މި އަހަރު 9،000 ވަޒީފާ އުފެއްދިއްޖެ: ފައްޔާޒް

މި ސަރުކާރުގެ މިދިޔަ އެއް އަހަރުގެ ތެރޭގައި 9،000 އެއްހާ ވަޒީފާ އުފެއްދިއްޖެ ކަމަށާއި ޖޮބް ސެންޓަރާ އެކު، ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.


ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ޖޮބް ސެންޓަރާ އެކު، ބައެއް މީހުން މިހާރު ތިބި ވަޒީފާތަކަށް ވުރެ ރަނގަޅު ވަޒީފާތަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެކަން ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަކައި މުހިއްމު ގިނަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"ވަޒީފާ ދޭ ފަރާތްތަކުން ލިސްޓު ކުރުމަކަށް އަޅުގަނޑުމެން މަޖުބޫރެއް ނުކުރަން. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބޭރު މުވައްޒަފުންނަށް ކޯޓާ ދިނުމުގައި، މި ޕޯޓަލްގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް ނޫނިއްޔާ ވޯކްޕާމިޓެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، ވަޒީފާ ދޭ މީހުން ބޭނުންވާ ވަޒީފާތައް ޖޮބް ސެންޓަރުގައި ޝާއިއުކޮށް، އެ ވަޒީފާ އަށް ފިޓުވާ ދިވެހިން ތިބި ނަމަ އެންމެ ފުރަތަމަ އިސްކަން ދޭނީ އެ ބަޔަކަށެވެ. އަދި ބިދޭސީންނަށް އިސްކަން ދޭނީ ދިވެހިން ނެތް ދާއިރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިކަމުގައި ވަޒީފާދޭ މީހުންގެ ކަންބޮޑުވުންތަކެއް ހުރެދާނެ ކަމަށާއި އެ ބަދަލުތަކަކީ، އާންމުންނާއި ވިޔަފާރިތަކަށް ވެސް އެންމެ ރަނގަޅު ބަދަލުތަކަށް ވާނެ ކަމަށެވެ.

ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މި ސަރުކާރުން ދެކެނީ އަޅުގަނޑުމެންނަކީ ވިޔަފާރިތަކުގެ ވެސް ބައިވެރިއެއް ކަމަށް. މިގޮތުން އެ އަންނަ ތަކްލީފުތައް ފަސޭހަ ކުރުމަށްޓަކައި ސަރުކާރުގެ ތެރޭގައި ހުރި ރެޑް ޓޭޕް [އުނދަގޫ ގޮތްތައް] މަދުކޮށް ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން މިދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، ކުރިމަގުގައި މިނިމަމް ވޭޖް ކަނޑައަޅައި، ޓްރޭޑް ޔޫނިއަންތަކުގެ މަސައްކަތްތައް ވެސް ފެންނާނެ ކަމަށެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 105،000 ވަޒީފާ ރަޖިސްޓަރީ ވެފައި ވެ އެވެ. އަދި ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ނުވާ 55،000 ވަޒީފާ ހިމެނޭނެ ކަމަށް ލަފާ ކުރެވެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އުމުރުގެ އާބާދީގައި ތިން ލައްކަ މީހުން ހިމެނޭ އިރު އޭގެ ތެރެއިން ވަޒީފާ އަދާކުރަނީ 160،000 މީހުން ކަމަށް ފައްޔާޒް މިއަދު ވިދާޅުވި އެވެ.

މީގެ އިތުރުން، ވަޒީފާ ހޯދަން އުޅެ ވަޒީފާ ނުލިބި 10،000-15،000 އާ ދެމެދުގެ މީހުން އުޅޭ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި 99،000 މީހުންނަކީ އެއްވެސް ކަހަލަ ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޮބް ސެންޓަރުގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާ އިތުރު ކުރުމުގެ އިތުރަށް އަދާކުރަމުންދާ ވަޒީފާތަކަށް ވުރެ ރަނގަޅު ފުރުސަތުތަކެއް ހޯދާދިނުމެވެ. މިއަދު އިފްތިތާހުކުރި ޖޮބް ސެންޓަރަށް ލޮގިން ވުމުން، އެ މީހަކަށް އެންމެ އެކަށީގެންވާ ވަޒީފާތަކުގެ ނޯޓިފިކޭޝަން ލިބޭނެ އެވެ. އަދި އެ ވަޒީފާތަކަށް އޮންލައިންކޮށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ އެވެ.