ތިން އަހަރުތެރޭ ދައުލަތުން 19 ބިލިއަން ރުފިޔާ ދައްކަންޖެހޭނެ: ޒިޔަތު

ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 19 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި މިކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ޒިޔަތު ވިދާޅުވީ، ދައުލަތުގެ ދަރަނީގެ މުޅި ޕޯޓްފޯލިއޯގެ 34 ޕަސެންޓް ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި ރީފައިނޭންސް ކުރަން ޖެހޭނެ ކަމަށެވެ. މިއީ ދައުލަތުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 21 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ދޫކޮށްފައިވާ ދެ ބޮންޑުގެ ޖުމްލަ 340 މިލިއަން ޑޮލަރު ނުވަތަ 5.4 ބިލިއަނަށް އަރައި، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، މިއަހަރު ނިމޭ އިރު ދައުލަތުން ދޭ ގެރެންޓީއާ އެކު 71.5 ބިލިއަން ރުފިޔާ އަށް ދަރަނި އަރާނެ ކަމަށެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 79 ޕަސެންޓެވެ.

މިއަހަރު ދަރަނި އަދާކުރުމަށް ދައުލަތުގެ އާމްދަނީގެ 14 ޕަސެންޓް ބޭނުންކުރި އިރު އަންނަ އަހަރު ދަަރަނި އަދާކުރުމަށް އާމްދަނީގެ 21 ޕަސެންޓް ބޭނުންކުރުމަށް ހަމަޖެހިފައިވެ އެވެ.

"އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ ހަރަދު ބޮޑުވާ ނިސްބަތް ބޮޑު. އެއީ ސަމާލުކަން ދޭން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރަށް ވުރެ ގިނަ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ހިމަނާފައިވެ އެވެ. މިދިޔަ އަހަރުތަކުގައި ވެސް ބަޖެޓުގައި ހިމެނި ގިނަ މަޝްރޫއުތައް ހިންގިފައިނުވާކަން ޒިޔަތު ފާހަގަކުރެއްވި އެވެ. އަދި ގިނަ މަޝްރޫއުތައް ހިންގުމަށްޓަކައި ޕްރޮކިއުމަންޓް އުސޫލު މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 10.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މާލިއްޔަތު ގަވައިދުގައި، ބޭރު ގައުމެއްގެ އެހީ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި އިހްތިޔާރު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށް، އާންމުކޮށް ބީލަކަށް ހުޅުވާނުލާ ކުރިއަށް ގެންދެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އިހްތިޔާރު ސަރުކާރަށް އޮތް ނަމަވެސް އާންމުކޮށް ބީލަމަށް ހުޅުވާނުލައި ޕްރޮޖެކްޓްތައް ހަވާލު ކުރުމަކީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށެވެ. އަދި މާލިއްޔަތު ގަވައިދުގެ އެ މާއްދާ އިސްލާހު ކުރުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާ އެވެ. މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ބަޖެޓާ ގުޅޭ ގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން މިދިޔަ ދެ ދުވަހު ވަނީ މިނިވަން މުއައްސަސާތައް އެ ކޮމިޓީއަށް ހާޒިރުކޮށް ބަޖެޓާ ގުޅޭ ގޮތުން ހިޔާލު ހޯދާފަ އެވެ.