މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން އުޅޭތީ ބިލް ގޭޓްސްގެ ފާޑުކިޔުން

އެމެރިކާގައި ޓިކްޓޮކް މަނާކުރާނެ ކަމަށް ވިދާޅުވެ ބިރު ދައްކަވައިގެން، ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތަށް މައިކްރޮސޮފްޓުން ވާގިދޭތީ އެކަމަށް އެ ކުންފުނީގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް ފާޑު ވިދާޅުވެއްޖެ އެވެ.


ވަޔަޑް އަށް ދެއްވި އިންޓަވިއުއެއްގައި، މައިކްރޮސޮފްޓްގެ އެއް ބާނީ ކަމަށްވާ ގޭޓްސް ވިދާޅުވީ މައިކްރޮސޮފްޓުން ޓިކްޓޮކް ގަތުމަކީ ޒަހަރަކަށް ވެދާނެ ކަމަށެވެ. އަދި ޓިކްޓޮކް ގަތުމަކީ ފަސޭހަ ކަމަކަށް ވިޔަސް އެ ހިންގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ. ގޭޓްސް ވިދާޅުވި ގޮތުގައި މައިކްރޮސޮފްޓަކީ ސޯޝަލް މީޑިއާ ވިޔަފާރީގެ ތެރޭގައި އުޅޭ ކުންފުންޏަކަށް ވިޔަސް ޓިކްޓޮކް ކަހަލަ އެއްޗެއް އޮޕަރޭޓްކުރުމަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމަކަށްވާނެ އެވެ.

"ހަމަ ޔަގީނުން ވެސް މިއީ ހީކުރާހާ ފަސޭހަ ކަމަކަށް ނުވާނެ،" ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު މަހުޖަނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕް ކުރައްވަން ކުޅުއްވަން އުޅުއްވާ ކުޅިގަނޑުގެ ތެރެއަށް މައިކްރޮސޮފްޓް ވަނުމަކީ އެ ކުންފުންޏަށް މާ ބޮޑު ފައިދާއެއް ވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް ކޮންޓެންޓް ވަރުގަދަކުރަން މައިކްރޮސޮފްޓަށް ކުރަން ޖެހޭ މަސައްތައް އެތައް ގުނަ ބޮޑުވެ، ވަރަށް އުނދަގޫ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ޓްރަމްޕް ކުރައްވަން އުޅުއްވާ ކަންތައް ރަނގަޅު ކަމަކަށް ނުދެކެން،" ގޭޓްސް ވިދާޅުވި އެވެ.

ޓިކްޓޮކްގެ އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާގެ އިތުރުން ނިއު ޒީލެންޑްގެ އޮޕަރޭޝަންސް ގަންނަން ބައިޓްޑާންސާ މަޝްވަރާކުރަމުން އަންނަކަން ޓިކްޓޮކުން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. މިކަމަކީ އެމެރިކާގައި ޓިކްޓޮކް މަނާކުރާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާތީ އޭނާގެ ލަފާގެ މަތިން ކުރާ ކަމެކެވެ.

އެގޮތުން ޓިކްޓޮކް ގަތުން ކޮޅެއްގައި ޖައްސަން ޓްރަމްޕް ވަނީ 45 ދުވަހުގެ މުހުލަތެއް ވެސް ދެއްވައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ޓިކްޓޮކް އެމެރިކާގައި މަނާކުރައްވާނެ ކަމަށް ވިދާޅުވެ، ބުރާސްފަތި ދުވަހު ވަނީ އަމުރެއް ވެސް ނެރުއްވައިފަ އެވެ.

ޓިކްޓޮކުން ބުނެފައިވާ ގޮތުގައި މައިކްރޮސޮފްޓާ އެކު ކުރާ މަޝްވަރާތައް އަންނަ މަހުގެ 15 ހިސާބުގައި ކޮޅެއްގައި ޖެއްސޭނެ އެވެ.