އައިޝްވާރިޔާ އަށް ނިސްބަތްކޮށް ވިވެކް ކުރި ޓްވީޓެއްގެ މައްސަލަ ހޫނުވުމުން ޑިލީޓްކޮށްލައިފި

އިންޑިއާގެ އާންމު އިންތިހާބު ނިމުމާ ދިމާކޮށް އެކްޓަރު ވިވެކް އޮބެރޯއީ ކުރީގެ ލޯބިވެރިޔާ އައިޝްވާރިޔާ ރާއީ އަށް ނިސްބަތްކޮށް ހޯމަ ދުވަހު ކުރި ޓްވީޓެއްގެ ސަބަބުން އޭނާ އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން އެ ޓްވީޓް އަންގާރަ ދުވަހު ޑިލީޓްކޮށްލައިފި އެވެ.


މި މަހުގެ 24 ގައި ރިލީޒް ކުރާ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" ގައި މޯދީގެ ރޯލް ކުޅުނު ވިވެކް ކުރި ޓްވީޓްގައި އިނީ ކޮލާޖްކޮށްފައި އައިޝްވާރިޔާގެ ތިން ފޮޓޯއެކެވެ.

އޭގެ ތެރެއިން އެންމެ މަތީގައި އިން ފޮޓޯގައި އައިޝްވާރިޔާ ސަލްމާނާ އެކު ފެންނައިރު، އެ ފޮޓޯގައި ލިޔެފައި ވަނީ އޮޕީނިއަން ޕޯލް އެވެ. އޭގެ ދަށުން އިން ފޮޓޯގައި ތިބީ އައިޝްވާރިޔާ އާއި ވިވެކެވެ. އެ ފޮޓޯގައި ލިޔެފައި ވަނީ އެގްޒިޓް ޕޯލެވެ. އެންމެ ފުލުގައި އިން ފޮޓޯގައި ރިޒަލްޓް ޖަހާފައި އިން އިރު، އެއިން ފެންނަނީ އައިޝްވާރިޔާ އާއި ފިރިމީހާ އަބީޝެކް ބައްޗަންގެ އިތުރުން އެ މީހުންގެ ދަރިފުޅު އާރަދިޔާ ބައްޗަން އެވެ.

މި ފޮޓޯ ވިވެކް ޓްވީޓް ކުރީ ކެޕްޝަނަކަށް "ހައްހައް...ކްރިއޭޓީވް! ނޯ ޕޮލިޓިކްސް ހިއާ...ޖަސްޓް ލައިފް" ޖަހައިފަ އެވެ.

އޭނާ މި ފޮޓޯ ޓްވީޓް ކުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އެއީ އަންހެނަކަށް ކުޑައިމީސް ކުރުމުގެ އަމަލެއް ކަމަށް ބުނެ ވިވެކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ބަތަލާ ސޯނަމް ކަޕޫރް ވެސް ވަނީ ވިވެކްގެ ޓްވީޓަކީ "މުޑުދާރު އަދި ފެންވަރު ދަށް" އަމަލެއް ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅިގެން ވިވެކް ވަނީ ސޯނަމަށް މީޑިއާގައި ބަހުގެ ހަމަލާތަކެއް ވެސް ފޮނުވައިފަ އެވެ. އޭނާ ބުނީ ނުބެހޭ ކަންކަމާ ނުބެހި ސޯނަމް ކުރަންވީ ކަމަކީ ފިލްމުތަކާއި ޓްވިޓާގައި އޯވަރިއެކްޓް ނުކުރުން ކަމަށެވެ.

އާންމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވިވެކްގެ ޓްވީޓަށް ފާޑު ކިޔަމުން ބުނީ އެ ޓްވީޓަކީ ކައިވެނިކޮށްގެން ރީތި ދިރިއުޅުމެއް އުޅެމުން އަންނަ އަންހެނެއްގެ ގަދަރު ކުޑަކޮށްލުމުގެ އަމަލެއް ކަމަށާއި ވިވެކްއާ ދޭތެރޭ ފިޔަވަޅު ވެސް އަޅަން ޖެހޭ ކަމަށެވެ. އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުން ވެސް މިހާރު ދަނީ ވިވެކާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ނަމަވެސް އޭނާ މީޑިއާތަކަށް ބުނީ އޭނާއަކީ އަބަދުވެސް އަންހެނުންނަށް އިހުތިރާމުކުރާ މީހެއް ކަމަށާއި އަންހެނުން ބާރުވެރި ކުރުވަން މަސައްކަތް ކުރާތާ ވެސް 10 އަހަރުވެއްޖެ ކަމަށެވެ. އަދި ޓްވީޓަކީ އެއްވެސް މީހެއްގެ އިހުސާސްތަކާ ކުޅެން ކުރި ކަމަށް ނޫން ކަމަށް ބުނެ، ޓްވީޓް ޑިލީޓްކޮށްލައި ވަނީ މައާފަށް އެދިފަ އެވެ.

އައިޝްވާރިޔާ އާއި ސަލްމާން ލޯބީގެ ގުޅުން 2000 ގެ އަހަރުތަކުގެ ކުރީކޮޅު ވަރަށް ހިތިކޮށް، ނިމިގެން ދިއުމަަށް ފަހު، އައިޝްވާރިޔާ ދެން ލޯބީގެ ގޮތުން ގުޅުނީ ވިވެކްއާ އެވެ. ނަމަވެސް އޭގެ ތެރެއަށް ސަލްމާން ވަދެ، ބިރު ދައްކައި އިންޒާރު ދޭ ކަމަށް ބުނެ މީޑިއާތައް އެއްކޮށްގެން ދިން ވިވެކް ދިން އިންޓަވިއުއަކާ ގުޅިގެން އޭނާ އާއި އައިޝްވާރިޔާގެ ގުޅުން ވެސް ނިމުމަކަށް އަ އެވެ.

އޭގެ ފަހުން ސަލްމާނާއި ވިވެކާ ދެމެދު ބޮޑު ހަތުރުވެރި ކަމެއް އުފެދިފައިވާ އިރު، ސަލްމާންގެ ކިބައިން ވިވެކް ވަނި އެތައް ފަހަރެއްގެ މަތިން މައާފަށް ވެސް އެދިފަ އެވެ. އެކަމަކު އެ މާފު ސަލްމާން ބަލައެއް ނުގަނެ އެވެ.

އައިޝްވާރިޔާ އާއި ވިވެކްގެ ގުޅުން ނިމުމަކަށް އައުމުން އޭނާ ވަނީ 2010 ގައި އިންޑިއާގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ޕްރިޔަންކާ އަލްވާއާ ކައިވެނިކޮށްފަ އެވެ. އަދި އެ ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ.