސް ޑޮލަރުގެ ކޯޕަރޭޓް ބޮންޑެއްގައި އެމްއެމްއޭ އިން އިންވެސްޓްކުރުމާ ގުޅިގެންނެވެ،" ރިވިއުގައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ ތެރޭގައި ރަސްމީ ރިޒާވް އެހާ ދަށްވި ފުރަތަމަ ފަހަރެވެ. އަދި އެއީ މިދިޔަ އަހަރު ނިމޭއިރު، ރަސްމީ ރިޒާވްގައި ހުންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރި 536 މިލިއަން ޑޮލަރު (8.2 ބިލިއަން ރުފިޔާ) އަށް ވުރެ ވެސް ދަށް އަދަދެކެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގަން ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވައިލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އެއްކޮށް ދައްކައިފަ އެވެ. އޭގެ ތެރެއިން 140 މިލިއަން ޑޮލަރު ދެއްކީ ބޮންޑެއް ވިއްކައިގެންނެވެ.

އެމްއޭސީއެލް އިން ވިއްކި މި ބޮންޑް އެމްއެމްއޭ އިން ގަތީ، އެ ތަނުން ކުރިން ބުނެފައިވާ ގޮތުގައި، ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގަ އެވެ. އަދި އެމްއޭސީއެލް އިން ކޮންމެ މަހަކު، ޑޮލަރުން އަނބުރާ ފައިސާ ދައްކާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

ޓީބިލްގެ އަދަދު އިތުރު

މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖައްސަން ދޫކޮށްފައިވާ ސެކިއުރިޓީސް (ޓީ ބިލާއި ޓީ ބޮންޑް) އަށް ދައްކަންޖެހޭ އަދަދު ވަނީ، އިގްތިސާދީ ރިވިއުގައިވާ ގޮތުން، 22.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެއީ، މަހުން މަހަށް ބަލާއިރު ދެ ޕަސެންޓުގެ އަދި އަހަރުން އަހަރަށް ބަލާއިރު 15 ޕަސެންޓުގެ އިތުރު އަދަދެކެވެ.

ޓީ ބޮންޑުގެ އައުޓްސްޓޭންޑިން އިތުރުވެފައި ވަނީ ސަރުކާރުން ޕެންޝަން ފަންޑަށް ދޫކޮށްފައިވާ ޓީ ބިލްތަކުން ބައެއް ޓީ ބޮންޑަށް ބަދަލުކޮށްފައިވާތީ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ޓީ ބިލުގެ އައުޓްސްޓޭންޑިން އިތުރުވެފައި ވަނީ ވިޔަފާރި ބޭންކުތަކުން ޓީ ބިލުގައި އިންވެސްޓްކޮށްފައިވާ އަދަދު 31 ޕަސެންޓް އިތުރުވުމާ ގުޅިގެންނެވެ.

ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައި ވަނީ 3.9 ޕަސެންޓުގަ އެވެ. އެއީ އެ އަހަރު ފެށުނު އިރު ސަރުކާރުން ލަފާކުރި 6.4 ޕަސެންޓަށް ވުރެ ދަށް މިންވަރެއް ކަމަށް ވިޔަސް، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.4 ޕަސެންޓުގައި ހުންނާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.