ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އަލީ ވަހީދު އިންޑިޔާއަށް!

ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި އަންނަ ހުކުރު ދުވަހު އިންޑިޔާއަށް ވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދު ވިދާޅުވެއްޖެ އެވެ.


ދުބާއީގައި ބޭއްވި އިންޓަކޮންޓިނެންޓަލް ކަޕް ބައްލަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އަލީ ވަހީދު ވިދާޅުވީ، އެކި ދާއިރާތަކުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި އިންޑިޔާ އަށް ކުރައްވާ ދަތުރުގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ މޭޔަރުންނާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

ދެ ދުވަހަށް އިންޑިޔާ އަށް ކުރައްވާ ދަތުރަކީ ޓައިމްސް އޮފް އިންޑިޔާގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އަތޮލު ތެރޭގައި ވެސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދަކީ ވަކި ހާއްސަ ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލަރުން މި ދަތުރުގައި ބައިވެރިކުރުމުގެ ބޭނުމަކީ އެ ސަރަހައްދެއް ޕްރޮމޯޓް ކުރާ އިރު ކަންކަން ނިންމުމުގެ ބާރު އެ ފަރާތްތަކަށް ވެސް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދަތުރުގައި އިންޑިޔާގެ ބޮޑެތި ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އިންޑިޔާ އަކީ ވެސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް ބޮޑު ސްކޯޕެއް އޮތް ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެ ގައުމުގައި ވެސް ދިވެހި ރާއްޖޭގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ މިއަހަރު ނިމޭ އިރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާފަ އެވެ.