އެމެޒޯންގައި ވިއްކާ ކުޑަކުދިންގެ ސްމާޓްގަޑިތަކެއްގައި ސެކިއުރިޓީ ބާގަނޑުތަކެއް

ކުޑަކުދިންނަށް ހާއްސަކޮށްގެން އެމެޒޯން އިން ވިއްކާ ސްމާޓްގަޑިތަކަކާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އުފެއްދިއްޖެ އެވެ.


މަޝްހޫރު އޮންލައިން ފިހާރައިން އަންނަނީ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ތިން މޮޑެލެއްގެ ސްމާޓްގަޑި ވިއްކަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޗިލްޑްރެންސް ސްމާޓްވޮޗާއި ޖީ36 ސްމާޓްވޮޗާއި ސްމާޓް ޓާޓަލްސް ކިޑްސް ސްމާޓްވޮޗެވެ. މި އެއްޗެހީގެ އަގު އުޅެނީ 27-47 ޑޮލަރާ ދެމެދުގަ އެވެ.

މި ގަޑިތައް ވިއްކަން ފެށުމާ އެކު މީގެ ސެކިއުރިޓީ ފީޗާތަކާ ދޭތެރޭ ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ރެޕިޑް7 ގެ ސައިބަ ސެކިއުރިޓީ ރިސާޗަރުންގެ ޓީމުން ބުނެފައިވާ ގޮތުގައި އެމެޒޯން އިން ވިއްކާ މި ގަޑިތަކަކީ ސެކިއުރިޓީ ގިނަ މައްސަތަކެއް ހުރި އަދި އޭގެ ޒަރީރާ އިން ޖާސޫސްކޮށްފާނެ ކަމުގެ ބިރު ވެސް އޮތް އުފެއްދުންތަކެކެވެ.

އެގޮތުން މި ގަޑިތައް ފަރުމާކޮށްފައި ވަނީ އޭގައި ބޭނުންކުރާ ފޯނު ނަމްބަރު ފަސޭހައިން އަތުލައިގަތުމުގެ އިތުރަށް އޭގެ ޖީޕީއެސް މެދުވެރިކޮށް ވެސް ކުޑަކުދިންގެ ރައްކާތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް ކަމަށް ބުންޏެވެ. މީގެ އިތުރުން ހެކަރުންނަށް އޭގެ ފީޗާތަކާ ކުޅެލައިގެން ވަރަށް ފަސޭހަކަމާ އެކު، ކުޑަކުދިންނަށް މުއާމަލާތް ވެސް ކުރެވިދާނެކަން ފާހަގަކޮށްފައިވެ އެވެ.

އެހެންވެ އެމެޒޯނުން ވިއްކާ ކުޑަކުދިންގެ ގަޑިތައް ގަތުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާން ރެޕިޑް7 އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ކުންފުނީގެ ރިސާޗް ޑިރެކްޓަރު ޓޮޑް ބިއާޑްސްލީ ވިދާޅުވީ ސެކިއުރިޓީ ބޮޑެތި ބާގަނޑުތަކެއް ހުރި ސްމާޓް ޑިވައިސްތަކެއް ކޮންޓްރޯލެއް ނެތް ގޮތަށް ކުޑަކުދިންނަށް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"އެހެންވެ އެބަޖެހޭ މިފަދަ އެއްޗެހީގެ ސަބަބުން ހެކަރުންނަށް ނަގައިފާނެ ފައިދާތަކަށް ފާރަވެރިވާން،" އޭނާ ވިދާޅުވި އެވެ.

އެމެޒޯނުން ވިއްކާ ސްމާޓްގަޑިތަކެއްގެ މައްސަލައިގެ ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް އެ ކުންފުނިން އަދި މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި ގަޑިތައް ގަންނަން އެމެޒޯނުން ގަންނަން ލިބެން ހުރިކަން ފާހަގަކުރެވެ އެވެ.