ބްރެޑް ޕިޓާ މިހާރު ގުޅުވަނީ އާލިއާ ޝައުކަތު

އެކްޓަރު އެންޖެލިނާ ޖޮލީއާ އާއި ބްރެޓް ޕިޓް ވަކިވި ފަހުން އެންމެ ގަދައަށް ދެކެވެނު އެއް ވާހަކަ އަކީ ޕިޓް ދެން ސެލެބްރިޓިއަކާ ލޯބީގެ ގޮތުން ނުގުޅޭނެ ވާހަކަ އެވެ. އެންޖެލީނާ އާއި އޭނާގެ ވަކިވުމަކީ ބަތަލާއަކާ ކުރި ދެވަނަ ކައިވެންޏެވެ. ޕިޓްގެ އަލަތު ކައިވެންޏަކީ "ފްރެންޑްސް" އިން ވިދައިލި ޖެނިފާ އެނިސްޓަނެވެ.


އެންޖެލީނާއާ ވަކިވި ފަހުން ވެސް އެކި ފަހަރުމަތިން ޕިޓާއި އެކި އަންހެނުންނާ އަޅުވާކިޔާފައިވެ އެވެ. އަދި މި ފަހުން ވަރަށް ހޫނުކޮށް ދެކެވުނު އެއް ވާހަކަ އަކީ އޭނާ އާއި އެނިސްޓަން އަލުން ގުޅޭ ވާހަކަ އެވެ. އެކަމަކު އެކަމަށް ބާރު ލިއްބައިދޭ މާ ބޮޑު ކަމެއް ހިނގައިފައެއް ނެތެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި ސެގް އެވޯޑްގެ ތެރޭގައި ދެ މީހުންގެ "ރިޔުނިއަނެއް" ފެނިގެން ދިއުމުން ވަރަށް ގިނަ ބަޔަކު ލަފާކޮށްގެން ތިބީ މިއާ އަލުން އަނެއްކާ ވެސް އެ ދެ ތަރިން އެއް ގަލަކަށް އަރަން އުޅޭކަމުގެ މަންޒަރެއްގެ ގޮތުގަ އެވެ.

ނަމަވެސް އެހެންވާ ތަނެއް ނުފެނެ އެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ޕިޓްގެ އާ ބައިވެރިއަކީ ބަތަލާ އާލިއާ ޝައުކަތެވެ. އެމެރިކާ އަށް އުފަން 31 އަހަރުގެ އާލިއާ އަކީ "ގްރީމް ރޫމް" އާއި "ޑަކް ބަޓާ" ފަދަ ފިލްމުތަކުގެ ބަތަލާ އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އޭނާ އާއި ޕިޓާ ދެމެދު އޮތް ގުޅުން މިހާރު ވަރަށް ވަރުގަދަ އެވެ. އަދި ދެ މީހުންގެ ގުޅުން ސީރިއަސްވަމުން އަންނަ އިރު، ޕިޓްގެ ގާތް ބައެއް މީހުންނަށް އާލިއާ ތައާރަފު ވެސް ކޮށްދީފައިވާ ކަމަށްވެ އެވެ. މީގެ އިތުރުން ދެ މީހުން އެކީގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ.

އިން ޓަޗް ވީކްލީން ބުނެފައިވާ ގޮތުގައި އާލިއާ އަކީ ޕިޓް އެންމެ ބޭނުންވާ ކަހަލަ މީހެކެވެ. އެގޮތުން އޭނާ އަކީ ވަރަށް ސަކަ، މަޖާ މިޒާޖުގެ މީހަކަށްވުމާއި ދެ މީހުންގެ މިޒާޖުގައި ވެސް އެއްގޮތް ކަންތައްތަކެއް ހުރި ކަމަށްވެ އެވެ. އޭގެ ތެރޭގައި އާޓާއި އާކިޓެކްޗާ ފަދަ ކަންކަމަަށް ވެސް ދެ މީހުންގެ ޝައުގުވެރިކަން ހުރުމާ އެކު، ފިލްމީ މަސައްކަތުގައި ވެސް ދެ މީހުންގެ ހިޔާލު ވަރަށް އެއްގޮތް ކަމަށް ބުންޏެވެ.

އިން ޓަޗުން ބުނިގޮތުގައި އާލިއާ މެދު ޕިޓް މިހާރު ވަރަށް ސީރިއަސް ނަމަވެސް، އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ވިސްނުމެއް އޭނާގެ މިހާރަކު ނެތެވެ. އެހެންވެ ބޭނުން ވަނީ މަޑުމަޑުން ދެ މީހުންގެ ގުޅުން ކުރިއަށް ގެންދާށެވެ. އަދި ކައިވެންޏަކާ ދޭތެރޭ ވިސްނާނީ އެއަށް ފަހު އެވެ.

ޕިޓާއި އާލިއާގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް ދެ މީހުން މިހާތަނަށް ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.