ކުރިން ގަތީ ހެވީ ވެހިކަލް، މިފަހަރު ގަންނަނީ އެހެން ސާމާނުތަކެއް: އެމްޕީއެލް

މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، އެމްޕީއެލްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އަލަށް ގަންނަން ހަމަޖެހިފައިވަނީ އެ ތަނުން ކުރިން ގަތް ސާމާނާ ތަފާތު އެއްޗެހިތަކެއް ކަމަށް ބުނެފި އެވެ.


މީގެ ކުރިން 2016 ވަނަ އަހަރު، ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީއާ ހަވާލުކޮށްގެން 140 މިލިޔަން ރުފިޔާގެ ސާމާނު އެމްޕީއެލް އިން ގަތެވެ. އެ ފަހަރު ގަތީ 22 ހެވީ ވެހިކަލް ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެއީ ހަ ރިޗް ސްޓިކާ އާއި 10 ޓްރެއިން ކްރޭނާއި ދެ ފޯކްލިފްޓް ޓްރަކު އަދި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ އެވެ.

އެމްޕީއެލްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މި ފަހަރު އަލަށް ގަންނަން ހަމަޖެހިިފައިވަނީ ހުޅުމާލެ އާއި މާލޭ ބަނދަރުން ބާޖުތަކަށް މުދާ އަރުވަން ޕެޑެސްޓަލް ކެރޭނާއި ކޮންޓެއިނަރުތައް އުފުލަން އިތުރު އާރުޓީޖީ ކެރޭނަކާއި އިތުރު ތިން ބާޖާއި ޓަގެއްގެ އިތުރުން ޕައިލެޓް ލޯންޗެއް ކަމަށެވެ.

ވިޔަފާރި ބަނދަރުން ބާޖުތަކަށް މިހާރު މުދާ އަރުވަނީ މެނުއަލްކޮށެވެ. ނަމަވެސް ބަނދަރުގައި ޕެޑެސްޓަލް ކެރޭނު ހަރުކުރުމުން އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

އެމްޕީއެލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އަލީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ރާއްޖޭގަ ނުހުރޭ ޕެޑެސްޓަލް ކެރޭނު ހަރުކޮށްފައެއް. މިފަހަރު މާލޭ ކޮޅުގަ ކެރޭނެއް އަދި ހުޅުމާލޭ ބަނދަރުގަ ކެރޭނެއް ހަރުކުރަން ހަމަޖެހިފަ ވަނީ،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ގެނައި ވެހިކަލްތައް މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އަލަށް ސާމާނުތައް ގަންނަން ނިންމީ ބަނދަރުގެ މަސައްކަތް ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ، ކެޕޭސިޓީ އިތުރުކޮށް ޚިދުމަތްތައް ވީހާ ވެސް އަވަސް ކުރުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްޕީއެލްގައި މިހާރު ފަސް ބާޖުގެ އިތުރުން ހަތަރު ޓަގު އަދި ދެ އާރުޓީޖީ ކެރޭނު ބޭނުން ކުރެ އެވެ. އެނގިފައިވާ ގޮތުގައި އަލަށް ގެންނަ އާރުޓީޖީ ކެރޭނަކީ ހުޅުމާލޭ ބަނދަރުގައި ބޭނުން ކުރަން ގަންނަ އެއްޗެކެވެ.

ހަލީމް ވިދާޅުވީ އެ އެއްޗެހި ގަތުމަށް، އަންނަ މަހުގެ ކުރީކޮޅު އޯޑަރު ދޭނެ ކަމަށެވެ. އަދި އެ އެއްޗެހި ގަންނާނީ ފައިނޭންޝަލް ސްކީމެއްގެ ތެރެއިން ކަމަށް ހަލީމް ވިދާޅުވި އެވެ.

"އަގުތައް އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. ޓޯޓަލް އަގެއް އަޅުގަނޑަށް ދެންނެވޭނީ ހުރިހާ އަގުތަކެއް ލިބިގެން،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީމް ވިދާޅުވި އެވެ.