ޖީއެމްއާރުން އަދިވެސް ޓެކްސް ނުދައްކާ

ޖީއެމްއާރުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ފައިސާ އަދިވެސް ނުދައްކާ، އެމައްސަލައަށް ގޮތެއް ނުނިމޭކަން ހާމަވެއްޖެ އެވެ.


ޖީއެމްއާރަށް ދިވެހި ދައުލަތުން 271 މިލިއަން ޑޮލަރު ނުވަތަ 4.1 ބިލިއަން ރުފިޔާ ދައްކާފައިވަނީ 2016 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. ސަރުކާރުން އެގްރީމެންޓް އުވާލުމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ސަރުކާރުން ދޭންޖެހޭނީ 250 މިލިއަން ޑޮލަރު ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމިި އެވެ.

ޖީއެމްއާރުން އެއާޕޯޓު ހިންގާފައިވަނީ ރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ކަމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުނު ފައިސާއިން ދިވެހި ދައުލަތަށް ޓެކްސް ދައްކަންޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމި އެވެ.

ޓެކްސްގެ ގޮތުގައި ފައިސާ ދެއްކުމަށް މީރާއަށް އަންގާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ޖީއެމްއާރުން ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު ނުވަތަ 354 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކަންޖެހެ އެވެ. މިކަމާ ގުޅޭ ގޮތުން އިންޑިޔާގެ ބައެއް ނޫސްތަކުގައި އޭރު ހާމަކޮށްފައިވާ ގޮތުގައި މީރާއިން އިން ޖީއެމްއާރަށް ފޮނުވި ނޯޓިސްގައި ވަނީ ވިޔަފާރީގެ ފައިދާގެ ޓެކްސްގެ ގޮތުގައި 14.4 މިލިއަން ޑޮލަރާއި ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ޑޮލަރު ދެއްކުމަށް އަންގާފައިވެ އެވެ.

"މިހާރު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފައިސާ ދެއްކުމަށް ޖީއެމްއާރުން ދެކޮޅު ހަދާ، ގެއްލުމުގެ ބަދަލަށް ދައްކަންޖެހޭ ޓެކްސް ވެސް ދައްކަންޖެހޭނީ ސަރުކާރުން ކަމަށް ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އޮފީހުން ލަފާ ދެއްވާފައިވަނީ ވެސް އެފައިސާ ސަރުކާރަށް ދެއްކުމަށެވެ.

ޔާމީންގެ ސަރުކާރު ބަދަލުވުމަށް ފަހު، މި ސަރުކާރުން އިތުރު ލަފައެއް އެ މައްސަލައިގައި ދިން ކަމެއް އަދިއެއް ނޭނގެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތަކީ ކުރިން ޖީއެމްއާރް މައްސަލައިގައި އެ ކުންފުނީގެ ފަރާތުން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަކީލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީއެމްއާރާއި ހަވާލުކޮށްފައި ވަނީ 28 ޖޫން 2010 ވަނަ އަހަރު އެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން އުވާލާފައިވެ އެވެ. ފަހު އެއާޕޯޓް ހިންގަމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ.