ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރިލީޒް ނުކުރެވި ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާ، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ "ޑްރައިވް" ރިލީޒްކުރާ ތާރީހެއް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.


އެންމެ ފަހުން މި ފިލްމު ރިލީޒް ކުރާނެ ކަމަށް އިއުލާން ކުރި ތާރީހަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 އެވެ. ނަމަވެސް އޭރު އެ ތާރީހު ފަނަހައަޅައި ދިޔަ އިރު ވެސް "ޑްރައިވަރު" ބަޚަބަރެވެ.

ޕްރޮޑިއުސަރު ކަރަން މިހާރު އިއުލާންކޮށްފައިވާ ގޮތުގައި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.

"ޑްރައިވް" އަކީ 2008 ވަނަ އަހަރު ދަރުމާ އަށް "ދޯސްތާނާ" ޑައިރެކްޓްކޮށް ދިން ތަރުން މަންސުކާނީގެ ދެވަނަ ޑައިރެކްޝަނެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އެކީގައި އަލަށް ސްކްރީނުން ފެނިގެންދާ ޖޯޑެއް ކަމަށްވާ ސުޝާންތު ސިންގް ރާޖްޕޫތާއި ޖެކްލިން ފެނަންޑޭޒެވެ.

"ޑްރައިވް" ވެގެން ދާނީ މި އަހަރު ބެލުންތެރިންނަށް ކަރަންގެ ފިލްމު ކުންފުނިން ގެނެސް ދޭ 4 ވަނަ ފިލްމަށެވެ.

އެ ސްޓޫޑިއޯގެ ފިލްމަކަށް މި އަހަރު ފުރަތަމަ ސިނަމާ އަށް އަންނާނީ މާޗް 22 ގައި ރިލީޒް ކުރާ "ކެސަރީ" އެވެ. އޭގެ ފަހުން އެޕްރީލް 19 ގައި "ކަލަންކް" ގެނެސް ދިނުމަށް ފަހު، މެއި 10 ގައި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ސިނަމާތަކަށް އަންނާނެ އެވެ.

ކިއާރާ ބުނަނީ ދޮގެއް ކަމަށް

އިމްތިއާޒް އަލީ 2009 ގައި ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯން ހިމަނައިގެން ގެނެސް ދިން ފިލްމު "ލަވް އާޖް ކަލް" ގެ ދެވަނަ ބައި ބަތަލާގެ ރޯލް ކިއާރާ އަދުވާނީ އަށް ހުށަހަޅާފައިވާ ކަމަށް ބުނާ ވާހަކަ ޒުވާން ބަތަލާ ދޮގުކޮށްފި އެވެ.

"ލަވް އާޖް ކަލް 2" ހަދާކަން ރަސްމީކޮށް އިމްތިއާޒް އަދި އިއުލާންކޮށްފައި ވެސް ނުވާ އިރު ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ލީޑުން ފެނިގެން ދާނީ ސައިފްގެ ދަރިފުޅު ސާރާ އަލީ ހާނާއި ކާތިކް އާރިޔަން އެވެ.

ނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ކިއާރާ އަށް ފިލްމުގެ ބަތަލާގެ ރޯލް ދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށް ކުރި ޓްވީޓެއްގައި ބުނީ އެ ވާހަކަ ތެދަކަށް ވާނެ ނަމަ އޭނާ ވަރަށް އުފާވީސް ކަމަށެވެ. އެކަމަކު "ލަވް އާޖް ކަލް 2" އޭނާ އަށް ހުށަނާޅާ ކަމަށް ކިއާރާ ބުންޏެވެ.

"ތާނަޖީ" ގެ މަންޒަރެއް ދައްކާލައިފި

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާފައިވާ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ މަންޒަރެއް ބެލުންތެރިންނާ ހިއްސާކޮށްފި އެވެ.

"ތާނަޖީ" ގެ ޓްވިޓާ އެކައުންޓުން ހިއްސާ ކުރި ފޮޓޯއެއްގައި ފެންނަނީ ހަނގުރާމައިގެ މަންޒަރެއްގައި އޭނާ ހަރަކާތްތެރިވާ ތަނެވެ. މި ފިލްމަކީ އޯމް ރައުތު ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ މުހިއްމު ރޯލަކުން ސައިފް އަލީ ހާން ވެސް ފެނިގެން ދާނެ އެވެ. "ތާނަޖީ" ގެ ބަތަލާއަކީ އަޖޭގެ އަންހެނުން ކާޖޮލް އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ އާއި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތާނަޖީ" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

އަނޫރާގްގެ ފިލްމު ކުޅޭކަން ފާތިމާ ޔަގީންކޮށް ދީފި

އަނޫރާގް ބާސޫ މިހާރު ހަދަމުން އަންނަ އެންތޮލޮޖީ ފިލްމުގެ ރޯލެއް ކުޅޭކަން ދާދި ފަހުން ރިލީޒްކޮށް ބޮޑު ނާކާމިޔާބިއަކާ ކުރިމަތިިވި "ތަގްސް އޮފް ހިންދުންސްތާން" ގެ ބަތަލާ ފާތިމާ ސަނާ ޝެއިހް ކަށަވަރުކޮށް ދީފި އެވެ.

ފާތިމާ ބުނީ އަނޫރާގާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އުންމީދެއް ހާސިލުވުން ކަމަށާއި އެ ފިލްމަށް ސޮއި ކުރީ ސްކްރިޕްޓް ވެސް ކިޔާ ނުލައި ކަމަށެވެ.

ފާތިމާގެ އިންސްޓަގްރާމް ޕޯސްޓެއް.

އޭނާ ބުނި ގޮތުގައި އަނޫރާގަކީ މޮޅު އަދި ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރަކަށްވާތީ އޭނާ އަށް ކުރެވޭ އިތުބާރު ބޮޑެވެ. އަދި ނަން އިއުލާންކޮށް ނުވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަބީޝެކް ބައްޗަން، ރާޖްކުމާރު ރާއޯ އަދި އަދިތިޔާ ރޯއި ކަޕޫރް ހިމެނެ އެވެ.

ފާތިމާ ބުނީ އޭނާ އާއި ރާޖް ފިލްމުގައި ފެނިގެން ދާނީ އެކީގައި ކަމަށާއި އެ މީހުންގެ ސެގްމަންޓްގެ ޝޫޓިން މި މަހުގެ ތެރޭގައި ބޯޕާލްގައި ފަށާނެ ކަމަށެވެ.