އިންޑިއާގައި އައިފޯން 11 އުފައްދަން ފަށައިފި

ފޮކްސްކޮން އިން އެޕަލްގެ އައިފޯން އިންޑިއާގައި އުފައްދަން ފަށައިފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފޮކްސްކޮން އިން އައިފޯން 11 އުފެއްދުމުގެ މަސައްކަތް އިންޑިއާގައި ކުރިއަށް ގެންދަނީ ޗެންނާއީގައި ހުންނަ އެ ކުންފުނީގެ ޕްލާންޓްގަ އެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އިންޑިއާ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މާ ލަސްތަކެއް ނުވެ އެޕަލް އިން އިންޑިއާގައި އައިފޯން އެސްއީ 2020 ވެސް އުފައްދަން މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާނީ ބެންގަލޫރް ކައިރީގައި ހުންނަ ވިސްޓްރޯން ޕްލާންޓްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގައި އައިފޯން އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ މީގެ ތިން އަހަރު ކުރިން 2017 ގަ އެވެ. އެގޮތުން އަގުހެޔޮ މޮޑެލްތަކުގެ އައިފޯނު އިންޑިއާފައި އަންނަނީ އުފައްދަމުންނެވެ. އެ ގައުމަކީ އަކީ ސްމާޓްފޯނުގެ އެންމެ މާކެޓެއް ވެސް އޮތް އެއް ގައުމެވެ.

އައިފޯން އުފެއްދުމުގެ މަސައްކަތް އިންޑިއާގައި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން ފޮކްސްކޮން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ޓެކް ކްރަންޗުން ބުނި ގޮތުގައި އެމެރިކާގެ އެޕަލްގެ މަސައްކަތްތައް އިންޑިއާގައި ފުޅާކުރަން ނިންމި އެއް ސަބަބަކީ އެ ގައުމު ޗައިނާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. އަދި މި ދަނޑިވަޅަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްވެ، ޗައިނާގެ އުފެއްދުންތައް އިންޑިއާގައި ބޮއިކޮޓްކުރަން ވެސް ކުރަމުން އަން ދުވަސްވަރެކެވެ. އެގޮތުން ދާދި ފަހުން ޗައިނާގެ 59 އެޕެއް އިންޑިއާގައި ވަނީ މަނާކޮށްފަ އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އެޕަލްގެ އަމާޒަކީ އައިފޯނު އުފެއްދުމުގެ ހަބެއްގެ ގޮތުގައި މިހާރު ޗައިނާ ބޭނުންކުރި ނަމަވެސް އެ މަސައްކަތް ބޮޑުތަނުން އިންޑިއާ އަށް ބަދަލުކުރުމެވެ. އަދި އިންޑިއާގައި އައިފޯން އުފައްދައި ވިއްކަން ފެށުންވެގެންދާނީ އެ ގައުމަށް އެތެރެކޮށް ވިއްކާ އުފެއްދުންތަކުން ނަގާ 20 ޕަސަންޓް ޑިއުޓީން ވެސް އެޕަލް ސަލާމަތްވާނެ ކަމެކެވެ.