ސާކް ޑިވެލޮޕްމެންޓް ފަންޑަށް ސީއީއޯއެއް ހޯދަނީ

ސާކް ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.


އެސްޑީއެފް އުފައްދާފައި ވަނީ 2005 ވަނަ އަހަރު އެވެ. މި ސަރަހައްދުގެ ގައުމުތައް ހިމެނޭ ސާކްގެ ކުޑައިގެ ދަށުން އުފެއްދި މި ފަންޑުގެ އޮފީސް ގާއިމްކޮށްފައި ވަނީ ބޫޓާންގެ ތިންފޫގަ އެވެ. މި ފަންޑުގެ ދަށުން މި ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހަރަދު ކުރާނެ އެވެ. އެގޮތުން ސާކްގެ އަށް ގައުމު ކަމަށްވާ، އަފްގާނިސްތާނާއި ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖޭ، އިންޑިޔާ، ސްރީލަންކާ، ނޭޕާލްގެ އިތުރުން ޕާކިސްތާނުގައި މި ފަންޑުގެ އެހީގައި މަޝްރޫއުތައް ކުރިއަށް ގެންދާނެ އެވެ.

އެސްޑީއެފްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ މީހުންނަކީ މާލީ އިދާރާއެއް ހިންގުމުގައި މަދުވެގެން 15 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ. މީގެ އިތުރުން މާލީ ދާއިރާއިން ނުވަތަ މެނޭޖްމެންޓްގެ ދާއިރާއިން ނުވަތަ އިގްތިސާދީ ދާއިރާއިން މާސްޓާސް ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.

މީގެ ކުރިން އެސްޑީއެފް ގެ ސީއީއޯގެ މަގާމުގައި ހުންނެވީ އިންޑިޔާއާ މީހެއް ކަމަށްވާ ޑރ. ސުނިލް މޯޓީވާލް އެވެ.

ސާކްގެ ކޮންމެ ގައުމެއްގެ މީހަކަށް ވެސް މި މަގާމަށް ކުރިމަތިލެވޭ އިރު ސީއީއޯގެ މަގާމުގައި ހުންނަ މީހަކަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 6،000 ޑޮލަރު (92،520ރ.) ލިބޭނެ އެވެ. ސީއީއޯގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މި މަގާމަށް އަންނަ މަހުގެ 23 ގެ އާ ހަމައަށް ކުރިމަތި ލެވޭނެ އެވެ. އާ ސީއީއޯ، އެ މަގާމަށް އައްޔަނު ކުރާނީ، މި އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ.