ޓިކްޓޮކާއި ވީ ޗެޓާ ދެކޮޅަށް ޓްރަމްޕުގެ އަމުރެއް

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ގަންނަން އެމެރިކާގެ މައިކްރޮސޮފްޓުން ކުރަމުން އަންނަ މުއާމަލާތް ކޮޅެއްގައި ޖައްސަން 45 ދުވަހުގެ މުހުލަތެއް ދެއްވުމަށް ފަހު، ޓިކްޓޮކާއި ވީ ޗެޓާ އެކު ވިޔަފާރީގެ މުއާމަލާތްތައް ނުހިންގަން އަންގާ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ސޮއިކުރައްވައިފި އެވެ.


ރައީސަށް ލިބިދޭ ބާރުގެ ދަށުން ޓްރަމްޕް ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކާއި ޗައިނާގެ ޓެންސެންޓުން ހިންގާ ވީ ޗެޓާ، 45 ދުވަސް ފަހުން އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއްކޮށްގެން ނުވާނެ ކަމަށެވެ. މި ދެ އެ އެޕަކީ މިދިޔަ ޖޫން މަހު އިންޑިއާ އިން މަނާކުރި ޗައިނާގެ 59 އެޕްގެ ތެރޭގައި ވެސް ހިމެނޭ އެޕްތަކެވެ. އެމެރިކާ އިން ބުނާ ގޮތުގައި ޗައިނާގެ އެޕްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންވެ އެ އެޕްތަކުގެ އެ ގައުމުގައި މަނާކުރަން ޗައިނާ އިން ބޭނުން ނުވާ ނަމަ އޮތް ގޮތަކީ ކޮންޓްރޯލް އެމެރިކާ އަށް ދިނުމެވެ. ޓްރަމްޕް ސޮއިކުރައްވައި ނެރުއްވި އަމުރުގެ ބޭނުމަކީ ވެސް އެކަމަށް މަޖުބޫރުކުރުމެވެ.

މި ދެ އެޕުން ވެސް ވަނީ ޓްރަމްޕުގެ ނިންމެވުމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ.

ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި ޓްރަމްޕް ޗައިނާއާ ދެކޮޅަށް ނެރުއްވި އަމުރަކީ ނެޝަނަލް އިމަޖެންސީ އެކްޓާއި އިންޓަނެޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާޒް އެކްޓްގެ ދަށުން ލިބިދޭ ބާރުތަކުގެ ދަށުން ނެރުއްވި އަމުރެކެވެ.

ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު.

މައިކްރޮސޮފްޓުން ބުނި ގޮތުގައި ޓިކްޓޮކްގެ އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އަދި ނިއު ޒީލެންޑް އޮޕަރޭޝަން ގަތުމަށް ބައިޓްޑާންސާ އެކު ކުރާ މަޝްވަރާތައް އަންނަ މަހުގެ 15 އާ ހަމައަށް އަންނަ އިރު ކޮޅެއްގައި ޖެއްސޭނެ އެވެ.

ޓިކްޓޮކާއި ވީ ޗެޓާ ދެކޮޅަށް އެމެރިކާ ސަރުކާރުން އަމުރެއް ނެރުމާ އެކު ބުރާސްފަތި ދުވަހު ވަނީ އެ ގައުމުގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ޗައިނާގެ ކުންފުނިތަކުގެ އޮޑިޓްކޮށްފައިވާ އެކައުންޓްތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދާ ނަމަ އެފަދަ ކުންފުނިތައް ހިއްސާގެ ބާޒާރުން ބޭރުކޮށްލުމަށް ވެސް އަންގައިފަ އެވެ.

ޓިކްޓޮކަށް އެމެރިކާ އިން ފިއްތުންތައް ކުރިމަތިކުރަމުންދާ އިރު، އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ އަދަދު 800 މިލިއަނަށް އަރަ އެވެ. މޮބައިލް ޕޭމަންޓް އެޕެއްގެ ގޮތުގައި ވެސް ބޭނުންކުރާ ވީ ޗެޓަކީ ވެސް އެމެރިކާގެ ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. ހާއްސަކޮށް ޗައިނާގައި ދިރިއުޅޭ އެމެރިކާ ރައްޔިތުންނެވެ.