މުނިފޫހިފިލުވުން / ބޮލީވުޑް

އާމިރާއި ޝާހްރުކް ދޫކޮށްލި ފިލްމު ސަލްމާން ޚާނަށް ހުށަހަޅައިފި

24 ފެބުރުއަރީ 2020 - 07:18

އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ އަކީ އަދިވެސް ކޮޅެއްގައި ނުޖެހި އޮތް ފިލްމެކެވެ. މި ފިލްމު އެންމެ ފުރަތަމަ "ސެލިއުޓް" ގެ ނަމުގައި އާމިރު ޚާން ކުޅޭ ގޮތަށް އިއުލާންކުރީ 2017 ގަ އެވެ. އެކަމަކު ފިލްމުގެ ވާހަކަ ދެކެވެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާ ވަނީ އެ ފިލްމު ނުކުޅެން ނިންމައި، އެ ކުޅެދޭން ޝާހްރުކް ޚާންގެ ކިބައިން އެދިފަ އެވެ.

ކަންދިމާކުރި ގޮތުން އޭނާ ފިލްމަށް އެއްބަސްވި އެވެ. އަދި އެއާ އެކު "ސެލިއުޓް" ގެ ނަން "ސާރޭ ޖަހާ ސެ އައްޗާ" އަށް ބަދަލުކުރި އެވެ. ނަމަވެސް 2018 ގައި ރިލީޒްކުރި ޝާހްރުގެ އުންމީދީ ބޮޑު ބަޖެޓް ފިލްމު "ޒީރޯ" ބޮޑުތަނުން ފެއިލްވުމުން އޭނާ ވަނީ "ސާރޭ ޖަހާ ސެ އައްޗާ" ދޫކޮށްލައިފަ އެވެ.

އޭގެ ފަހުން އެރި އަޑުތަކަށް ބަލާ އިރު، މި ފިލްމު ފަހުން ވަނީ ޒުވާން އެކްޓަރު ވިކީ ކޯޝަލަށް ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް "ސާރޭ ޖަހާ ސެ އައްޗާ" އާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އެ ފިލްމު މިހާރު ވަނީ ސަލްމާން ޚާނަށް ހުށަހަޅައިފަ އެވެ.

ސިދާތު އަދި ސަލްމާން.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ފިލްމުގެ ސްކްރީންޕްލޭގެ ރައިޓްސް އޮތް ޕްރޮޑިއުސަރު އަދި ބަަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ އަދިތިޔާ ރޯއި ކަޕޫރް މީގެ ދުވަސްކޮޅެއް ކުރިން ސަލްމާނާ ބައްދަލުކޮށް، ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ނޫހުން ބުނިގޮތުގައި ވަރަށް އުންމީދީ ބޮޑު ފިލްމެއްގެ ގޮތުގައި ސިދާތު "ސާރޭ ޖަހާ ސެ އައްޗާ" ދެކޭތީ އޭނާ ބޭނުން ވަނީ ސަލްމާން ކަހަލަ ވަރުގަދަ އެކްޓަރަކާ އެކު ފިލްމު ގެނެސްދޭށެވެ. އެހެންވެ އޭނާއާ އަދިވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ސަލްމާން ފިލްމަށް އެއްބަސްވާނެތޯ ނޫންތޯ އަދި އޮތީ ސުވާލު މާކެއްގެ ތެރޭގައި ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާތީ އަންނަ މަހުން ފެށިގެން އޭނާ ހުސްވާނެ އެވެ. އެހެންވެ "ސާރޭ ޖަހާ ސެ އައްޗާ" ކުޅޭނެތޯ ނޫންތޯ ނިންމާނެ އެވެ.

ނަމަވެސް އެޕްރީލް މަހުގެ ތެރޭގައި އޭނާ އެމެރިކާ އަށް ޓުއާއެއް ފަށަން އަންނަނީ ތައްޔާރީތައްވަމުންނެވެ.

"ރާދޭ" އަށް ފަހު ސަލްމާން މަސައްކަތް ފަށާނެ ފިލްމެއް އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނެތެވެ. އެކަމަކު ޅިޔަނު އާޔޫޝް ޝަރުމާއާ އެކު ގޭންގްސްޓާ ފިލްމެއްގެ ތައްޔާރުވަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ. ފިލްމުފެއާ އިން ބުނި ގޮތުގައި ސަލްމާން ސިކު ފުލުހެއްގެ ރޯލުން ފެންނާނެ އެ ފިލްމަކީ އާޔޫޝްގެ އަލަތު ފިލްމު "ލަވްޔާތުރީ" ގެ ޑައިރެކްޓަރު އަބިރާޖް މިނަވާލާ ހަދާ ފިލްމެކެވެ.

މީގެ އިތުރުން ސަލްމާންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ސާޖިދު ނަދިއަދުވާލާގެ "ކިކް 2" އަކީ ވަގުތު ހުސްކުރަން ޖެހޭ ފިލްމެކެވެ.

"ސާރޭ ޖަހާ ސެ އައްޗާ" އަކީ ވަރަށް ބޮޑެތި ތައްޔާރީތަކާއި ޓްރޭނިންތަކެއް ވެސް ހަދައިގެން ކުޅެން ޖެހޭ ކަހަލަ ފިލްމެކެވެ. ސަބަބަކީ މިއީ އެސްޓްރޮނޯޓެއްގެ ވާހަކަ ކިޔައިދޭ އެއްޗަކަށްވުމެވެ. ސުވާލަކީ އެ ފިލްމުގެ ޓީމުން ބޭނުންވާ ގޮތަށް ސަލްމާނަށް ވަގުތު ވެދާނެތޯ އެވެ؟

މިހާރު އުމުރުން 71 އަހަރުގެ ރާކޭޝް ޝަރުމާ އަކީ ކުރިން އިންޑިއަން އެއާ ފޯސް (އޭއައިއެފް) ގެ މަސައްކަތްކުރި މީހެކެވެ. އޭނާގެ ނަން ތާރީހުގައި ލިޔެވިފައި ވަނީ ޖައްވީ ދަތުރެއް ކުރި ހަމައެކަނި އިންޑިއާ މީހާގެ ގޮތުގަ އެެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454