ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ގެ ބަތަލާގެ ރޯލް އާލިއާ ބަޓަށް ލިބުނަސް، ފިލްމުން އޭނާގެ މާ ހާއްސަ ކެރެކްޓާއެއް ނުފެންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.


ބައެއް މީޑިއާތަކުން ބުނީ "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ހަދާ އާ ފިލްމަކީ 1920 ގެ އަހަރުތަކުގައި ހިނގާ ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ފިލްމަކަށްވާތީ އޭގެ މައިގަނޑު ކެރެކްޓާތައް ބިނާ ވަނީ ފިލްމުގެ މައި ދެ ބަތަލުންނަށް ކަމަށެވެ. އެއީ ސައުތުގެ ދެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ.

އާލިއާ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި މި ފަހުން ވަރަށް ވެސް ވަރުގަދަ ކެރެކްޓާތައް ކުޅެން ލިބޭ ބަތަލާއަކަށްވެފައި، "އާރްއާރްއާރް" އިން ބެލުންތެރިން އުންމީދު ކުރާ ވަރުގެ ރޯލަކުން އާލިއާ ނުފެނިދާނެތީ އެއީ ފޭނުން ވެސް މާޔޫސް ވާނެ ކަމަކަށް ވާނެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ ފިލްމުގެ ބަތަލާއަކަށް އާލިއާ ހަމަޖެއްސީ، ކުރިން އޮތް ވަރަށް ވުރެ ބަތަލާގެ ރޯލް ބޮޑުކޮށްފައި ކަމަށެވެ.

އާލިއާ ބުނެފައިވާ ގޮތުގައި ރާޖަމޯލީއާ އެކު މަސައްކަތް ކުރަން ލިބުމަކީ ހުވަފަނެއް ހަގީގަތަކަށްވުމެވެ. އެހެންވެ "އާރްއާރްއާރް" އިން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށް ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ޖުލައި 30 ގައި ރިލީޒް ކުރާ މި ފިލްމުގެ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.

"ޗެހެރޭ" ގައި އިމްރާން ފެންނާނެ ގޮތް ދައްކާލައިފި

ދާދި ފަހުން ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލި ރޫމީ ޖެފްރީގެ ފިލްމު "ޗެހެރޭ" ގައި އިމްރާން ހާޝިމީ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

މި ސަސްޕެންސް ތުރިލާގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ކްރިތީ ކަރްބަންދާ އަދި ރިއާ ޗަކްރަބަތީ ހިމެނެ އެވެ.

"ޗެހެރޭ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 21 ގަ އެވެ. މި ފިލްމަކީ އަމީތާބާއި އިމްރާން އެކީގައި ސްކްރީން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.

ސިދާންތު އަށް ވައިއާރްއެފްގެ ފިލްމެއް

ފެބްރުއަރީ މަހު ރިލީޒް ކުރި "ގަލީ ބޯއި" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ސިދާންތު ޗަތުރަވެދީއަކީ މިހާރު ވަރަށް ގިނަ ސްޓޫޑިއޯތަކުން ލޯ އަޅަމުން އަންނަ އެކްޓަރެކެވެ. ފުރަތަމަ ފިލްމުގައި ދެއްކި އެކްޓިންއާ އެކު އޭނާ އަށް އަންނަނީ ގިނަ އޮފާތައް ވެސް ލިބެމުންނެވެ.

ނަމަވެސް "ގަލީ ބޯއި" އަށް ފަހު ސިދާންތު ދެން ކުޅޭނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. މިހާރު މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް ވަނީ އޭނާ އަށް ހުށަހަޅައިފަ އެވެ. އަދިތިޔާ ޗޯޕްޅާ ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ކޮމެޑީއެއް ކަމަށާއި ވަރަށް އަވަހަށް ފިލްމު އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ބުނީ "ގަލީ ބޯއި" ގެނެސް ދިން އެކްސެލް އެންޓަޓައިންމަންޓްގެ އިތުރު ފިލްމެއްގެ ލީޑް ރޯލަށް ސިދާންތު ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ފިލްމުގެ ޑައިރެކްޓަރަކީ ސްރީދޭވީ 2017 ގައި ކުޅުނު "މޮމް" ގެ ޑައިރެކްޓަރު ރަވީ އުދޭވަރު ކަމަށް ބުންޏެވެ.

"ޓިޕް ޓިޕް ބަރުސާ ޕާނީ" ޔަގީން

އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަންގެ 1994 ގެ ފިލްމު "މޮހޮރާ" އައިކޮނިކް ވާރޭތެރޭ ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" ރިކްރިއޭޓް ކުރާކަން އަކްޝޭ ކަށަވަރުކޮށް ދީފި އެވެ.

"މޮހޮރާ" ގެ ޕްރޮޑިއުސަރު ރަތަން ޖެއިންއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާ ކުރަމުން އަކްޝޭ ބުނީ އޭނާގެ އައިކޮނިކް ލަވަ އެހެން އެކްޓަރަކަށް އަލުން ހަދަން ފުރުސަތު ލިބުނު ވަރަށް ބޮޑަށް މާޔޫސްވީސް ކަމަށެވެ. އެކަމަކު އެ ފުރުސަތު ތަނަވަސްކޮށް ދިން ކަމަށްޓަކައި ރަތަން އަށް ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ.

"ޓިޕް ޓިޕް ބަރުސާ ޕާނީ" މި ފަހަރު ހިމަނަން ނިންމާފައި ވަނީ އަކްޝޭ މިހާރު ކުޅެމުން އަންނަ ރޯހިތު ޝެޓީގެ ފިލްމު "ސޫރިިޔާވަންޝީ" ގަ އެވެ. އަދި މި ފަހަރު ލަވައިން އަކްޝޭއާ އެކު ފެނިގެން ދާނީ ކެޓްރީނާ ކެއިފެވެ.

"ޓިޕް ޓިޕް ބަރުސާ ޕާނީ" އަކީ އަލްކާ ޔަގްނިކާއި އުދިތު ނާރަޔަން ކިޔާފައިވާ ލަވައެކެވެ.

"ސޫރިޔާވަންޝީ" ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗް 27 ގަ އެވެ.