ޖޫރިމަނާ ކުރީ އެންވަޔަރަމަންޓް މިނިސްޓްރީގެ އިހުމާލުން: ސްޓެލްކޯ

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސްޓެލްކޯ ޖޫރިމަނާ ކުރީ އެންވަޔަރުމެންޓް މިިނިސްޓްރީގެ އިހުމާލުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.


ކ. ހިންމަފުއްޓާއި ކ. ތުލުސްދޫގެ ނަރުދަމާ ހިދުމަތް ފޯރުކޮށްދިނުމަށް ދޫކުރި ލައިސެންސާ އެއްގޮތަށް މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ބުނެ އިއްޔެ އީޕީއޭ އިން ވަނީ ސްޓެލްކޯ 5،000ރ. އިން ޖޫރިމަނާކޮށް އެކަން އިއުލާން ކޮށްފަ އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، އެންވަޔަރުމެންޓް މިނިސްޓްރީގެ އިހުމާލުން ދިމާވި ދަތިތަކެއްގެ ސަބަބުން އެ ކުންފުނި ޖޫރިމަނާ ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

ސްޓެލްކޯއިން ބުނިގޮތުގައި، އެ ކުންފުނިން ވަނީ ހިންމަފުއްޓާއި ތުލުސްދޫގެ ނަރުދަމާގެ މަސައްކަތާ ހަވާލުވުމުގެ ކުރިން އެ މަސައްކަތް ކުރުމުގައި ހުރި ދަތިތައް ރަސްމީކޮށް އަންގައިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ހައްލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގައި މިނިސްޓްރީން ގިނަ ދުވަސްތަކެއް ނެގުމުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން އެ ކަންތައް ޔަގީންކޮށް ދިނީ ޕްލޭނިން މިނިސްޓްރީން ކަމަށް ވެސް ސްޓެލްކޯގެ ބަޔާނުގައި ވެ އެވެ. އަދި ލައިސެންސަށް އެދި ހުށަހެޅީ މަސައްކަތް ކުރުމުގައި ހުރި ދަތިތައް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން އިއްޔެ ވަނީ ހިންމަފުއްޓާއި ތުލުސްދޫގެ ނަރުދަމާ ނިޒާމު ހިންގުމާ ރަސްމީކޮށް ހަވާލުވެފަ އެވެ. ނަމަވެސް ހަމަ އެ ދުވަހު އެ ކުންފުނި ޖޫރިމަނާ ކުރީތީ ހިތާމަ ކުރާ ކަމަށާއި އެންވަޔަރުމެންޓް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަންތައް ކޮށްދިނުމުގައި ލަސްވުމަކީ އެ ކުންފުނިން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯއިން ބުނީ އީޕީއޭއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ކުރަން ޖެހޭ ތަހުގީގު ރަނގަޅަށް ނުކޮށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ޖޫރިމަނާ ކުރި ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ފަސް ނުޖެހޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ހިންމަފުއްޓާއި ތުލުސްދޫގެ އިތުރުން ވެސް ބައެއް ރަށްތަކުގެ ނަރުދަމާ ސްޓެލްކޯއާ ހަވާލު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ހުރިހާ ރަށެއްގެ ނަރުދަމާއާ ވެސް އެންވަޔަރުމެންޓް މިނިސްޓްރީން ނިންމަންޖެހޭ ކަންތައްތައް ނިންމައި ހަވާލު ކުރުމުން ރަސްމީކޮށް ހަވާލުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.