"ހައުސްފުލް 5" ގެ ބައި ގިނަވާނެ

ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ގެނެސްދިން "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ. މިދިޔަ މަހު ރިލީޒްކުރި އެ ފިލްމަށް ކްރިޓިކުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް މާސް އޯޑިއެންސް ބޭނުންވާ ކަހަލަ ރަހަތައް ފިލްމުގައި ހުރުމުން އެ ފިލްމަކީ ބޮކްސް އޮފީހުގައި ހިނގި ފިލްމެކެވެ.


ދެން އޮތީ "ހައުސްފުލް 5" ގެ ވާހަކަ އެވެ، މުމްބާއީ މިރާ އިން ބުނާ ގޮތުގައި ސާޖިދު މިހާރު ވެސް ވަނީ ފަސް ވަނަ ބަޔާ ގުޅޭ ގޮތުން ވިސްނަން ފަށައިފަ އެވެ. އެ ނޫހުން ބުނިގޮތުގައި ފަސް ވަނަ ފިލްމުގެ ކާސްޓް ވެސް މާ ބޮޑުވާނެ އެވެ.

"ހައުސްފުލް" ގެ ކޮންމެ ފިލްމެއްގައި އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް ހިމެނުނު ނަމަވެސް، ކޮންމެ ފަހަރަކު ވެސް ފިލްމުގެ ލީޑް ކާސްޓަށް ބޮޑު ބަދަލެއް އާދެ އެވެ. ހަތަރު ވަނަ ބައިން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ބޮބީ ޑިއޯލް އާއި ކްރިތީ ސެނަން އާއި ކްރިތީ ކަރްބަންދާގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ.

މުމްބާއީ މިރާ އިން ބުނި ގޮތުގައި މި ހުރިހާ ތަރިންނާ އެކު "ހައުސްފުލް 5" އަށް ކުރީގެ ބައިތަކުން ފެނުނު އިތުރު ތަރިން ވެސް ފިލްމުގެ ކާސްޓްގައި ހިމަނާނެ އެވެ. އޭގެ ތެރޭގައި ފުރަތަމަ ބައިގެ ބަތަލާއިންގެ ތެރޭގައި ހިމެނުނު ދީޕިކާ ޕަދްކޯނާއި ދެވަނަ ބައިގައި ހިމެނުނު ޖޯން އަބްރަހަމް އާއި ދެވަނަ ބަޔާއި ތިން ބައިގައި ހިމެނުނު ޖެކްލިން ފެނަންޑޭޒްގެ އިތުރުން ތިން ވަނަ ބައިގައި ހިމެނުނު އަބީޝެކް ބައްޗަން ހިމެނެ އެވެ.

މި ހުރިހާ ތަރިންތަކެއް "ހައުސްފުލް 5" އިން ފެންނާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނީ "ހައުސްފުލް 4" ގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާގައި ތަރިންތައް ނަގާގައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް އާންމުކުރުމާ ގުޅިގެންނެވެ. ބަތަލާ ކްރިތީ އާއި އަކްޝޭ ހިއްސާކުރި އިންސްޓަގްރާމް ޕޯސްޓްތަކުގައި ވަނީ "ހައުސްފުލް 5" އުންމީދުކުރަން ޖެހޭ ކަހަލަ އިޝާރާތެއް ވެސް ދީފަ އެވެ.

"ހައުސްފުލް" ފްރެންޗައިޒަކީ ސާޖިދު ޚާން ޑައިރެކްޓްކޮށް ގެނެސްދޭންް ފެށި އެއްޗެކެވެ. މި ސީރީޒްގެ ފުރަތަމަ ދެ ބައި އޭނާ ޑައިރެކްޓްކުރި ނަމަވެސް "ހައުސްފުލް 3" އާއި "ހައުސްފުލް 4" ޑައިރެކްޓްކުރީ ސްކްރިން ރައިޓަރު ފަރުހާދު ސަމްޖީ އެވެ.

ހަތަރު ވަނަ ބައިގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސާޖިދަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން ފިލްމުގެ މަސައްކަތުން އޭނާ އެކަހެރިކޮށް، ފަރުހާދާ ފިލްމު ހަވާލުކުރީ އެވެ.

ފަރުހާދުގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ އާއި ކްރިތީ ސެނަން ލީޑް ރޯލް ކުޅޭ "ބައްޗަން ޕާންޑޭ" އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.