ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް، އަކްޝޭ ކުމާރުގެ ފިލްމު "މިޝަން މަންގަލް" އެ މަހުގެ 9 އަށް އަވަސްކޮށްފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނީ އެ ފިލްމު ރިލީޒްކުރުން އަވަސްކުރީ ބޮޑު އެހެން ދެ ފިލްމަކާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ނުދާންވެގެން ކަމަށެވެ. އެ ދެ ފިލްމަކީ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" އާއި ޕްރަބާސްގެ "ސާހޯ" އެވެ.

"މިޝަން މަންގަލް" އަކީ އަންހެން ސައިންޓިސްޓުންތަކެއް އިސްކޮށް ތިބެގެން ނޮބެމްބަރު، 5، 2013 ގައި އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މި ފިލްމުގައި އަކްޝޭ އާއި ވިދިޔާއާ އެކު، ސޮނާކްޝީ ސިންހާ، ނިތިޔާ މެނަން، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ، ޝަރުމަން ޖޯޝީ އަދި ސަންޖޭ ކަޕޫރް ފެންނާނެ އެވެ.

"މިޝަން މަންގަލް" އަކީ ޑައިރެކްޓަރު އާރް ބަލްކީ އާއި ފޮކްސް ސްޓާ ސްޓޫޑިއޯގެ އިތުރުން އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސް އިން ހަދާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ޖަގަން ޝަކްތީ އެވެ.

"މޮންސޫން ޑޭޓް" މި މަހުގެ 5 ގައި

ކޮންކޮނާ ސެން ޝަރުމާ ލީޑް ރޯލް ކުޅެފައިވާ ކުރު ފިލްމު "އަ މޮންސޫން ޑޭޓް" މި މަހުގެ 5 ގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމު ސްޓްރީމް ކުރާނީ އިރޯސް ނައުއިންނެވެ. "އަ މޮންސޫން ޑޭޓް" އަކީ ތަނޫޖާ ޗަންދުރާގެ ޑައިރެކްޝަނެކެވެ. އޭނާއަކީ ދުޝްމަން (1998) އާއި ސަންގާޝް (1999) ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރެވެ.

"މޮންސޫން ޑޭޓް" ގެ ޓްރެއިލާ ވެސް ވަނީ ދައްކާލައިފަ އެވެ.

"ބަންޓީ އޯރް ބަބްލީ އެގެއިން" ޝާދު ޑައިރެކްޓެއް ނުކުރާނެ

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2005 ގައި ގެނެސް ދިން ކާމިޔާބު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައި ހަދަން ތައްޔާރުވަމުން ދަނިކޮށް، ސީކްއެލް ޑައިރެކްޓް ނުކުރާނެ ކަމަށް ޕްރިކްއެލް ޑައިރެކްޓް ކުރި ޝާދު އަލީ ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް އޭނާ ވަނީ "ބަންޓީ އޯރް ބަބްލީ އެގެއިން" ޑައިރެކްޓް ނުކުރާކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ. ނަމަވެސް ޝާދުގެ ބަދަލުގައި އެ ފިލްމު ޑައިރެކްޓް ކުރާނެ މީހަކު އަދި ނޭނގެ އެވެ.

ވައިއާރްއެފަށް ކާމިޔާބު ފިލްމު "ސާތިޔާ" ވެސް ހަދައި ދިން ޝާދު އެންމެ ފަހުން އެ ސްޓޫޑިއޯ އަށް ޑައިރެކްޓް ކުރީ 2014 ގެ ފްލޮޕް ފިލްމު "ކިލް ދިލް" އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ބަންޓީ އޯރް ބަބްލީ އެގެއިން" ގެ ޝޫޓިން ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން މި މަހުގެ ތެރޭގައި ފަށާނެ އެވެ. އެކަމަކު ވައިއާރްއެފުން ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.

"ޗިޗޯރް" ގެ ޕޯސްޓަރު ޝޫޓިންގެ ތެރެއިން

އޮގަސްޓް މަހު ރިލީޒް ކުރާ ފިލްމު "ޗިޗޯރް" ގެ ޕޯސްޓަރުތައް ތައްޔާރު ކުރަން ކުރިއަށް ގެންދިޔަ ފޮޓޯ ޝޫޓްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

"ޑަންގަލް" ގެނެސް ދިން ނިތޭޝް ތިވާރީ ޑައިރެކްޓް ކުރާ ފިލްމުގެ ޝޫޓިން ނިންމާލައި، ފިލްމު މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގަ އެވެ. "ޗިޗޯރް" ގެ ތަރިންނަކީ ސުޝާންތު ރާޖްޕޫތު، ޝްރަދާ ކަޕޫރް، ޕްރަތީބް ބައްބަރު، ވަރުން ޝަރުމާ، ތާހިރު ރާޖް ބާސިން އަދި ނަވީން ޕޮލިޝެޓީ އެވެ.

މި ފިލްމުގައި ކިޔައި ދެނީ އެކީގައި ޔުނިވަސިޓީ ތައުލީމު ހާޒިރު ކުރި ހަތް ޒުވާނެއްގެ އެހާރާއި މިހާރުގެ ވާހަކަ އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ "ޗިޗޯރް" ރިލީޒް ކުރާނީ އޮގަސްޓް 30 ގަ އެވެ.