ކްއިބީ: ކުރު ވީޑިއޯތައް ބަލާލަން ހާއްސަ އެޕެއް

ކުރު ވީޑިއޯތައް ސްޓްރީމްކުރެވޭ ގޮތަށް އަލަށް ތައާރަފުކުރި މޮބައިލް އެޕް "ކްއިބީ" އަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.


ޖެފްރީ ކެޒެންބާގްގެ މޭސްތިރިކަމުގެ ދަށުން މި މަހުގެ 6 ގައި އެމެރިކާ އާއި ކެނެޑާގައި ލޯންޗްކުރި މި އެޕް ފުރަތަމަ ހަފުތާ ތެރޭގައި ވެސް 1.7 މިލިއަން މީހުން ޑައުންލޯޑްކޮށްފައިވެ އެވެ. "ކްއިބީ" އެޕަލް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

"ކްއިބީ" ގެ ސީއީއޯ މެގް ވިޓްމަން ބުނީ އެ ޕްލެޓްފޯމަކީ 10 މިނިޓް ނުވަތަ އެއަށް ވުރެ ކުރު ވީޑިއޯތަކަށް ހާއްސަ އެއްޗެއް ކަމަށާއި މި ވަގުތު ހަމައެކަނި އެޕް ބޭނުން ކުރެވެނީ ސްމާޓްފޯން މެދުވެރި ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި ޓެބްލެޓާއި ޓީވީތަކުން ވެސް "ކްއިބީ" ބެލޭނެ ގޮތް ހަދާނެ ކަމަށެވެ.

ހިއުލެޓް ޕެކާޑް (އެޗްޕީ) އާއި ޑްރޮޕްބޮކްސްގައި ކުރިން އިސް މަގާމުތަކެއް އަދާކޮށްފައިވާ މެގް ބުނިގޮތުގައި "ކްއިބީ" އަކީ ހާއްސަކޮށް ބިޒީކޮށް އުޅޭ މީހުންނަށް ދޭތެރެއަކުން ލިބޭ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޫހިފިލުވައިލަން ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ. އަދި އެއަށް މިހާރު ލިބެމުން އަންނަ ތަރުހީބަކީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ ކަމަށް ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ކަމަށް ބުންޏެވެ.

"އޭގެ މާނަ އަކީ އާންމުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ކަހަލަ އެޕަކަށް ކްއިބީވިކަން،" މެގް ބުންޏެވެ. "އަހަރެމެން މީތި ލޯންޗްކުރީ ތިން މަސް ދުވަހުގެ ފްރީ ޓްރައިލާ ވެސް އެކު އަދި މީތި ބޭނުން ކުރާ މީހުންގެ ބޮޑު ނިސްބަތަކީ ތިރީސް އަހަރުން ދަށުގެ މީހުން."

"ކްއިބީ" ގެ ސީއީއޯ މެގް.

"ކްއިބީ" ގެ ހާއްސަ އެއް ސިފަ އަކީ އެ އެޕްގައި ހިމެނޭ ޓާންސްޓައިލް ފީޗާގެ އެހީގައި ފޯނުގެ ސްކްރީން ލޭންޑްސްކޭޕްކޮށާއި ޕޯޓްރެއިޓްކޮށް ވެސް ފުލް ސްކްރީނަށް ދަމާލައިގެން ވީޑިއޯތައް ބަލައިލެވުމެވެ.

މެގް ބުނިގޮތުގައި "ކްއިބީ" އިތުރު މާކެޓްތަކަށް ދޫކޮށްލުމުގެ ވިސްނުން ހުރީ މި އަހަރުގެ ފަހުކޮޅު އެވެ. އެކަމަކު އޭގެ ކުރިން އިނގިރޭސިވިލާތާއި ޖަރުމަނަށް އެޕް ލިބޭނެ ގޮތް ހަދާނެ ކަމަށް ބުންޏެވެ.

އޭނާ ބުނީ ޓާގެޓަކީ "ކިއުބީ" އަކީ ނެޓްފްލިކްސް އާއި ޑިޒްނީ+ ފަދަ ސްޓްރީމިން ޕްލެޓްފޯމްތަކާއި ޔޫޓިއުބާއި ޓިކްޓޮކް ފަދަ ސޯޝަލް ޕްލެޓްފޯމްތަކާ ވާދަކުރެވޭ ވަރުގެ އެއްޗަކަށް ހެދުން ކަމަށެވެ.