އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކާކަށް ފަސޭހައެއް ނުވާނެ: އެސްޓީއޯ

ކާޑުގެ ބާވަތްތައް މާލެއާ އެއް އަގެއްގައި ރަށްރަށުގައި ވިއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އިއްޔެ ވިދާޅުވެއްޖެ އެވެ.


ކާޑުގެ ބާވަތްތަކުން އާންމު ސަބްސިޑީ ކަނޑާލި މައްސަލައާ ގުޅޭ ގޮތުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީރު ވިދާޅުވީ އެކި ރަށްތަކުގައި ކާޑު އެކި އަގުތަކުގައި ގަންނަން ލިބެނީ ނާލާއި މަޖޫރި އަދި ފްލައިޓަށް ޗާޖް ނަގާތީ ކަމަށެވެ.

ނަމަވެސް ކާޑުގެ ބާވަތްތައް ދެކުނަށާއި އުތުރަށް އިމްޕޯޓް ކުރެވޭނަމަ، ކާޑުގެ ބާވަތްތައް ވިއްކާ އަގުތައް އަގު ހެޔޮ ވެދާނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

"ކާޑު ގެންނައިރު، ލިބޭ އަގަށް ބަލާފައި އިކޮނޮމިކް [މިނިސްޓްރީ] އިން ކަނޑައަޅާފައިވާ އަގެއްގައި ވިއްކާފައި ބާކީ ޖެހޭ އަދަދެއް ސަރުކާރުން ސަބްސިޑީ ގޮތުގައި (އެސްޓީއޯ އަށް) ދެނީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ކާޑު ގަންނަނީ އެއް ދުވަހަށް ބަލާފައި އޯޕަން ޓެންޑާއެއްގެ ދަށުންނެވެ. އަދި އެސްޓީއޯ އަށް ކާޑުގެ ބާވަތްތައް ސަޕްލައިކޮށްދެނީ ފަސް ކުންފުންޏަކުން ކަމަށާއި އަމިއްލަ ކުންފުނިތަކުން ކާޑު އެތެރެކޮށް ވިއްކާ ނަމަ، އެއީ ލިބޭނެ ލުޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ އިއްޔެގެ ބައްދަލުވުން. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކާޑުގެ ބާވަތްތައް އެސްޓީއޯ އަށް ސަޕްލައިކޮށްދެނީ އެމްއެމްއެކްސްޕޯޓުގެ އިތުރުން ދުބާއީ، ތުރުކީ، އިންޑިއާ އަދި ސްރީލަންކާގެ ކުންފުނިތަކުންނެވެ.

ކުންފުނިތަކުން ރާއްޖެ އެތެރެކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ. އެސްޓީއޯއިން ގެންނަނީ ސާކް ގައުމުތަކުގެ އާންމުން ބޭނުންކުރާ ކޮލެޓީއާ ވަރަށް ތަފާތު ކޮލެޓީއެއްގެ ކާޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާޑު ގުދަން ކުރަނީ އެސްޓީއޯ އަށް ސަރުކާރުން ދީފައި އޮތް ފަސް ބިމެއްގައި ކަމަށާއި އެ ބިންތައް 2010ގައި ގަތީ މާކެޓް ރޭޓަށްވުރެ މާ ބޮޑު އަގުތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިންތަކަކީ އޭރު އޮތް ސަރުކާރުން އެސްޓީއޯ އަށް ދޭން ޖެހޭ ފައިސާތަކެއްގެ ބަދަލުގައި ދިން ބިންތަކެކެވެ.

ކާޑުގެ ސަބްސިޑީ ފަގީރުންނަށް ދޭން ނިންމުމާ ގުޅިގެން އަގުތަކަށް މިއަށްވުރެ ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީރު ވިދާޅުވި އެވެ.

މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ.

މި އަހަރުގެ ބަޖެޓްގައި ސަރުކާރުން ދޭ ހުރިހާ ސަބްސިޑީއަކަށް 2.4 ބިލިއަން ރުފިޔާ ހޭދަވާ އިރު، އޭގެ ތެރެއިން 183 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ކާޑުގެ ސަބްސިޑީއަށެވެ. ބައެއް އަހަރުތަކުގައި ކާޑުގެ ސަބްސިޑީ އަށް 300 މިލިއަން ރުފިޔާ އަދި މި އަހަރުގެ މިހާތަނަށް 225 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވެ އެވެ.