ކަންޔޭ ވެސްޓް ކޮސްމެޓިކް ވިޔަފާރީގެ ތެރެއަށް

ކުޅިވަރަށް ހާއްސަ ސާމާނު އުފައްދާ މަޝްހޫރު ކުންފުނި އެޑިޑާސްއާ ގުޅިގެން ރެޕާ ކަންޔޭ ވެސްޓް "ޔީޒީ" ގެ ނަމުގައި ގެނެސްދޭ އުފެއްދުންތައް އިތުރުކޮށް، އޭގެ ތެރޭގައި ކޮސްމެޓިކްގެ ބާވަތްތައް ހިމަނަން އެކަމުގެ ހުއްދަ އަށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބިލިއަނަރެއްގެ ގޮތުގައި ފޯބްސް އިން މިދިޔަ މަހު ކަނޑައެޅި ކަންޔޭ "ޔީޒީ" ބްރޭންޑްގެ ކޮސްމެޓިކްސް ގެނެސްދޭން ނިންމައި އޭނާގެ މައި ކުންފުނި މެސްކޮޓް ހޯލްޑިންސް އިން އެމެރިކާގެ ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށް ޓީއެމްޒީން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި "ޔީޒީ" ކޮސްމެޓިކްގެ ދަށުން ގެނެސްދޭނެ އުފެއްދުންތަކުގެ ތެރޭގައި ސެންޓާއި ޑިއޮޑަރަންޓާއި ސްކިންކެއާ ޕްރޮޑަކްޓްތަކާއި ނެއިލް ޕޮލިޝް އާއި މޮއިސްޗަރައިޒާ އާއި ބޮޑީ އޮއިލާއި ބޭބީ ވައިޕްސް އާއި އެެރޯމާތެރަޕީ ޕިލޯ އާއި ސެންޓެޑް ޕައިން ކޯން ފަދަ އެތައް ބާވަތަތެއްގެ އުފެއްދުންތައް ހިމެނެ އެވެ.

"ޔީޒީ" ކޮސްމެޓިކް ބްރޭންޑާ އެކު ކަންޔޭވެގެންދާނީ އަންހެނުން ކިމް ކާޑޭޝަން އާއި އޭނާގެ ކޮއްކޮ ކައިލީ ޖެނާގެ ފަހަތުން ކޮސްމެޓިކްގެ ވިޔަފާރި އަށް ނުކުންނަ ފަންނާނަކެވެ. މިއާއެކު މިކަންވެގެން ދާނީ އާއިލާތެރޭގައި ކޮސްމެޓިކް ވިޔަފާރީގެ ވާދަވެރިކަން ވެސް އިތުރަށް ބޮޑުވެގެންދާނެ ކަމަކަށެވެ.

ކިމް އަކީ ކޭކޭޑަބްލިއު ބިއުޓީގެ ވެރިޔާ އެވެ. ކައިލީ އަކީ އޭނާގެ ކައިލީ ކޮސްމެޓިކާ އެކު، މި ވަގުތު ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ޒުވާން އަންހެން ވިޔަފާވެރިންގެ ތެރެއިން އެކެކެވެ. އޭނާ އަކީ ފޯބްސް އިން އެންމެ ފަހުން އާންމުކުރި ލިސްޓްގައި ފާއިތުވި އެއް އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ ވެސް މެ އެވެ.

ކަންޔޭ ހިމެނެނީ އެ ލިސްޓްގެ ދެވަނައިގަ އެވެ. ރެޕާއެއްގެ ގޮތުގައި މަޝްހޫރު ކަންޔޭގެ މިލްކިއްޔާތު މިހާރު 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ.

"ޔީޒީ" ގެ ނަމުގައި ކޮސްމެޓިކް އުފެއްދުންތައް ނެރެން ކަންޔޭ ނިންމާފައިވާ އިރު މީގެ ތިން އަހަރު ކުރިން އޭނާ ވަނީ ހަމަ އެފަދަ އުފެއްދުންތަކަށް ހާއްސަކޮށްގެން އޭނާގެ މަންމަ "ޑޮންޑާ" ގެ ނަމުގައި ކުންފުންޏެއް ލޯންޗްކޮށްފަ އެވެ.

އެކަމަކު މިހާތަނަށް އޭގެ ދަށުން އެއްވެސް އުފެއްދުމެއް ނެރެފައެއް ނުވެ އެވެ.