ރަށްރަށުގައި އެއާޕޯޓް އަޅަނީ ވަރަށް ރަނގަޅު މޮޑެލްއަކަށް: އެމްޔޫ މަނިކު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރަށްރަށުގައި އެއާޕޯޓުތައް އަޅަނީ ވަރަށް ރަނގަޅު މޮޑެލްއަކަށް ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަަމަށްވާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.


ރ. ފައިނުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު އައިލެންޑް އޭވިއޭޝަނާ ހަވާލު ކުރުމަށް އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޔޫ މަނިކު ވިދާޅުވީ، ސަރުކާރުން އެއާޕޯޓްތައް ތަރައްގީ ކުރަން ގެންގުޅޭ މޮޑަލް ރަނގަޅީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ވެސް ބައިވެރިކޮށްގެން ކުރިއަށް ގެންދާތީ ކަމަށެވެ.

"މި ގެންގުޅޭ މޮޑަލް އަކީ ވަރަށް ސައުންޑް މޮޑެލް އެއް. އެއީ މީގަ ބައިވެރިވޭ ސްޓޭކް ހޯލްޑަރުންނާއި އޮޕަރޭޓަރާއި، އެއާލައިން މީހުން. އެހެންވީމަ މީގަ ނެތް އެކަކު ވެސް ފައިދާ ނުވާނެ،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ޗެއާމަން ކަން ވެސް ކުރައްވާ އެމްޔޫ މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ވަރަށް މަތީ ފެންވަރުގައި ކަމަށެވެ. އަދި ރަށްރަށުގައި އަޅާ އެއާޕޯޓުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީއާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށް ވެސް އެމްޔޫ މަނިކު ވިދާޅުވި އެވެ.

"ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ސަރުކާރުން މި ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް. އާ އެއާޕޯޓެއް ވަރަށް މަތީ ފެންވަރަކަށް މި ހަދަނީ. އެހެންވީމަ އެތަނަށް އަންނާނެ ބޯޓުތައް ގްރޯ ވާނީ މިކޮޅުން ވެސް ގްރޯ ވެގެން" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ އެމްޔޫ މަނިކު ވިދާޅުވީ، ރާއްޖޭގައި ވަރަށް ބައިވަރު ރިސޯޓުތައް ހަދާއިރު އެ އިންވެސްޓްމަންޓުތައް ކާމިޔާބު ކުރަން ވެސް އެއާޕޯޓް އެޅުން މުހިންމު ކަމަށެވެ.

"ރިސޯޓްތަކާ އެއްޗެހި ވަރަށް ބައިވަރު އެބައަޅާ... ރިސޯޓުތަކެއް ހެދުނަސް އެ ތަނަށް މީހުންނަށް ނުދެވެންޏާ ނެތް ވާނެ އެއްގޮތެއް ވެސް. އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް މުހިންމު ކަމެއް. ޓޫރިޒަމް ކުރިއަރުވަން ވެސް މިއީ ވަރަށް މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުތަކާއި އެކު ރަށްރަށަށް ވަރަށް ބޮޑަށް ދިރުން ގެނެސްދޭނެ ކަމަށް ވެސް އެމްޔޫ މަނިކު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ އެއާޕޯޓް ޕްރޮޖެކްޓުތަކާ އެކު، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވުން ފަދަ އެތައް ފައިދާތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.