ޓިކްޓޮކް ގަތުން ކޮޅެއްގައި ޖައްސަން ޓްރަމްޕްގެ ސުންގަޑިއެއް

ޗައިނާގެ ބައިޓްޑާންސުން އޮޕަރޭޓްކުރާ ޓިކްޓިކް ގަންނަން މައިކްރޮސޮފްޓުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލަފާގެ މަތިން މިހާރު މަޝްވަރާކުރަމުން އަންނަ އިރު، އެކަމަށް ޓްރަމްޕް ސުންގަޑިއެއް ދެއްވައިފި އެވެ.


ޗައިނާ އަށް އަބަދު ވެސް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރައްވާ ޓްރަމްޕް ވިދާޅުވި ގޮތުގައި ދެ ކުންފުނީގެ މެދުގައި 45 ދުވަހުގެ ތެރޭގައި ފަހުގެ އެއްބަސްވުމަކަށް އާދެވެން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ޓިކްޓޮކް އެމެރިކާގައި މަނާކުރުން ނޫން ގޮތެއް ދެނެއް ނޯންނާނެ އެވެ.

ޓިކްޓިކް ވިއްކައިލުމުގެ މަޝްވަރާތަކަށް ބައިޓްޑާންސުން ދާން މަޖުބޫރު އެމެރިކާގެ ކުންފުންޏަކަށް އެ އެޕް ވިއްކައިނުލާ ނަމަ އެމެރިކާގައި މަނާކުރާނެކަމުގެ އިންޒާރު މިދިޔަ އަހަރުން ފެށިގެން ތަކުރާރުކޮށް ދެމުންދާތީ އެވެ. މަޝްވަރާތައް މިހާރު ކުރިއަށްދާ އިރު، މައިކްރޮސޮފްޓުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދެ ކުންފުނީގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓިކްޓޮކް މައިކްރޮސޮފްޓަށް ވިއްކައިލަން ބައިޓްޑާންސުން 50 ބިލިއަން ޑޮލަރަށް ވުރެ ކުޑަ އަގަކަށް އެއްބަހެއް ނުވާނެ އެވެ. އެކަމަކު އެއަށް ވުރެ ކުޑައަކަށް އެޕް ވިއްކަން ވެސް އެމެރިކާ އިން އެ ކުންފުންޏަށް ދަނީ ޕްރެޝަރުކުރަމުންނެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި ޓިކްޓޮކް ގަތުމަށް ފަހު އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑް ފަދަ މާކެޓްތަކުގައި އެ އެޕް އޮޕަރޭޓްކުރުމަކީ އެ ކުންފުންޏަށް ކުރެވިދާނެ ކަމެކެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާ ވާގިދީގެން އެމެރިކާ އަށް ޖާސޫސްކުރާ އެޕެކެވެ. އަދި އެ އެޕް ބޭނުންކުރާ އެމެރިކާގެ މީހުންގެ ޑޭޓާ ވެސް ނަހަމަގޮތުގައި ޗައިނާ އިން ހިފާކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް ބައިޓްޑާންސުން އަންނަނީ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކުރަމުންނެވެ.